މުޖްތަމަޢެއްގެ ސުލްޙަ މަސަލަސްކަން ޤާއިމުވެފައި އޮތުމަށްޓަކައި އެމުޖްތަމަޢުގެ އަފުރާދުން ބޯލަނބަންޖެހޭ ޤާނޫނު އަސާސީއެއް އޮތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ޤާނޫނެއް އޮތުމުން އެޤައުމެއްގެ ނުވަތަ މުޖްތަމަޢެއްގެ ވެރިކަން ހިންގުމުގެ ނިޒާމާއި، ޤާނޫނާއި، ދުސްތޫރާއި، އިޖްތިމާއީ އަދި އިޤްތިޞާދީގޮތުންނާއި އަދި ވެސް އެހެނިހެން ކަންކަން ހަރުދަނާ ގޮތެއްގައި ވަކި ނިޒާމެއްގެ ތެރެއިން ކުރިޔަށް ގެންދިއުމުގެ މަގު ފަހިވެގެންދެއެވެ. އަދި ހަމަހަމަ ގޮތެއްގައި އެންމެންގެ މައްޗަށް އަމަލުކުރެވޭ އެއް އުސޫލު ތަކަކާއި ޤާނޫނުތަކެއް ހުރުމުން ރައްޔިތުންގެ މެދުގައި އެކުވެރިކަން ޤާއިމްވެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ބާރަކަށް ވެގެންދެއެވެ. އެގޮތުން އެޒަމާނަށް ބަލާއިރުވެސް ލިޔެފައިވާ ޤާނޫނު އަސާސީއަކަށް މި ދެކުނު އޭޝިއާގައި ވެސް އެންމެ ފުރަތަމަ ޢަމަލު ކުރެވެން ފެށުނު ޤައުމަކީ މި ކުޑަ ދިވެހިރާއްޖެއެވެ. އެ ޤާނޫނު އަސާސީ އެންމެ ފުރަތަމަ އެކުލަވާލެވުނީ 22 ޑިސެންބަރ 1932 ގައެވެ.
ޤާނޫނު އަސާސީ އަކީ ކޮބާ؟
ޑރ. އަލީ ޝަމީމް ފާހަގަ ކުރައްވާ ގޮތުގައި ޤާނޫނު އަސާސީ (Constitution) އަކީ ދައުލަތެއް ނުވަތަ އޮގަނައިޒޭޝަނެއް ހިންގުމަށް ކަނޑައެޅިފައި އޮންނަ އަސާސީ އުޞޫލުތަކަކާއި ކުރިންސުރެ އަމަލު ކުރެވެމުންދާ ގޮތްތައް ބަޔާންކޮށްދޭ މަޢުލޫމާތެވެ.
ޤާނޫނު އަސާސީ ގެ ހުންނަނީ މައިގަޑު ދެވައްތަރެކެވެ. ފުރަތަމަ ވައްތަރަކީ ދިވެހިރާއްޖެއާއި އެމެރިކާ ފަދަ ޤައުމުތަކުގައި ބޭނުންކުރެވޭފަދަ ލިޔެވިފައި އޮންނަ ޤާނޫނު އަސާސީ އެވެ. އެ ޤާނޫނު އަސާސީގައި ޤައުމުގެ ވެރިކަމުގެ ނިޒާމު ރޭވިފައިވާ ގޮތައި ފަރުދުންގެ ހައްޤުތަކާއި ވާޖިބުތަކާއި އަދި ދައުލަތުގެ މައްޗަށް ލާޒިމު ކުރާ ކަންތައްތަކާއި އުސޫލުތަކާއި ހަމަތައް ލިޔެވިފައި ހުރެއެވެ.
ޤާނޫނު އަސާސީގެ ދެވަނަ ވައްތަރަކީ ފޮތެއްގެ ގޮތުގައި ލިޔެވިފައި އޮންނަ ޤާނޫނު އަސާސީ އެއްނޫނެވެ. ނަމަވެސް އެފަދަ ޤާނޫނު އަސާސީ އޮންނަ ޤައުމުތަކުގައި ތަބާވާ ޤާނޫނު ތަކަކީ ކުރީންސުރެ ޢަމަލު ކުރެވެމުންދާ ޢުރުފް ތަކާއި ހަމަތަކެވެ. މިފަދަ ޤާނޫނު އަސާސީއަށް ޢަމަލުކުރެވެމުންދާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.
ޤާނޫންއަސާސީ އެއްގެ މުހިންމުކަން:
މާތް ﷲ އިންސާނުން ދުނިޔެއަށް ފޮނުއްވުމަށްފަހު އެއިންސާނުން ދުނިޔޭގައި އުޅެންވީގޮތުގެ އިލާހީ ޤާނޫނުތަކެއް ރަސޫލުބޭކަލުން މެދުވެރިކުރައްވާ ފޮނުންވައެވެ. އެ ޤާނޫނުތަކުގައި އިންސާނުން އުޅެންވީ ހެޔޮގޮތާއި އެގޮތަށް ޢަމަލު ނުކުރާނަމަ އާޚިރަތުގައި އެމީހުންނަށް ލިބޭނެ އަޒާބު ވަނީ އަންގަވާފައެވެ. ވުމާ އެކު އަހަރެމެންނަށް އެނގިގެން މިދަނީ އިންސާނުންނަށް އެމީހުން ދުނިޔެ އާރާސްތު ކުރުމުގައި ފެންނަން އޮންނަ ޤާނޫނެއްގެ މުހިންމުކަމެވެ. އެގޮތުން ބާވާލައްވާފައިވާ ޤާނޫނުތަކުގެ އިތުރުންވެސް ޒަމާނާ މަކާނަށް ބޭނުންވާ ޤާނޫނުތަކަށް އިންސާނާ ބޭނުން އެބަވެއެވެ. އެގޮތުން އެގައުމެއްގެ ވެރިކަން ރާވާ ވަކި ނިޒާމެއްގެ ދަށުން ގެންދަންވީ ގޮތުގެ އުސޫލުތަކާއި ހަމަތައް އެނގި ބަޔާންވެފައި އޮތުމަށްޓަކައި ޤާނޫނު އަސާސީއެއްގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.
އަދި މީގެ އިތުރުންވެސް ދައުލަތުގެ މައްޗަށް ރައްޔިތުންގެ ހައްޤުގައި ވާޖިބުވާ ކަންތައްތަކާއި އަދި ޤައުމުގެ ރައްޔިތަކަށް ވާ ހިސާބުން ފެށިގެން ރައްޔިތުމީހާގެ މައްޗަށް ލާޒިމުކުރާ ހައްޤުތަކާއި ވާޖިބުތައްވެސް ޤާނޫނު އަސާސީން އެބަ އެނގިގެންދެއެވެ. އަދި ޤާނޫނު ތަކާއި ޤަވާއިދުތައް އެކަށަ އެޅިގެންދާނެ ގޮތުގެ އަސާސްތަކާއި ހަމަތަކާއި އުސޫލުތައް އަދި މަސްދަރު ތައްވެސް ޤާނޫނު އަސާސީން ބަޔާން އެބަ ކޮށްދެއެވެ. އަދި ޤާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަމާއި ޤާނޫނު އަސާސީއައަށްވުރެ މަތީގައި އެއްވެސް ރައްޔިތަކަށް ނުހުރެވޭނެކަން އެބަ ބަޔާން ކޮށްދެއެވެ. ހަމައެއާއިއެކު ޤައުމުގެ މިނިވަންކަމާއި ސުލްޙަ މަސަލަސްކަމާއި ރައްޔިތުންގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައިވެސް ޤާނޫނު އަސާސީ އަކީ ވަރަށް މުހިންމު އެއްޗެކެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލުން:
އެންމެ ފުރަތަމަ ޤާނޫނެއް ހަދަން މެދުވެރިވި ސަބަބުތަކަކީ ކޮބާތޯ ބަލާލާއިރު ދިވެހިންގެ ތެރޭގައި އޭރު ތިއްބެވި ކަމުވޮށިގެންވާ އިސްވެރިން ދިވެހިރާއްޖޭގެ ވެރިކަން ހިނގަމުން އައި ގޮތް ތަފާތު ގޮތަކަށް އޮތުމުގެ ބޭނުންވެރިކަން ވިސްނި ވަޑައިގެން އެކަމާ މަޝްވަރާ ކުރެއްވިއެވެ. މި މަޝްވަރާތަކުގައި ހަމަ އެކަނި ރަސްކަމުގައި އިންނަވާ ބޭފުޅެއްގެ އަތްޕުޅުމައްޗަށް ދައުލަތުގެ ހުރިހާ ކަމެއް ދޫކޮށްލެވިފައި އޮންނަ އޮތުން ރަނގަޅު ނޫންކަމަށް ދެކި ސަރުކާރުގެ ކަންކަން ވަކި ޤަވާއިދެއްގެ ދަށުން ހިންގުމުގެ ބޭނުންތެރިކަމާމެދު ވާހަކަ ދެކެވުނެވެ. ހަމަ އެއާއި އެކު ރަސްކަލަކު އަވަހާރަވުމުން އެންމެ ކުރީ ޒަމާނުންސުރެ އަމަލުކުރަމުން އައި ގޮތްކަމުގައިވާ އެރަސްކަލެއްގެ ދޮށީ ދަރިކަލުން ނުވަތަ ވިރާސީ ގޮތުން ދެން ތަޚުތާ އެންމެ ކައިރިއަށް ހުންނެވި ބޭފުޅަކު ވެރިކަމަށް އިސްވާ ގޮތަށް އޮތް އޮތުން ބަދަލުކުރަން ޖެހޭކަމަށް ދެކި ވަޑައިގަތެވެ. އެގޮތުން ރަސްކަލުން ދިވެހި ތަޚުތުގައި ނެތް ހާލަތެއް މެދުވެރި ވެއްޖެނަމަ ނަސަބުގެ ގޮތުންނާއި، އެހެންވެސް ގޮތްގޮތުން އެންމެ އެކަށީގެންވާ ބޭފުޅަކު ދައުލަތް ހިންގުމަށް އިސްކުރެވޭނެ ފަދަ ނިޒާމެއް އޮތުން މުހިންމު ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަތެވެ.
ޤާނޫނެއް ހަދަން ފާސްވެގެންދިޔަގޮތް:
ދިވެހިރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު ޤާނޫނު އަސާސީ އެކުލަވާލެވުމުގައި ސްރީލަންކާގައި ހުންނެވި އިނގިރޭސިވިލާތުގެ ގަވަރުނަރުގެ އިރުޝާދު ލިބިގެންދިޔަކަން އެނގެން އެބަހުއްޓެވެ. އެގޮތުން 5 މާރޗް 1931 ގައި ސިލޯނުގެ ގަވަރުނަރު ބީ.އެޗް. ބޯޑިލޯން މާލެ ވަޑައިގެން ޤާނޫނު އަސާސީގައި ހިމަނަންޖެހޭ ބައިތައް ފަތްކޮޅުތަކެއްގެ ސިފައިގައި ރަދުންނަށް އެރުވިއެވެ. ހަމައެހެންމެ، މި ޤާނޫނު އަސާސީ އެކުލަވާލުމުގައި މިސްރުގެ ޤާނޫނުތަކާއި އިނގިރޭސިވިލާތުގެ ބައެއް ޤާނޫނުތައް އަސްލަކަށް ބެލިފައިވާކަމަށް ތާރީޚް ފޮތްތަކުގައިވާ ވާހަކަތައް ހެކިދެއެވެ.
ކޮންމެއަކަސް، ޤާނޫނު އަސާސީއެއް އެކުލަވާލުމަށްޓަކައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި ޤާނުނު 14 ބޭފުޅުންގެ ކޮމެޓީއެއް އެކުލަވާލެވުނެވެ. އެބޭފުޅުންނަކީ :
އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު.
އަލްއަމީރު އަޙްމަދު ދޮށިމީނާ ކިލެގެފާނު
އަލްއަމީރު ޢަލީ ކުޑަރަނަންބަޑޭރި ކިލެގެފާނު
އަލްޤާޞީ ޙުސައިން ޞަލާހުއްދީން އުއްތަމަ ފަނޑިޔާރުމަނިކުފާނު
ގަލޮޅުގޭ މުޙައްމަދުދީދީ
އަލްއަމީރު މުޙައްމަދު ފަރީދުދީދީ
އަލްއަމީރު ނޫމަރާގަނޑުވަރު އިބްރާހީމް ތުއްތުމަނިއްޕުޅު
ކަޅުހުރާގޭ އައްސައްޔިދު ޢަބްދުﷲ ދޮށީސީދީ
ޙުސައިން ޙިލްމީދީދީ
އިބްރާހީމް ޢަލިދީދީ
އަޙްމަދު ކާމިލްދީދީ
އައްޝައިޚު އިބަރާޙީމް ރުޝްދިލް އަޒްހަރީ،
އަލްއަމީރު ޙަސަން ފަރީދު ދީދީ
އަލްއަމީރު މުޙައްމަދު އަމީން ދީދީ އެވެ.
މިބޭފުޅުންނާއި ޤާނޫނު އަސާސީ އެކުލަވާލުމަށް އަމުރުފުޅު ކުރައްވަމުން ރަދުން އެންގެވީ އިސްލާމްދީނާއި ޚިލާފުނުވާފަދަ ގޮތަކަށް، ރާއްޖޭގެ އާދަކާދައާއި ޒަމާނަށް ފެތޭގޮތުގެ މަތިން ދައުލަތުގެ ފައިސާއާށް ރައްކާތެރިކަން ލިބޭނެފަދައިން ވިސްނުން ބަހައްޓާގެން ރައްޔިތުންނަށް ލުއިކޮށްދެވެން ހުރި މިންވަރަކުން ލުއިކޮށްދީގެން ބޭރުގެ ޤާނޫނުތަކާއި ޚިލާފުނުވެ އިނގިރޭސިންނާއި ވެފައިވާ އެއްބަސްވުންތަކާއި ފުށުނާރާނޭގޮތެއްގެ މަތިން ޤާނޫނު އަސާސީ އެކުލަވާލުމަށެވެ. ފުރަތަމަ ޤާނޫނު އަސާސީގައި ސާޅީހަކަށް މާއްދާ ހިމެނެއެވެ. އެގޮތުން ޤާނޫނު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލައްވަން ފެއްޓެވީ 25 މެއި 1931ގައެވެ. ޤާނޫނު އަސާސީ ތަސްދީޤްކުރެއްވީ 22 ޑިސެމްބަރ 1932ގައެވެ. އެއާއި އެކު ރައްޔިތުންނަށް ޚިދުމަތްތައް ކޮށްދިނުމަށްޓަކައި ވުޒާރާތަކެއް އުފެދިގެން ދިޔައެވެ. އެގޮތުން އުފެދުނު ވުޒާރާތަކަށް ބަލާލާއިރު ޚާރިޖީ ވުޒާރާ، ދާޙިލިއްޔާ،އަސްކަރިއްޔާ، މަޢާރިފު، ޞއްހަތު ފަދަ ކުރިން އުފެދިފައި ނުވާ މުހިންމު ވުޒާރާތަކެއްވެސް އުފެދިގެންދިޔައެވެ.
ޤާނޫނު އަސާސީ ވީދާލަން މެދުވެރިވި ސަބަބުތައް:
ޤާނޫނު އަސާސީ ފާސްވެގެން ދިޔައިރު ރައްޔިތުންނަށް ބޭނުންވާނެ ގިނަ އަސާސީ ގިނަ ޙައްޤުތަކެއް ކަށަވަރުކޮށްދީފައި ވެއެވެ. އެގޮތުން މީހެއްގެ ހަސަބަކަށް އަދި ނަސަބަކަށް ނުވަތަ ކުލައަކަށް ނުވަތަ މުއްސަނދިކަމަކަށް ބެލުމެއްނެތި ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާނެކަން ބުނެދީފައިވެއެވެ. ޤާނޫނު އަސާސީގެ މާއްދާ 4 ގައި ބުނެފައި ވެއެވެ. ދިވެހިންނަކީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ ބައެކެވެ. އެމީހުންގެ އެންމެންނަކީ ސިޔާސިއްޔަ ޙައްޤުތަކާއި މަދަނިއްޔަ ޙައްޤުތަކުން ލާބަޔާއި ފަސޭހަކަން ލިބިގަތުމާއިމެދު، އެންމެން އެއްވަރުވެގެންވާ ބައެއްމެއެވެ. އެމީހުންގެ މައްޗަށް ޤާނޫނުގެ ފަރާތުން ވާޖިބުކުރާ ކަންތަކާއި ޢާއްމުވެގެންވާ ގޮތުން ލާޒިމުވާ ކަންތައްތަކުގައި އެންމެން ހަމަހަމަ ވެގެންވާ ބައެކެވެ. ދިވެހި ރައްޔިތަކު ފިޔަވާ ބިދޭސީޔަކަށް ކޮންމެހެން ބޭނުންވެއްޖެ ހިދަކު މެނުވީ ދައުލަތުގެ އެއްވެސް ކަމެއް ނުދެވޭނެއެވެ. އަދި މުދަލާއި ގޯތިގެދޮރުގެ ޙުރުމަތްތެރިކަމާއި ރައްޔިތުންގެ ޒާތީ ދިރިއުޅުން ރައްކާތެރިކުރެވި ޙުރުމަތް ދެވިފައިވާކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އަދި މިހާރުގެ ޤާނޫނު އަސާސީގައިވެސް ވާފަދައިން އިސްލާމްދީނުގެ ތަރަހައިން ބޭރުނުވެ ޚިޔާލުފާލުކުރުމުގެ މިނިވަންކަންވެސް އޮތީލިބިދީފައެވެ.
އަދި މީގެ އިތުރުންވެސް ދޭދޭ މީހުންގެ މެދުގައި ހިނގާ ސިޓީ އަދި ޓެލެގުރާމުގެ ސިއްރުވެރިކަން ކަށަވަރުކޮށްދިނުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ޢިލްމު އުނގަންނައިދީ އަދި އުނގެނުމުގެ ހައްޤު ލިބިދީފައިވެއެވެ. ނަމަވެސް 40 މާއްދާގެ މައްޗަށް ހިމެނޭ ޤާނޫނު އަސާސީގައި ބިދޭސީންނާއި ބެހޭ އެއްވެސް ޤާނޫނެއް ހިމެނިފައި ނެތުމަކީ ދިވެހިން ހިތްހަމަ ނުޖެހުނުކަމެކެވެ. ސަބަބަކީ އެދުވަސްވަރަކީ ވޯރާވިޔަފާރިވެރިންގެ ނުފޫޒު ދިވެހިންގެ މައްޗަށް ނުހަނު ބޮޑަށް ފޯރާފައިވާ ދުވަސްވަރެއް ކަމުގައިވުން ކަމަށް އަހުމަދު ޝާކިރު (2004) ބަޔާންކުރައްވައެވެ. ހަމަ އެއާއި އެކު ކުރިން އާދަކާދައިގެ ގޮތުގައި ކުރަމުން އައި އެތައް ކަމެއް ހުއްޓާލުމަށް މަޖުބޫރުވެގެންދިޔަ ޤާނޫނުތަކެއްވެސް ހިމެނުނެވެ. އެގޮތުން ހިތިވިލޭރޭގެ ޤާނޫނާއި ސަމާގެ ޤާނޫނުހިމެނެއެވެ. އަދި ހާއްސަ މުނާސަބަތުތަކުގައި ބޭނުން ކުރަމުން އައި ލޮނުމެދު ފަޓާސް ބޭނުން ކުރުން މަނާކުރާ ޤާނޫނަކީ ދިވެހިން އާދަކާދައިގެ ގޮތުގައި ކުރަމުން އައި ކަމެއް ނިމުމަކަށް ގެނެވުނު ޤާނޫނެކެވެ. އަދި ކުރިން ހިލޭލިބެމުން އައި ލަކުޑީގެ ތެރެއިން ވަކި ބައެއް ފުރަބަންޑާރައިންގެ ލަކުޑީގެ ޤާނޫނުގެ ދަށުން ވިއްކަން ފެއްޓެވުމަކީ ވެސް ރައްޔިތުންނަށް ބަލާގަންނަން އެހާ ފަސޭހަ ޤާނޫނަކަށް ނުވިއެވެ. ސަބަބަކީ އެ ޤާނޫނުގެ ސަބަބުން ގިނަގުނަ ދަތިތަކާއި ރައްޔިތުންނަށް ކުރިމަތިލާންޖެހުމެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ވިސްނުމުގައި ރައްޔިތުން ނުހަނު ދަތިހާލުގައި ތިއްބާ އަދި ދައުލަތް ދަރަނިވެރިވެފައިވާ ހާލަތެއްގައި އޮއްވާ ދައުލަތައް އާގު ބޯޓު ހޯއްދެވުމުގެ ޤާނޫނަކީވެސް ރައްޔިތުން އެޤާނޫނަކާއި މެދު އެންމެ ނުރުހުނު އެއް ޤާނޫނެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ދިވެހީން ޤާނޫނު އަސާސީއަށް ނަފްރަތު ކުރަންފެށުމެވެ. އަދި ބަދަލަކަށް ނުވަތަ އައު ކަންތައްތަކަކަށް ނަފްސު ހޭނުވުމަކީ އިންސާނީ ޠަބީއަތުގެގޮތުން ވެސް އެހާ ފަސޭހަކަމަކަށް ނުވުމާއި، ފުލުފުލުގައި އުފެދެންފެށި ޤާނޫނުތައް ވެގެންދިޔައީ ދިވެހިން އެ ބަލައިގަތުމަށް މާބޮޑު ހޭލުންތެރިކަމެއްވެސް ނެތި ތިއްބާ ތަސްދީޤުކުރެވުން ދިޔަ ޤާނޫނުތަކަކެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ޤާނޫނުތަކަށް ބޯލެނބުމަށް ރައްޔިތުންނަށް ބޮޑު ބުރައަކަށްވެގެންދިއުމެވެ.
އަދި މީގެ އިތުރުން ޤާނޫނު އަސާސީއާއިއެކު އުފެދިގެން ދިޔަ ވުޒާރާތަކުގައި ރައްޔިތުން ގަބޫލުކުރާ ގޮތުގައި ޤާބިލުނޫން މީހުން ވެރިންގެ ގޮތުގައި އިސްކުރެވިގެން ދިއުމަކީވެސް ރައްޔިތުން ނުރުހުން އިންތިހާއަށް އިތުރުވެގެން ދިޔަކަމެއްކަމުގައި ދިވެހި ތާރީޚް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރައްވައެވެ. އަދި ހަމަ އެދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ ލޯބި ލިބިފައިވާ އަބްދުލް މަޖީދު ރަންނަބނޑޭރިކިލެގެފާނު ދިވެހި ދައުލަތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވުންވެސް ވެގެންދިޔައީ ދިވެހިން ޤާނޫނު އަސާސީ ބަލައިގަންނަން ދެކޮޅުހެދި ސަބަބުތަކުގެތެރޭގައެވެ. ކުދި ކުދި ކަންކަމުގައި ޤާނޫނަކަށް ތަބައުނުވެ ތިބިބަޔަކަށް ކުއްލިޔަކަށް ޤާނޫނުތަކެއް ލާޒިމުވެގެން ގޮސް އަދި އިޤްތިޞާދީ ގޮތުންވެސް ދަތިތަކާއި ކުރިމަތިވެ އަދި އާދަކާދައިގެ ގޮތުން ކުރަމުންއައި ކަންތައްތަކެއް މަނާވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނު އަސާސީއާއި މެދު ސަކުވާތައް ގިނަވެ ހިތްހަމަ ނުޖެހުމުގެ އަޑުތައް އުފުލެން ފެށުނެވެ.
އެހެންނަމަވެސް ބައެއް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ދެކިލައްވާގޮތުގައި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނުނު އަސާސީ ވީދާލުމާއި މޮޓަރު ބޯޓުގެ ގަޑުބަޑު ހިނގަންމެދުވެރިވީ ގައިގަނޑަކަށް ތިރީހަކަށް އަަހަރުވަންދެން އެކެއްގެ އަތްމަތީ އޮތްބާރުތަކެއް ޤާނޫނީ އަދި ދުސްތޫރީ ވެރިކަމަކަށް ފުރޮޅިގެން ގޮސް ބާރުތައް ބެހިގެން ދިއުމުން އުނިކަން ލިބުނު ފަރާތްތަކުގެ ރުޅިއާއި ހަސަދާގެ ސަބަބުންކަމުގައެވެ. އޭރު މާލޭގެ ގުޅަކުޅޭ ފަސްގަނޑަކީ ބޮޑެތިކަންކަމުގައި މަޝްވަރާކުރުމަށްޓަކައި މީހުން އެއްވެ ހަދާތަނެވެ. އަދި ރަދުންނަށް ވަކި ކަމެއް އަންގަން ޖެހިއްޖެ ނަމަވެސް އެއްވެ ހަދާތަނަކީ ހަމަ ގުޅަކުޅޭ ފަސްގަނޑެވެ. ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީއާއި މެދު ހިތްހަމަ ނުޖެހިގެން 9 ނޮވެންބަރ 1933 ގައި ރައްޔިތުން ކުއްލިއަކަށް ގުޅަކުޅޭ ފަސްގަނޑަށް އެއްވިއެވެ. އަދި އެއްވި މީހުން ރުޅިވެރިކަން ފާޅުކުރަމުން ދިޔައެވެ. އެމީހުން ގޮވަމުންދިޔައީ ޤާނޫނު އަސާސީ އެމީހުންނާ ހަވާލުކުރުމަށެވެ. އަދި އޭރު ތިބި ވެރިން ހަވަރަށްދިނުމަށް ރައްޔިތުންނާއި ހަވާލު ކުރުމަށް ގޮވަމުންދިޔައެވެ. އަދި ވަޒީރުކަމުގައި ތިއްބެވި އިސްބޭފުޅުން އިސްތިއުފާ ދިނުމަށް ގޮވަމުން ދިޔަކަން ތާރީޚުން އެނގެން އެބަ ހުއްޓެވެ. ދެން މުޙައްމަދު ފަރީދު އެމީހުންގެ އަތަށް ޤާނޫނު އަސާސީ ލިޔެވިފައިވާފޮތް ގެނެސްދިނުމުން އެންމެ ފުރަތަމަ ޤާނޫނު އަސާސީގައި ހިތްޕެވީ ގަލޮޅުގޭ އިބްރާހިމް ދީދީ އެވެ. އަދި އެއްވެފައި ތިބި މީހުންގެ އަތުގައި ޤާނޫނު އަސާސީ ޖެހުމާއިއެކު އެޤާނޫނު އަސާސީ ވީދާ ކުދިކުދި ކޮށްލިއެވެ.
އެހިސާބުން ދިވެހި ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީ ނިމުމަކަށް އައެވެ. އެ ޤާނޫނު އަސާސީއަށް އަމަލު ކުރެވުނީ ދެއަހަރުގެ މުއްދަތަކަށެވެ.
ޤާނޫނު އަސާސީ އަށް އައިސްފައިވާ ބަދަލުތައް:
ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށުނީ 22 ޑިސެމްބަރ 1932 ވަނަ އަހަރުއެވެ. 1932 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަޔަށް ހަފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިސްލާހު ކުރެވި ބަދަލުތައް ގެނެވިފައި ވެއެވެ. އެގޮތުން ފުރަތަމަ ޤާނޫނު އަސާސީ އުވާލެވުނުފަހުން އާޤާނޫނު އަސާސީ އެއް ތަސްދީޤުކޮށްދެއްވީ 23 އޭޕްރީލް 1942 ގައި އަލްސުލްތާން ޙަސަން ނޫރައްދީނެވެ. އެއަށްފަހު އޭރުގައި އޮތް ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރުމަށްޓަކައި 1 ޖެނުއަރީ 1953 ގައި އާ ގާނޫނު އަސާސީއެއް ޢިއުލާންކުރެވިގެންދިޔައެވެ. މި ޤާނޫނު އަސާސީ ތަސްދީޤު ކޮށްދެއްވީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް މުޙަންމަދު އަމީން އެވެ. އަހަރު ދުވަސްވެސް ހަމަ ނުވެ އެ ޖުމްހޫރިއްޔާގެ ރައީސްގެ ވެރިކަން ރައްޔިތުން ނުކުމެ ބަދަލުކުރުމާއި ގުޅިގެން އަނެއްކާވެސް ދިވެހި ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. ވުމާއެކު އަނެއްކާވެސް ޤާނޫނު އަސާސީ ބަދަލުކުރެވުނެވެ.ވުމާއެކު 7 މާރޗް 1954 ގައި ހަތަރު ވަނަ ޤާނޫނު އަސާސީ އަށް އަމަލު ކުރަންފެށުނެވެ. އެ ޤާނޫނު އަސާސީ ތަސްދީޤުކޮށްދެއްވީ ރަސްގެފާނު މުޙައްމަދު ފަރީދުލްއައްވަލެވެ. 1968ގައި ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިއުމާއެކު އާޤާނޫނު އަސާސީ އަކަށް އަމަލުކުރަން ފެށިގެން ދިޔައެވެ. ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤުކޮށްދެއްވި މި ޤާނޫނު އަސާސީއަކީ ފަސްވަނަ ޤާނޫނު އަސާސީ އެވެ. 7 އޮގަސްޓް 2008 ގައި ޒަމާނީ ޑިމޮކްރަސީގެ ނިޒާމަކާއެކު ދިވެހިރާއްޖޭގެ ފެހި ޤާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ތަސްދީޤުކޮށްދެއްވިއެވެ.
ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ "ވީދާލަން ޖެހުނީ އެ ޤާނޫނު އަސާސީއަކީ ރައްޔިތުންނަށް "އެންމެ އެކަށީގެންވާ" ގޮތަށް ހެދިފައި އޮތް ޤާނޫން އަސާސީއަކަށް ނުވާތީތޯ ކުރެވޭ ސުވާލަށް ޖަވާބެއް ހޯދުމަށްޓަކައި ދިރާސާކޮށްލިއިރު ފާހަގަވީ އެއްކަމަކީ، ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކިލައްވާގޮތުގައި ދިވެހިން މިހާރު އަމަލު ކުރަމުންމިދާ ފެހި ޤާނޫނު އަސާސީ ގެ ކުރިން އެކުލަވާލެވުނު އެންމެ ފުރިހަމަ ޤާނޫނު އަސާސީ އަކީ 1932 ގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީ ކަމެވެ. އެހެންކަމުން، އެ ޤާނޫނު އަސާސީ ވީދާލުމަށް މެދުވެރިވި ސަބަބަކީ އެކަށީގެންނުވާ ގޮތަށް ހެދިފައި އޮތް ޤާނޫނު އަސާސީއަކަށް ވާތީކަމުގައި ބުނެވޭކަށްނެތެވެ.
ދެވަނަކަމަކަށް ފާހަގަކުރެވުނީ، ބައެއް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ދެކިލައްވާ ފަދައިން، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނުނު އަސާސީ ވީދާލުމަށް މެދުވެރިވި ސަބަބަކީ އަހަރުތަކެއް ވަންދެން އެކެއްގެ އަތްމަތީގައި އޮތްބާރުތަކެއް ޤާނޫނީ އަދި ދުސްތޫރީ ވެރިކަމަކަށް ފުރޮޅިގެން ގޮސް ބާރުތައް ބެހިގެން ދިއުމުން އުނިކަން ލިބުނު ފަރާތްތަކުގެ ރުޅިއާއި ހަސަދަ ކަމުގައެވެ. އެބައިމީހުން ބޭނުންވީ، ކުރިން ލިބިފައިވީ ބާރުތައް އަނބުރާ ހޯދުމަށްޓަކައި ރައްޔިތުންގެ މެދުގައި ޤާނޫނު އަސާސީއަށް ރުޅިވެރިކަން އުފެއްދުމަށެވެ. އެގޮތުން ގަލޮޅުގޭ އިބްރާހިމް ދީދީ ފަދަ ބޭފުޅުން އަޑީގައި ތިބެގެން، ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްކޮށް ޤާނޫނު އަސާސީ ހަވަރަށް ދެވުނީއެވެ.
އެހެންކަމުން. ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ވީދާލުމުގެ ޙާދިސާއަކީ، ޤާނޫނު އަސާސީގައި ހުރި ދޯހަޅިކަމަކުން ވީ ކަމެއްކަމުގައި ބުނެވޭކަށްނެތެވެ. އެހެންނަމަވެސް، އެއީ ބަޔަކު އަޑީގައި ތިބެ، ރައްޔިތުން ލައްވާ ކުޅުވި ޑްރާމާއެއްކަމަށް ތާރީޚް ދިރާސާކުރައްވާ ބޭފުޅުންގެ ލިޔުއްވުންތަކުން ފެންނަން އެބަހުއްޓެވެ.
ޤާނޫނު އަސާސީއެއް އެކުލަވާ ލެވިގެން މިދަނީ އެ ޤައުމެއްގެ ވެރިކަންކުރުމުގެ ނިޒާމާއި ކަނޑައެޅި މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށްދީ އަދި ރައްޔިތުންގެ ގިނަ ހައްޤުތަކެއް ކަށަވަރު ކޮށްދިނުމުގެގޮތުންނެވެ. ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކިލައްވާގޮތުގައި ދިވެހިން މިހާރު އަމަލު ކުރަމުންމިދާ ފެހި ޤާނޫނު އަސާސީ ގެ ކުރިން އެކުލަވާލެވުނު އެންމެ ފުރިހަމަ ޤާނޫނު އަސާސީ އަކީ 1932 ގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީ އެވެ. އެހެންނަމަވެސް، އެ ޤާނޫނު އަސާސީއަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ އެއްވެސް ކަމެއް ކުރެވިފައިނުވުމުގެ ނަތީޖާއަކީ މީސްތަކުން އެބަލައިނުގަތުމެވެ. އެގޮތުން ފުރަތަމަ ޤާނޫނު އަސާސީ ރައްޔިތުން ނުކުމެ ވީދާލަންމެދުވެރިވި ހާދިސާ ދިރާސާ ކުރާއިރުވެސް ފާހަގަ ކުރެވިގެން ދިއައީ ޤާނޫނު ތަކެއް ހެދިގެން ދިޔަކަމުގައި އެ ޤާނޫނު ތަކަށް ރައްޔިތުން ފުރިހަމައަށް އަހުލުވެރި ކުރެވިފައި ނުވާނަމަ އެ ޤާނޫނު އަސާސީ އަކީ ރައްޔިތުންގެ މައްޗަށް ބޮޑު ބުރަޔަކަށް ވެގެން ހިނގައިދާނެކަމެވެ. އަދި ޤާނޫނު ބައެއްގެ މައްޗަށް ހިންގުމުގައި ހަރުފަތްތަކަކަށް ބަހާލެވިގެން ގެންދެވުނު ނަމަ މިފަދަ ހާދިސާއެއް ހިނގާގެން ދިޔުން ދުރުވާނެއެވެ.މި ކަމުގެ ހެއްކަކީ ކީރިތި ޤުރުއާން މެދުވެރި ކުރައްވާ މާތްﷲ ސުބުހާނަހޫ ވަތައާލާ ހުކުމްތައް ބާވާލައްވަމުން ގެންދެވީ ބައިތަކަކަށް ބައްސަވައިގެންނެވެ. އެންމެ ފުރަތަމަ ވެސް ރާ ހަރާމް ކުރެއްވުމުގެ ބަދަލުގައި ފުރަތަމަ ރަލުގެ ހުރި ނުބައިކަން އެކި އެކި އާޔަތް ތަކުގައި ބަޔާން ކުރައްވާ މީސްތަކުންގެ ނަފްސުތަކާއި ވިސްނުން ރާ ހަރާމް ވުމުގެ އާޔަތް ބާވާލެއްވުމުގެ ކުރިން ތައްޔާރު ކުރެއްވިއެވެ.
މިފަދަ ގޮތަކަށް ޤާނޫނުއަސާސީ ދިވެހީންގެ ތެރެއަށް ތަޢާރަފް ކުރެވުނުނަމަ ޙަސަދަވެރިންނާއި މަކަރުވެރިން ފޭއްސި އިލޮށިތަކާއި ގުއިރޯނުތަކުގައި ނުޖެހި ޤާނޫނު އަސާސީ ވީދާލި ބައެއްގެ ލަަޤަބު ދިވެހިންނަށް ލިބިގެން ނުދިޔައީސްކަން ކަށަވަރެވެ.