ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރެކޯޑް ފައިދާއެއް ހޯދުމަށްފަހު ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ހުށަހަޅައިފިއެވެ.
ބޭންކުން ޢާއްމުކޮށްފައިވާ ވިޔަފާރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރަކީ ބީއެމްއެލް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ މަންފާއެއް ހޯދި އަހަރެވެ. އެގޮތުން އެކި އިދާރާތަކަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ ހޯދާފައެވެ.
މިނަތީޖާއާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މިހުށަހެޅުން ދެން ބާއްވާ އަހަރީ އާންމު ޖަލްސާއަކަށް ހުށަހަޅާނެއެވެ. ބީއެމްއެލުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށެވެ. މި ނަތީޖާއާއެކު ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުމަކީ އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށާއި މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
"ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދިނުމަށާއި ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް އަޅުގަނޑު އެ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މި ފުރުސަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންކޮށްދެއްވި ބުރަ މަސައްކަތަށާ އަދި ހަމައެހެންމެ ބޭންކުން ކުރަމުންދާ މިދަތުރުގައި އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ހިއްސާދާރުންނަށްވެސް ޝުކުރުއަދާކުރަން." ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވިއެވެ.