ޕީއެންއެފް އުފައްދާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދީފި

 

ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާތީ، މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ދީފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލުވެސް ވަނީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

"ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ރައީސް ޔާމީން ޕާޓީ ޕީއެންއެފްއަށް އީސީއިން މިއަދު ވަނީ ދޫކޮށްފަ" އެކްސްގައި މަލީހު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީންއަށް ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދިނީ 29 ނޮވެމްބަރ 2023 ގައެވެ. އެއާއެކު، ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ފޯމު ހަމަކޮށް ކޮމިޝަނަށް ހުށައެޅީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޕާޓީ ރަޖިސްޓްރީވެފައި ނުވާތީ، ޕީއެންއެފްގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރަނީ އަމިއްލަގޮތުންނެވެ.

advertisement
ހިޔާލު ދެއްވާ!