"اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. خَلَقَ الْإِنسَانَ مِنْ عَلَقٍ ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. اقْرَأْ وَرَبُّكَ الْأَكْرَمُ ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. الَّذِي عَلَّمَ بِالْقَلَمِ އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." މިއީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކިރި މާތް ނަބިއްޔާގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ އާޔަތްތަކެވެ. މިއާޔަތްތަކުގައި ބާރު އަޅުއްވާފައި މިވަނީ ކިޔެވުމަށެވެ. އުނގެނުމަށެވެ. އިލްމު ހޯދުމަށެވެ. މިކަމުން އެކަނިވެސް އެނގިގެން މިދަނީ އިސްލާމްދީނަކީ އެހެން އެއްވެސް ދީނެއްގައި ބާރު އަޅާފައިނުވާ މިންވަރަށް ޢިލްމަށް ބާރު އަޅުއްވާފައިވާ ދީނެއްކަމެވެ.
މިކަން މިހެން އޮތުމުން، ދީނީ އަދި ދުނިޔަވީ އެތައް ޢިލްމުތަކެއް ތަޖުރިބާކޮށް ތަހުލީލުކޮށް އާއީޖާދުތައް ކުރަމުން ދިޔަ ބައެއްކަމުގައި މުސްލިމު މުޖުތަމަޢުގެ ޢިލްމުވެރިންވިއެވެ. މުސްލިމުން ވެގެން ދިޔައީ ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށް ޢިލްމު ހޯދަމުންދިޔަ ބައެއްކަމުގައެވެ. ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްކަމުގައިވާ "ސީނުކަރައަށް ގޮސްގެންވިޔަސް ޢިލްމު އުނގެނޭށެވެ" ގައިވާ ފަދައިންނެވެ. ހަމައެހެންމެ، މުސްލިމު ވެރިކަމުގެ ބާރުތަކުން ޢިލްމުތައް ހޯދާ އެއްކުރުމުގެ މަސައްކަތަށް ބެހެއްޓެވި އަހަންމިއްޔަތާއި ޝަޢުޤުވެރިކަމަކީ މުސްލިމުން މި ޢިލްމުތަކުގައި ކުރިއަރައިގެންދާން މެދުވެރިވި އެންމެ މުހިއްމު އެއް ސަބަބެވެ. ލިޔެވޭ ފޮތްތަކުގެ ބަރުދަނަށް ރަނުން އިނާމު ދެއްވުމަކީ އޭރުގެ ވެރިކަމުން ކުރިޔަށް ގެންދެވި ވަރަށް ކާމިޔާބު މަސައްކަތަކަށް ވެގެންދިޔައެވެ. އެކަމުން ޢިލްމުވެރިންނަށް ފޯރިއާއި ޖޯޝު ލިބިގެންދިޔައެވެ. މުޅި ޢުމުރު އެއްކޮށް ޢިލްމު އުނގެނުމަށް ހުސްކޮށްލައްވައިގެން މަސައްކަތްކުރުމަށްވެސް އެބޭފުޅުން ފަސްޖެހިވަޑައިނުގަންވާ އެއް ސަބަބެއްކަމުގައި ވެގެންދިޔައީ، މަސައްކަތް ނިމުމުން މަސައްކަތުގެ އަގު ލިބޭނެކަން ޔަޤީންވެ ކަށަވަރުވާތީއެވެ.
ދުނިޔޭގެ ހުރިހާ ޢިލްމެއްގައިވެސް އެންމެ ކުރީގައި ތިބި ބަޔަކީ އިސްލާމީ ޢިލްމުވެރިންނެވެ. އެގޮތުން މުސްލިމުން ޢިލްމުގައި އެންމެ ކުރިއަރާގެން ދިޔަ ދުވަސްވަރުކަމުގައި ބެލެވޭ ޢައްބާސީ ދަވްލަތުގެ ދުވަސްވަރު މުސްލިމް ޢިލްމުވެރިން ހޯއްދެވި އައު ހޯއްދެވުންތަކާއި ކުރެއްވެވި އީޖާދުތަކާއި ފުރިހަމަ ނަޡަރިއްޔާތުތަކާއި އިލްމީ ހަޤީގަތްތަކަކީ މިއަދު އަހަރެމެން މުސްލިމުން ހަނދާންނެތިގެން ގޮސްފައިވާ ތާރީހުގެ ތާރީޚީ ޙަޤީޤަތްތަކެކެވެ. އެއީ ޙަޤީޤަތެއްކަމުގައި ޤަބޫލުކުރަންވެސް މިޒަމާނުގެ މުޖުތަމަޢަށް ވަނީ ދަތިކަމަކަށް ވެފައެވެ. ހުޅަނގުގެ ޤައުމުތަކުގެ ކެމްޕެއިން ޕްރޮޕެގެންޑާތަކުގެ ސަބަބުންނެވެ. މުސްލިމު ޢިލްމުވެރިންގެ ހޯދުންތައް އަމިއްލަކޮށް އެކަންކަން މަޝްހޫރުކުރުމުގެ ސަބަބުން އެކަންކަން މާބޮޑަށް ޤަބޫލުކުރެވިފައިވާތީއެވެ. ނަމަވެސް ކުރީގެ މުސްލިމުންގެ މަސައްކަތްތަކާއި ހޯދި ހޯދުންތަކާއި އެ މަސައްކަތް ތަކުގައި އިސްވެ އުޅުނީ ކޮން ބޭބޭކަލުންނެއްތޯ ބަލާ ދިރާސާ ކުރުމަކީ އަހަރެމެން މިހާރު ވެއްޓިފައިމިވާ ވަޅުގަނޑުން އަރާގަތުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭކަމެކެވެ.
އެންމެ ފުރަތަމަ ޔުނިވަރސިޓީތައް:
އިސްލާމްދީނުގައި ވަނީ ތަޢްލީމާއި ތަރުބިއްޔަތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައެވެ. ޢަބްދުލްމުޢީދު ޙަސަން އޭނާގް ބްލޮގު ބަހުރު.ނެޓްގައި "މުސްލިމުންގެ ތަހުޒީބު" މިނަމުގައި ލިޔުއްވާފައިވާ ލިޔުމެއްގައިވެއެވެ. "އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަނީ، ތަރައްޤީ އާއި ތަހުޒީބަށް ގޮވާލައްވާފައެވެ. ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ކަލިމަ ކަމުގައިވާ اقْرَأْ އިން ވެސް މިކަން އެނގެއެވެ. އެ ކަލިމައިގެ އާންމު މާނައަކީ، "ކިޔަވާށެވެ!" ނުވަތަ "ކިޔާށެވެ!" ކިޔެވުމާއި ކިޔުމަކީ، ތަޢުލީމު ލިބުމާއި، އޮޅުންފިލުމާއި، ދެނެގަތުމުގެ މަގެވެ. އެއާ ނުލައި ތަރައްޤީ އާއި ތަހުޒީބު ޙާޞިލެއް ނުކުރެވޭނެއެވެ."
މުސްލިމު ވެރިންނާއި އިސްލާމީ ވެރިކަމުގެ ތެރޭގައި ޙަރަކާތްތެރިވި އެންމެންނަށްވެސް މިކަން އެނގިފައިވާތީ، އިސްލާމީ ޙަޟާރަތުގެ ކުރީކޮޅުގައި ދީނީ ޢިލްމާއި ދުނިޔަވީ ޢިލްމުތައް ކިޔަވައިދޭން ފެށުނެވެ. މިސްކިތްތަކުގައި ކިޔަވައިދޭން ފެށުނުކަމުގައިވިޔަސް، އިސްލާމީ ދައުލަތް ތަރައްޤީވެ ފުޅާވެގެންދިއުމާއެކު، ތަޢުލީމުދޭނެ މުއައްސަސާތަކަށް ރަސްމީ ސިފައެއްގައި ބޭނުންވިއެވެ. އެއާއެކު ތަޢްލީމީ މުއައްސަސާތައް ވުޖޫދުކުރެވުނެވެ. އަދި ދުވަސްތަކަކަށްފަހު އެތަންތަން ޔުނިވަރސިޓީތަކަށް ބަދަލުވިއެވެ. ގިނިސް ވަރލްޑް ރެކޯޑް ފޮތް ބުނާ ގޮތުގައި، އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ފުރަތަމަ ޔުނިވަރސިޓީއަކީ މަޣުރިބުކަރައިގެ ފާސް ސަހަރުގައި، ހިޖުރީ ސަނަތުން 245 ވަނަ އަހަރުގައި މީލާދީން 859 ވަނަ އަހަރު އުފެދުނު ޤަރަވިއްޔީން ޔުނިވަރސިޓީ އެވެ. ގިނިސް ވަރލްޑް ރެކޯޑްގެ މިންގަނޑުން ބަލާއިރު އެއީ ފުރަތަމަ ޔުނިވަރސިޓީކަމަށްވިޔަސް، ހިޖްރައިން 120 ވަނަ އަހަރު މީލާދީން 737 ގައި މުސްލިމުން ވަނީ ޒައިތޫން ޔުނިވަރސިޓީގެ ނަމުގައި ޔުނިވަރސިޓީއެއް ވުޖޫދުކޮށްފައިކަން އެކިއެކި ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. މުއައްރިޚު ޙަސަން ޙުސްނީ ބަޔާންކުރައްވާފައިވަނީ، ކީރިތި ޤުރުއާނާއި، ޙަދީޘާއި، މާލިކީ މަޒުހަބުގެ ފިޤުހާއި، އަދަބިއްޔާތާއި، ޢުލޫމު، އެ ޔުނިވަރސިޓީގައި ކިޔަވާދެވުނު ކަމަށެވެ މި ދެ ޔުނިވަރސިޓީގެ އިތުރުން އިސްލާމީ ޔުނިވަރސިޓީތަކުގެ ތެރެއިން އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ޖާމިޢަތުލް އަޒްހަރުގެ ބިންގާ އެޅިފައިވަނީ ހިޖްރައިން 359 ގައި މީލާދީން 970 ގައެވެ.
މި 3 ޔުނިވަރސިޓީއަކީވެސް އިސްލާމީ ދުނިޔޭގައި ބިންގާ އެޅި އިފްތިތާޙް ކުރެވުނު 3 ޔުނިވަރސިޓީއެވެ. މިތަންތަނުން ކިޔަވައި ތަޢްލީމު ޙާޞިލްކޮށް އިސްލާމީ ޢިލްމުވެރިންތަކެއް އުފެދިގެންދިޔައެވެ. އަދި އެޢިލްމުވެރިންގެ ފުށުން އެތައް އާ ހޯދުންތަކެއް ދުނިޔެއަށް ލިބިގެންދިޔައެވެ. ޒަމާނީ ޢިލްމުވެރިކަން ފުޅާވެގެންދިޔަ ދިޔުމުގައި އިސްލާމީ ޢިލްމުވެރިންގެ ދައުރުގެ ބޮޑުވެގެންދިޔައެވެ.
ބެޗްލަރސް ޑިގްރީ:
ލެޓިން ބަހުގެ Baccalaureatus ގެ އަސްލަކީ ޢަރަބި ބަހުގެ بِحَقِّ الرِّوَايَة އެވެ. އެއީ މިހާރު ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީތަކުގައި މިހާރު ދެމުން މިދާ ބެޗްލާރސް ޑިގްރީގެ ފެށުމެވެ. އެގޮތުން 1147 ވަނަ އަހަރުގެ "ބިޙައްޤިއްރިވާޔާ" ސަނަދެއް މިހާރުވެސް ކެމްބްރިޖް ޔުނިވަރސިޓީގައި ރައްކާކުރެވިފައިވާ ކަމަށް ބައެއް އިސްލާމީ މަޞްދަރުތަކުގައި ވެއެވެ. ޔޫރަޕްގައި ބެޗްލަރސް ޑިގްރީ ދޭން ފަށާފައިވަނީ މުސްލިމުން ބެޗްލަރސް ޑިގްރީ ތަޢާރަފްކޮށް ދޭން ފެށިތާ އަހަރުތަކެއް ފަހުން 1221 ގައެވެ.
އިސްލާމީ ޢިލްމުގެ ރަންޒަމާން:
މުސްލިމުންގެ ރަންޒަމާނަކީ ޢައްބާސީ ޚިލާފަތުގެ ޒަމާނެވެ. ޢައްބާސީ ޚިލާފަތް ޤާއިމުވެ، ދިމިޝްޤުން ބަޣްދާދަށް އިސްލާމީ ވެރިކަން ބަދަލުވި ހިސާބަކީ ރަންޒަމާނުގެ ފެށުމެވެ. އެދުވަސްވަރު ސައިންސާއި، ފަލްސަފާއާއި، މެޑިސިންއާއި ދިރާސީ ރޮނގުން މުސްލިމުން ކުރިއަރައިދިޔައެވެ. އެކި ޢިލްމުތަކަށް އެތައް ބައިވަރު ފޮތެއް ލިޔެވިގެން ދިޔައެވެ. ފޮތްތައް ތަރުޖަމާ ކުރެވިގެންދިޔައެވެ. ލިޔެ ތަރުޖަމާކުރެވޭ ފޮތްތަކުގެ ބަރުދަނަން އިސްލާމީ ވެރިކަމުން އިނާމުގެ ގޮތުގައި ރަން ދެއްވިއެވެ. އޭގެ ފަހުން މުސްލިމުންގެ ފޮތްތައް އެކި ބަސްބަހަށް ފަހުން ތަރުޖަމާކުރެވިގެންދިޔައެވެ.
އިސްލާމީ ޢިލްމުވެރިން:
ޝައްކެއްވެސް ނެތްގޮތުގައި އިސްލާމީ ޙަޟާރަތަކީ ދުނިޔޭގެ ތާރީޚުން ފެންނާން އޮތް އެންމެ ކުރިއަރައިގެންދިޔަ ޙަޟާރަތެވެ. ޢިލްމީ ހޯދުންތަކާއި ޢިލްމުވެރިކަމަށް އެކަނި ބަލައިލިޔަސް ސާބިތުވަނީ މި ޙަޤީޤަތެވެ. އެގޮތުން އިސްލާމީ ޢިލްމުވެރިން ޚާއްޞަވެގެންދިޔައީ ވަކި ޢިލްމަކަށް ނޫނެވެ. އިސްލާމީ ޢިލްމުވެރިންނޭ ބުނުމާއެކު ފިޤުހާއި ޢަޤީދާއާއި، ޙަދީޘް ތަފްސީރު ފަދަ ޢިލްމުތައް އެކަނިކަމުގައި ހީވިޔަސް، މުސްލިމުން ވަނީ އެހެން ހުރިހާ ދާއިރާތަކެއްގައިވެސް ދިރާސާތައްކޮށް ޢިލްމީ ޙަޤީޤަތްތައް ބަޔާންކޮށްފައެވެ. އެގޮތުން މުސްލިމު ޢިލްމުވެރިން ވަނީ އެފަދަ ޢިލްމުތައް އޭރު އޮތް ހިސާބުން މުޅިން އާ ހަރުފަތަކަށް ގެންގޮސްދީފައެވެ.
މިހުރިހާ ޢިލްމީ ދާއިރާތަކުގެ ތެރެއިންވެސް ވަރަށް ބޮޑަށް މުސްލިމުން ކުރިއަރައިގެން ދިޔަ ޢިލްމުތަކުގެ ތެރޭގައި ހިސާބު ޢިލްމާއި، ފަލަކީ ޢިލްމާއި، ބޭސްވެރިކަމާއި، ނޫރާނީ ޢިލްމާއި، ޖައްވުގައި އުދުހުމާއި، ފިޒިކްސް އާއި، ކެމިސްޓްރީއާއި، މިޔުޒިކުގެ ޢިލްމު ފާހަގަކޮށްލެވެއެވެ. ޔޫރަޕް ނިދާފައި އޮތް ދުވަސްވަރު، މުޅި ދުނިޔެއަށް ޢިލްމީ ދަންމަރު ފެތުރީ މުސްލިމުންނެވެ. ޔޫރަޕް ކުރިއަރައިގެން ގޮސްފައިވަނީ، މުސްލިމު ޢިލްމުވެރިންގެ މިފޮތްތައް ތަރުޖަމާކޮށް ބޭނުންކުރަން ފެށި ހިސާބުންނެވެ. އެގޮތުން މި އެސައިންމެންޓްގައި ދެން ބަލާލާނީ އިސްލާމީ ތާރީޚުން ފާހަގަކޮށްލެވޭ ބައެއް މުސްލިމު ޢިލްމުވެރިންނަށެވެ.
އަލްޚަވާރިޒްމީ:
މީލާދީން 781 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުސްލިމު ހިސާބު ޢިލްމުވެރިޔާ އަލްޚުވާރިޒުމީ އަކީ އެންމެ ފުންނާބު އުސް އެއް މުޢައްލިމެވެ. އެއް ޢާލިމެވެ. އޭނާ މަޝްހޫރުވެފައިވަނީ އަލްޖަބްރާގެ ބައްޕަގެ ގޮތުގައެވެ. އެގޮތުން ޙަވާރިޒްމީ ވަނީ "ލީނިއަރ އަދި ކުއަޑްރެޓިކް އީކްއޭޝަން" ތައް ޙައްލުކުރާނެ ގޮތުގެ ފޯމިއުލާތައް އީޖާދުކުރައްވާފައެވެ. ހަމައެހެންމެ، އޭނާ ލިޔުއްވި ފޮތް الجبر والمقابلة އަކީ ހިސާބު ޢިލްމުގައި ފާހަގަކުރެވޭ ފޮތެކެވެ.
ޚަވާރިޒްމީގެ އިތުރު ހޯދުންތަކަށް ބަލާލާއިރު، މިހާރު މިބޭނުންކުރެވޭ ހިސާބު އަކުރު ނުވަތަ ވިޔަ އަކުރަކީވެސް ޙަވާރިޒްމީގެ އުފެއްދުމެކެވެ. ވިޔަ އަކުރު އުފެއްދުމުގައި އޭނާ ގެންގުޅުއްވާފައިވާ ފިކުރަކީވެސް އެއަށް ސާބަސްދިނުން ޙައްޤު ފިކުރެކެވެ. އެގޮތުން ވިޔައަކުރު އުފެއްދާފައިވަނީ އެޢަދަދާ އެއްވަރުގެ ކަން (ANGLE) ކޮންމެ އަކުރެއްގައިވެސް ހިމެނޭނެހެންނެވެ. އެކެއްގައި އެއް ކަން، ދޭއްގައި ދެ ކަން އަދި ތިނެއްގައި ތިން ކަނެވެ. އަދި މިތަރުތީބުން ގޮސްް ގޮސް ނުވަޔަކާ ހަމަޔަށް ކޮންމެ ޢަދަދެއްގައިމެ، އެ ޢަދަދަކާ އެއްވަރަށް ކަން ހިމަނުއްވައިގެންނެވެ. ސުމެއް އީޖާދުކޮށްފައިވަނީ އެއްވެސް ކަނެއް ނެތި ވަށްބޮޅެއްގެ ސިފައިގައެވެ. ރަނގަޅަށް ބަލާ ވިސްނާލައިފިނަމަ، މި ޒަމާނުގެ އިންސާނީ ޙަޟާރަތުގެ ހުރިހާ ކަމެއް ޤާއިމުވެފައިވަނީ، ޚަވާރިޒްމީގެ ވިޔައަކުރުގެ މައްޗަށެވެ.
ޢަރަބިން އުފެއްދި ވިޔަ އަކުރުގައި ކަންތައް ފަރުމާކޮށްފައިވާ ގޮތް
ހިސާބު ޢިލްމުގެ އިތުރުން ޖޯގްރަފީ ޢިލްމުގައިވެސް ޙަވާރިޒްމީގެ ފުންނާބު ވަރަށް އުހެވެ. އެގޮތުން އޭނާ ވަނީ صور الأرض ގެ ނަމުގައި 833 ވަނަ އަހަރު ވަރަށް ފާހަގަކުރެވޭ ފޮތެއް ލިޔުއްވާފައެވެ. އެފޮތުގައި އޭނާވަނީ 2402 ތަނެއްގެ މަޢުލޫމާތު ހިމަނުއްވާފައެވެ. އެފޮތުގައި ކަނޑުތަކާއި، ފަރުބަދަތަކާއި، ރަށްރަށާއި، ކޯރުތަކާއި ސިޓީތަކުގެ މަޢުލޫމާތު ހިމެނެއެވެ. ހަމައެހެންމެ، އެތަންތަނުގެ މޫސުމާ ބެހޭ މަޢުލޫމާތުވެސް ފޮތުގައި ލިޔުއްވާފައިިވެއެވެ.
ޚަވާރިޒްމީ ވަނީ ޖޯގްރަފީ ޢިލްމުވެރިއެއްކަމަށްވާ ބަޠުލީމުސް އަލްޤުލޫޛީ (CLAUDIUS PTOLOMY) ކުރިން ހާމަކޮށްފައިވާ ވަރަށް ގިނަ މަޢުލޫމާތުގެ ކުށް ފިލުވާ ރަނގަޅުވެސް ކޮށްފައެވެ. އެގޮތުން ބަޠުލީމުސްގެ ހޯދުމުގައިވާ ގޮތުން އެޓްލާންޓިކް ކަނޑާއި އިންޑިޔާ ކަނޑުގެ ވަށައިގެން ބިމުގެ އައްސޭރިއެއްވެއެވެ. އެހެންނަމަވެސް އެއީ ކުށެއްކަމާއި، އެ 2 ކަނޑުގެ ވަށައިގެން ބިމުގެ އައްސޭރިފަށް ނުވާކަން ބަޔާންކޮށްދިނީވެސް ޚަވާރިޒްމީއެވެ. ޖޯގްރާފީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ޚަވާރިޒްމީގެ އެއް މަސައްކަތަކީ ޚަލީފާ މައުމޫން ބިން ހާރޫންގެ އަމުރުފުޅަށް ބިމުގެ ބޮޑުމިނާއި ބިމުގެ ސާކަމްފަރެންސް ހޯދުމެވެ.
ފަލަކީ ޢިލްމުގައިވެސް ޚަވާރިޒްމީގެ ދައުރު ވަރަށް ބޮޑެވެ. އެސްޓްރޮލާބް (ASTROLABE) އަކީވެސް ޚަވާރިޒްމީގެ އުފެއްދުމެކެވެ. ހަމައެހެންމެ، އެތައް ބައިވަރު ފަލަކީ ޓޭބަލްތައް އޭނާ ވަނީ އުފައްދަވާފައެވެ. އޭގެތެރޭގައި Trigonometry ގައި ބޭނުންކުރާ sin(θ) ހޯއްދެވީވެސް އޭނާއެވެ.
ޚަވާރިޒްމީގެ ޢިލްމީ މަސައްކަތްތަކުން ފައިދާ ލިބިގެން، އެ ދާއިރާތައް ކުރިއެރުވުމުގައި އެތައް ޢިލްމުވެރިންނެއް ބައިވެރިވިއެވެ. އޭގެތެރޭގައި ި، އިބްން ސީނާއާއި، ފާރާބީ އާއި، ޢުމަރު ޚައްޔާމާއި، އިބްނު ރުޝްދާއި، ރާޒީވެސް ހިމެނެއެވެ. މިހުރިހާ ކަމަކާއެކު، ޚަވާރިޒްމީ ބެލެވެނީ އިސްލާމީ ތާޜީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޢިލްމުވެރިޔާކަމުގައެވެ.
އަބޫބަކުރުއް ރާޒީ (ރާޒީ)
ރާޒީއަކީ އިސްލާމީ ޙަޟާރަތު ދެކެފައިވާ އެންމެ ކުޅަދާނަ އެއް ޑޮކްޓަރެވެ. ރާޒީ އަކީ ބޭސްވެރިކަމުގައި ފަޅައިގެން ކުރާ އޮޕަރޭޝަންތަކާއި އެނޫންވެސް ކަންކަމުގައި ހަށިގަނޑުގެ ތަންތަން ފެހުމަށް ބޭނުންކުރާނެ ރޮދި އުފެއްދެވި ޢިލްމުވެރިޔާއެވެ. ހަމައެހެންމެ، ހިޖްރައިން 3 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ރާޒީ ޑޮކްޓަރީކަން ކިޔެވުމަށްފަހު ބަޣްދާދަށް ވަޑައިގެން ބަޣްދާދުގައި ހޮސްޕިޓަލެއްވެސް ބިނާކުރެއްވިއެވެ. އެގޮތުން ހޮސްޕިޓަލެއް ބިނާކުރައްވާނެ ބިމެއް ކަނޑައެޅުއްވުމުގައި ރާޒީ ގެންގުޅުއްވި އުކުޅަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެގޮތުން ބަލިމީހުންނަށް ބޭސްފަރުވާ ކުރާއިރު، އެތަނެއްގެ ވައިގެ ސާފުކަމާއި ޖައްވުގެ ސާފުތާހިރުކަމާއި ބިންގަނޑުގެ ކޮލިޓީއަކީވެސް ވަރަށް މުހިއްމު ކަމެއްކަމުގައި ރާޒީ ދުށެވެ. އެހެންވެ، ރާޒީ އަމުރުކުރެއްވެވީ ބަޣްދާދުގެ 4 ފަރާތުގައި ގެރިމަސް ބުރިއެއް އެލުވާފައި ބޭއްވުމަށެވެ. އަދި އެތަނުން އެންމެ ލަހުން ކުނިވީ ކޮން ތަނެއްގައިވާ މަސްބުރިއެއްތޯ ބެލުމަށްފަހު އެތަނުގައި ހޮސްޕިޓަލު ބިނާކުރެއްވިއެވެ. ސަބަބަކީ، އެތަނުގައި މަސްގަނޑު ލަހުން ކުނިވާން މެދުވެރިވި ސަބަބަކީ ވައިގެ ސާފުކަމާއި، ޖައްވުގެ ތާހިރުކަމާއި، ބިންގަނޑުގެ ކޮލިޓީ ރަނގަޅުވުންކަމަށްވުމެވެ.
ރާޒީ ވަނީ ވަރަށް ގިނަފޮތްވެސް ލިޔުއްވާފައެވެ. އޭގެތެރޭގައި “الحاوي في الطب” އާއި ”تاريخ الطب” އާއި ”الطب الروحاني” އާއި ”إن للعبد خالقاً” އާއި ”المدخل إلى المنطق”، އާއި “طبقات الأبصار” އާއި ”أخلاق الطبيب” ވެސް ހިމެނެއެވެ. މީގެ އިތުރުން ރާޒީ އަކީ ހިސާބު ޢިލްމާއި، ބޭސްވެރިކަމާއި ފަލްސަފާއާއި ފަލަކީ ޢިލްމާއި ކެމިސްޓްރީއާއި މަންޠިޤާއި އަދަބަށް އަރާ ހުންނެވި ޢިލްމުވެރިއެކެވެ.
ޖާބިރު ބިން ޙައްޔާން:
ޖާބިރު ބިން ޙައްޔާން އަކީވެސް މުސްލިމު ޢިލްމުވެރިންގެ ތެރޭގައި ވަރަށް ވިދުން ގަދަ ނަމެކެވެ. ޖާބިރު ބްނު ޙައްޔާން އީޖާދުކުރެއްވި އެއްޗިއްސާއި ކަންތައްތައް، ހިމަނައި ކޮޅުންނުލާހައި ގިނައެވެ. އޭނާގެ ހޯދުންތަކުގެ ތެރޭގައި ސަލްފަރިކް އެސިޑާއި، ހައިޑްރޯކްލޮރިކް އެސިޑާއި އަދި ނައިޓްރިކް އެސިޑް ހިމެނެއެވެ. މި ކެމިސްޓްރީ ޢިލްމުވެރިޔާ ވަނީ ފަސޭހައި އަނދައިގެން ނުދާނެ ކަރުދާހެއްވެސް އުފައްދާފައެވެ. އަދި ރޭގަނޑުގެ އަނދިރީގައި ފޮތްފޮތާއި ސިޓީފަދަ ތަކެތި ކިޔުމަށް އެހީއެއްގެ ގޮތުގައި އޭނާ އީޖާދުކުރި ދިއްލޭ ދެއްޔަކީވެސް ފާހަގަކުރެވޭ އީޖާދެކެވެ.
ހަމައެހެންމެ، ހޫނުކޮށްގެން، މާއްދާއެއްގައިވާ އުންސުރުތައް ވަކިކުރުމާއި، ހަރު މާއްދާއެއް ދިޔާ ޙާލަތަށް ގެންދިއުމެއް ނެތި ގޭހަށް ބަދަލުކުރުމާއި، ގޭސް ނުވަތަ ދިޔާ އެއްޗެހި ފުރާނައިގެން އެއިން ހަރު މާއްދާތައް ވަކިކުރުމަކީ ޖާބިރު ދުނިޔެއަށް ހަދިޔާކޮށްދެއްވި ޢިލްމީ ހޯދުންތަކެކެވެ.
އިބްން ސީނާ
އިބްނު ސީނާއަކީ ހިސާބާއި ބޭސްވެރިކަމާއި ފަލްސަފާގައި މަޝްހޫރު ޢިލްމުވެރިއެކެވެ. ހިސާބު ޢިލްމުގައި އިބްނު ސީނާގެ މަސައްކަތްތަކަށް ބަލާލާއިރު، އޭނާ ވަނީ މަޝްހޫރު ތިން ފޮތެއް ލިޔުއްވިއެވެ. އެއީ (رسالة الزاوية) އާއި (ومختصر إقليدس) އާއި (مختصر علم الهيئة) އެވެ. މީގެ އިތުރުން “ދަ ބުކް އޮފް ހީލިންގ” ގެ ނަމުގައި އިބްން ސީނާ ވަނީ ފަލްސަފާ އަދި ސައިންސްގެ އެކުމާފާނެއް ލިޔުއްވާފައެވެ.
ބޭސްވެރިކަމުގައި އޭނާގެ ދައުރަށް ބަލާއިރު، ”ދަ ކެނޮން އޮފް މެޑިސިން” ގެ ނަމުގައި އޭނާ ލިޔުއްވި ފޮތަކީ އެތައް ޒަމާނެއް ވަންދެން މެޑިސިން ކިޔަވައި ދިނުމުގެ އަސާސީ ފޮތެއް ކަމުގައި ބޭނުން ކުރެވެމުން ދިޔަ ފޮތެކެވެ. މިފޮޮތުގައި އޭނާ ވަނީ ކަރަންޓީނުގެ އަސާސްތައްވެސް އެކަށައަޅުއްވާފައެވެ. އިބްނު ސީނާ ވަނީ ބޮޑެތި ބަލިތައް ޖެހޭ މީހުން 40 ދުވަސް ވަންދެން ކަރަންޓީން ކޮށްފައެވެ. އެކަމަށް އޭނާ ދީފައިވާ ނަމަކީ "އަލްއަރަބައުނިއްޔާ"އެވެ. މާނައަކީ 40 އެވެ.
މީގެ އިތުރުން އެސްޓްރޮނޮމީ، އަލްކެމީ، ޖިއޮލޮޖީ، ސައިކޮލޮޖީ، އިސްލާމީ ތިއޮލޮޖީ، މަންތިޤް އަދި އަދި ހިސާބާއި ފިޒިކްސް ފަދަ ދާއިރާތައް ހިމެނޭހެން އިބްނު ސީނާ ވަނީ ޖުމްލަ 450 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. ބުނެވޭ ގޮތުގައި ނިއުޓަންގެ ފުރަތަމަ ޤާނޫނުގެ ގޮތުގައި މަޝްހޫރުވެފައިވާ ޤާނޫނަކީވެސް އިބްނު ސީނާގެ ޤާނޫނެކެވެ.
މުސްލިމު ޢިލްމުވެރިން ފާހަގަކުރެވިގެންދާ ބައެއް ދާއިރާތައް:
ހިސާބު ޢިލްމު
ހިސާބު ޢިލްމުގައި މުސްލިމު ޢިލްމުވެރިން އުފެއްދެވީ ހަމައެކަނި އަލްޖަބްރާ އާއި، ވިޔަ އަކުރުތަކެއް ނޫނެވެ. އެނޫން ކިތަންމެ އެއްޗެއް މުސްލިމު ޢިލްމުވެރިން ވަނީ އުފައްދަވާފައެވެ. އޭގެ ތެރޭގައި އެކި ދަރަޖަތަކުގެ ފޯމިއުލާތަކުގެ ޙައްލުތައް ވެސް ހިމެނެއެވެ.
ނޫރާނީ ޢިލްމު
ނޫރާނީ ޢިލްމުގައި މުސްލިމުންގެ ބައިވެރިވުމަށް ބަލާއިރު، އިންސާނާގެ ލޯ އުފެދިފައިވާ ގޮތް އެންމެ ފުރަތަމަ ޝަރަޙަކުރެއްވީ ވެސް މުސްލިމު ޢިލްމުވެރިއެއްކަމަށްވާ އިބްނުލްހައިޘަމެވެ. ލޮލުތެރޭގައިވާ ގުނަވަންތަކާއި، ލޮލުގެ ވަޒީފާ އަދާކުރާ ގޮތް ވެސް އޭނާ ހޯއްދަވައި ބަޔާންކުރެއްވިއެވެ. އެގޮތުން އެދާއިރާގައި އޭނާ ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި " كتاب المناظر." ހިމެނެއެވެ.
ހަމައެހެންމެ، ނިއުޓަންއަށްވުރެ މާކުރިން، އިބްނުލްހައިޘަމް ވަނީ އަލި ދަތުރުކުރާ ގޮތް ހޯއްދަވާފައެވެ އެގޮތުން އަލި ދަތުރުކުރުމާބެހޭ ޤާނޫނުތައް ކަނޑައަޅުއްވައި އަލި އެނބުރި ރުޖޫޢަވާކަން އެންމެ ފުރަތަމަ ހޯއްދެވީ އިބްނުލް ހައިޘަމެވެ. މީގެ އިތުރުން ކެމެރާގެ ތިޔަރީ ލިޔުއްވައި، ކެމެރާ މަސައްކަތްކުރާ ގޮތް ބަޔާންކުރެއްވީ ވެސް އިބްނުލްހައިޘަމެވެ. މި ޒަމާނުގައި ފޮޓޯނެގުމަށް ބޭނުންކުރާ ކެމެރާ އުފައްދާފައިވަނީ، އޭނާގެ ތިޔަރީގެ މައްޗަށެވެ. ކެމެރާގެ ނަން އުފެދިފައިވަނީ އޭނާ އުފެއްދެވި، القمرة المظلمة (އަލްޤަމަރަތުލްމުޡުލިމާ) ގެ "ޤަމަރާ" އިންނެވެ.
ޖައްވުގައި އުދުހުން
ޢައްބާސް ބިން ފިރުނާސް އަކީ ޖައްވީ އުދުހުމުގައި ފާހަގަކުރެވޭ ޢިލްމުވެރިއެކެވެ. ވައިގެ ދަތުރުތަކުގައި ބޭނުންކުރާ އުޅަނދުތަކުގައި މިބޭނުންކުރާ ދެ ފިޔަގަނޑުގެ އަޞްލު އުފެއްދެވީ އޭނާއެވެ. އަދި ވައިކުޑައިގެ ނަކަލެއް އުފައްދަވައި 852 ވަނަ އަހަރު އޭނާ ވަނީ އެ ވައިކުޑަ ތަޖުރިބާވެސް ކުރައްވާފައެވެ.
ބޭސްވެރިކަން
ބޭސްވެރިކަމަށް ބަލާއިރު މިޒަމާނުގެ މެޑިސިން އުފެދިފައިވަނީ، ބޭސްވެރިކަމުގެ ރޮނގުން މުސްލިމުން ހޯދާފައިވާ ކުރިއެރުމާއި ތަރައްޤީގެ ބިންގަލުގެ މަތީގައެވެ. އޮޕަރޭޝަންކުރުމާއި، ލޮލުފަރުވާ އާއި، ބޭސް އުފެއްދުމާއި، ބަލިތައް ހޯދުން ފަދަ ރޮނގުރޮނގުން މުސްލިމު ޢާލިމުންނާއި ޑަކުޓަރުން ވަނީ ދުނިޔެ ބަދަލުކޮށްލި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެގޮތުން މުސްލިމު ޢާލިމުންނާއި ޑަކުޓަރުން އީޖާދުކުރެއްވި އާލަތްތަކާއި ވަސީލަތްތައް މިއަދާ ހަމައަށް ވެސް މިޒަމާނުގެ ޑަކުޓަރީ ބޭސްވެރިކަމުގެ މައިދާނުގައި މިހާރުވެސް ދަނީ ބޭނުންކުރެވެމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ވަކި ކަންކަމަށް ޚާއްޞަ ހަސްފަތާލުތައް އުފެއްދީ މުސްލިމުންނެވެ. ބޭސްވެރިކަން ކިޔަވާދޭ ތަޢުލީމީ މުއައްސަސާތަކާއި، ނަފުސާނީ ބަލިތަކަށް ފަރުވާދޭ ބީމާރަސްތާނު (ހަސްފަތާލު) އުފެއްދީ ވެސް މުސްލިމުންނެވެ.
މުސްލިމު ޢާލިމުންގެ ތެރެއިން އަބުލްޤާސިމް އައްޒަހުރާވީއަކީ، މިޒަމާނުގެ އޮޕަރޭޝަންކުރުމުގެ ޢިލްމުގެ ބާނީއެވެ. އޭނާއަކީ، އޮޕަރޭޝަންކުރުމުގައި ބޭނުންކުރެވޭ 200 އަށްވުރެ ގިނަ އާލަތް އުފެއްދެވި ޢާލިމެކެވެ. އޭނާ އީޖާދުކުރެއްވި ބައެއް އާލަތްތަކަށް މިއަދާ ހަމައަށް ވެސް ބަދަލެއް ނުގެނެސް ދަނީ ބޭނުންކުރެވެމުންނެވެ.
ދުނިޔޭގެ ޗާޓު ކުރެހުން
ފަޒާގެ ތެރޭގައި ދުނިޔެ އޮންނަގޮތާއި ދުނިޔެ ވަނީ ކޮންތާކުކަން ބަޔާންކުރައްވާ ގްލޯބް އުފެއްދަވައި ދުނިޔޭގެ ޗާޓު ކުރެއްސެވީ މުސްލިމު ޢިލްމުވެރިޔާ އަލްއިދުރީސީއެވެ. އެގޮތުން ދުނިޔޭގެ ބައްރު ހަތް ބަޔަށް ބައްސަވައި އެއިން ކޮންމެ ބަޔެއް ދިހަ ބަޔަށް ބައްސަވައި، އެއިން ކޮންމެ ބަޔަކަށް އޭނާ ވަކި ޗާޓެއް ކުރެއްސެވިއެވެ. މި މައިދާނުގައި އެންމެ ފުންނާބުއުސް ޢާލިމުންގެ ތެރޭގައި، އަލްއިދުރީސީ އާއި، އަލްމަޤުދިސީ އާއި، އިބްނު ޙައުޤަލު އާއި، އަލްމަސްޢޫދީ ހިމެނިވަޑައިގަންނަވަ އެވެ.
ފަލަކީ ޢިލްމު
މިޒަމާނުގެ ފަލަކީ ޢިލްމުގެ ބާނީ އަކީ، ކޮޕަރނިކަސް ކަމަށް ހުޅަނގުގެ މީހުން ކުރާ ދަޢުވާއަކީ ބާޠިލު ދަޢުވާއެކެވެ. އެހެނީ، އޭނާ ދެއްކެވި ވާހަކަތަކަކީ، އޭނާއަށްވުރެ މާކުރިން، ނުޞައިރުއްދީނުއްޠޫސީ އާއި، އިބްނުއްޝާޠިރު ފަދަ މުސްލިމު ޢާލިމުންގެ ނަޒަރިއްޔާތަކެކެވެ. މުސްލިމުން ވަނީ އޮބްޒަވޭޓްރީ ބިނާކޮށް، އެއިން ފަޒާގެ ތެރެ ހޯދައި ބެލުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ޚަލީފާ މައުމޫނުގެ އަމުރުފުޅަށް ބަޣްދާދުގައި ބިނާކުރެވުނު މަރްޞަދަކީ ދުނިޔޭގައި ބިނާކުރެވުނު ފުރަތަމަ މަރްޞަދެވެ.
ފިޒިކްސް:
ޔޫރަޕްގެ ޢާލިމެއްކަމުގައިވާ ނިއުޓަންގެ ޤާނޫނުތަކުގެ ނަމުން މަޝްހޫރުވެފައިވާ ޙަރަކާތްކުރުމާބެހޭ ތިން ޤާނޫނަކީ، ވެސް މުސްލިމު ޢިލްމުވެރިން ހޯއްދަވާފައިވާ ތިން ޤާނޫނެކެވެ. އެ ތިން ޤާނޫނުގެ ތެރެއިން ފުރަތަމަ ޤާނޫނު ހޯއްދެވީ، އިބްނުސީނާ އެވެ. ދެވަނަ ޤާނޫނާއި ތިންވަނަ ޤާނޫނު ހޯއްދެވީ އަބުލްބަރަކާތުލް ބަޣުދާދީ އެވެ. އެ ޤާނޫނުތައް ބަޔާންކުރެއްވުމުގައި ނިއުޓަން އާއި މުސްލިމު ޢާލިމުންނާ ދެމެދުގައިވާ ތަފާތަކީ، ޢިބާރާތުގެ ތަފާތެވެ. މާނަ އާއި ދޭހަ އަކީ ހަމަ އެކައްޗެކެވެ.
ޖާޒުބިއްޔަތު ނުވަތަ ގްރެވިޓީ އަކީ ވެސް މުސްލިމު ޢާލިމުން ހޯއްދަވާފައިވާ އެއްޗެކެވެ. ބިމަށް އެއްޗެހި ވެއްޓޭގޮތާއި، ބޮޑު އެއްޗަށް ކުޑަ އެތި ދަމައިގަންނަ ގޮތް، ޘާބިތު ބްނު ޤުއްރާ ބަޔާންކުރައްވާފައި ވެއެވެ. އޭނާއަކީ، ގްރެވިޓީ ދެނެވަޑައިގެން ހުންނެވި މުސްލިމު ޢާލިމެކެވެ. މައްޗަށް އެއްޗެއް އެއްލުމުން އޭތި ތިރިއަށް ވެއްޓެނީ ކީއްވެގެންކަން ވެސް އޭނާ ވަނީ ބަޔާންކުރައްވާފައެވެ. އެހެންވީމާ، އެންމެ ފުރަތަމަ ގްރެވިޓީ ކަޝްފުކުރެއްވީ ނިއުޓަން ކަމުގައި ބުނެވޭކަށެއް ވެސް ނެތެވެ.
ކެމިސްޓްރީ
ކެމިސްޓްރީގެ މައިދާނުގައި ފާހަގަކޮށްލެވޭ އެތައް މުސްލިމު ޢާލިމުންނެއް ވެ އެވެ. ޚާލިދު ބްނު ޔަޒީދު އާއި، ޖާބިރު ބްނު ޙައްޔާން އާއި، އަލްކިންދީ ފަދަ ޢާލިމުންނެވެ. އެ ބޭކަލުންގެ ތެރެއިން އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިވަޑައިގަތީ، ޖާބިރު ބްނު ޙައްޔާނަށެވެ. އެއީ އޭނާ ކުރައްވާފައިވާ ޚިދުމަތްތަކުގެ ގިނަ ކަމުންނެވެ. ކެމިކަލް ރިއެކްޝަންތައް ހޯއްދަވައި ތަރައްޤީކުރައްވަން ފެށްޓެވީ ޖާބިރު ބްނު ޙައްޔާނެވެ. އޭނާ ވަރަށް ގިނަ އެއްޗެހި އަލަށް އީޖާދުކުރެވިއެވެ. އޭގެތެރޭގައި ރަން ގިރުވާ ފެން ހިމެނެއެވެ.
މިލިޔުމުގައި މި ފާހަގަކުރި ކުޑަ މިންވަރުންވެސް މުސްލިމުންނަކީ ތަރައްޤީ އާއި ތަހުޒީބަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ބަޔެއްކަން ވަރަށް ސާފުކޮށް އެބަ އޮޅުންފިލައެވެ. އަދި މިޒަމާނުގެ ޢިލްމީ ކުރިއެރުންތަކުގައި މުސްލިމު ޢިލްމުވެރިންގެ ބައިވެރިވުން ވަރަށްބޮޑަށް ފާހަގަވެގެން އެބަދެއެވެ. އެހެންކަމުން މިކަންކަމުން ޢިބްރަތްލިބިގަނެގެން، އައު ހޯދުންތައް ހޯދާ އާ އީޖާދުތައް ކުރުމަކީ މުސްލިމުންގެ ލޭގައިވެސް ހިނގާ ހުނަރެއްކަން ދެނެގަނެ، މަސައްކަތްކުރުމަކީ މުސްލިމުން ކުރަންވީ ކަމެކެވެ. ސަބަބަކީ އާ އީޖާދުތަކާއި އާ ހޯދުންތަކަކީ ހަމައެކަނި ޔޫރަޕަށް ޚާއްޞަ ކަމަކަށް ނުވާތީއެވެ.