ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ

ދުނިޔޭގައި ހުރި އެންމެ ދޮށީ މީހާ 114 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި ހުރި އުމުރުން އެންމެ ދޮށީ މީހާ، ހުއާން ވިންސެންޓް ޕެރޭޒް މޯރާ، 114 އަހަރުގައި މަރުވެއްޖެ އެވެ.

ވެނެޒުއޭލާއަށް ނިސްބަތްވާ ޕެރޭޒަށް ޢުމުރުން އެންމެ ދުވަސްވީ މީހާގެ ލަޤަބު ގިނީސް ވޯލްޑް ރެކޯޑުން ދިނީ 4 ފެބްރުއަރީ 2022 ގައި އޭނާގެ ޢުމުރުން 112 އަހަރާއި 253 ދުވަސްވީ ދުވަހުއެވެ.

ޕެރޭޒްގެ މަރާ ގުޅިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ޕެރޭޒް ދިރިއުޅުނު ޓަޗީރާގެ ގަވަރުނަރުވެސް ވަނީ ޕެރޭޒް މަރުވި ހަބަރު ލިބުމުން ހިތާމަ ކުރާ ކަމަށާއި، އޭނާއަކީ ވަރަށް މަޑުމައިތިރި އަދި މަސައްކަތްތެރި މީހެއް ކަމަށް ބުނެފައެވެ.

މެއި 27, 1909 ގައި އުފަންވީ ޕެރޭޒްގެ އަންހެނުން މަރުވެފައިވަނީ ދެމީހުންގެ ކައިވެންޏަށް 60 އަހަރުވީ ފަހުން 1997 ގައެވެ. ޕެރޭޒް މަރުވިއިރު އޭނާގެ 11 ދަރިންނާއި 42 ކާފަ ދަރިންނާއި، 18 މުނިކާފަ ދަރިންގެ އިތުރުން 12 މުނިމުނި ކާފަ ދަރިން އެބަ ތިއްބެވެ.

advertisement
ހިޔާލު ދެއްވާ!