ޒަކާތު ފަންޑުން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދެނީ

ޒަކާތު ފަންޑުން ފަލަސްތީންގެ ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، "ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން" ކަމުގައެވެ.

އެކްސްގައި ވަޒީރު ކުރެއްވި ޕޯސްޓް ފިޔަވައި މިކަމާގުޅޭ އެއްވެސް މަޢުލޫމާތެއް ނުވަތަ އިތުރު ތަފްސީލެއް ވަޒީރު ޝަހީމް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެއަކީ ފެށުނީއްސުރެވެސް އިސްރާއީލުން ފަލަސްތީންގައި ހިންގާ ގަތުލު އާއްމާއި ދެކޮޅު ހަދަމުންދާ ޤައުމެކެވެ. އަދި ރާއްޖެ އިން އަންނަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. މީގެ އިތުރުން ފަލަޞްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް އަބަދުވެސް ރާއްޖޭގައި ކުރިޔަށްގެންދެއެވެ.

އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 33000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމަލާތަކުގެ އިތުރުންވެސް، ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީން ހުރަސް އަޅަމުންދާތީ، ޣައްޒާގައި ބަނޑުހައިހޫނުކަން އިންތިހާއަށް ބޮޑުވެ، ޣައްޒާގެ އާާބާދީގެ %80 ވަނީ ބަނޑަށް ޖެހިފައެވެ.

advertisement
ހިޔާލު ދެއްވާ!