އިމާމަތުގެ މައްސަލައަކީ މުސްލިމުންގެ މެދުގައި އެންމެބޮޑަށް އެކަމަކާމެދު ޖަދަލުކޮށް ވާހަކަދެކެވޭ އަދި ޚިލާފު އުފެދި ޚިޔާލު ތަފާތުވެފައިވާ އެއްމެ ބޮޑު އެއް މައްސަލައެވެ. އެގޮތުން ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމާއެކު މިމައްސަލައިގެ ކުރި ފަޅައި ހެދިގަތެވެ. ކީރިތި ރަސޫލާއަށްފަހު އުއްމަތުގެ ޚިލާފަތާއި ޙަވާލުވާނޭ މީހަކު ކަނޑައެޅުމުގައި ޚިޔާލު ތަފާތުވުންތައް އުފެދިގެންދިޔައެވެ.
ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅު ފެށުމާއެކު އެކަލޭގެފާނަށްފަހު އުއްމަތާއި ޙަވާލުވާނޭ މީހަކާމެދު ބަޙުޘްކުރެވެންފެށިއެވެ. އެގޮތުން ޤުރައިޝުންނާއި އަންޞާރުންނާއި މުހާޖިރުންވެސް ވެރިކަމުގެ ޝައުޤުވެރިކަން ފާޅުކުރަމުން ދިޔައެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ފެނުނު އެންމެ ރަނގަޅުގޮތަކީ އަބޫބަކުރުގެފާނަށް އިސްލާމީ އުއްމަތުގެ ޚަލީފާކަމުގެ ބައިޢަތު ހިފުމެވެ. އަދި އަބޫބަކުރުގެފާނު އަވަހާރަވުމުން ޢުމަރުގެފާނު ޚަލީފާއަކަށް އިސްކުރެވުނެވެ. ޢުމަރުގެފާނަށްފަހު އުއްމަތާ ޙަވާލުވާނޭ މީހަކު ކަނޑައެޅުމުގައި ވަރަށް ބޮޑެތި އިޚްތިލާފުތައް އުފެދުނެވެ. އަދި ޢުޘްމާންގެފާނަށްފަހު އުއްމަތުގެ 4 ވަނަ ޚަލީފާއަކަށް އިސްކުރެވިގެންދިޔައީ ޢަލީގެފާނަށެވެ.
ޚަލީފާއިން އިސްކުރުމާއި އިމާމަތުގެ މައްސަލައަކީ މިހާ ހިސާބުން ނިމިގެންދިޔަ ކަމެއްނޫނެވެ. އެގޮތުން މިމައްސަލައަކީ މިއަދާ ހަމައަށްވެސް އެމައްސަލައެއްގައި އެއްބަޔަކު އަނެއްބަޔަކާ އަރާރުންވާ މައްސަލައެކެވެ. ޚާއްޞަގޮތެއްގައި ޝީޢީންނެވެ. ޝީޢީންގެ ފިރުޤާތަކުގެ މެދުގައިވެސް އެ އަރާރުން އޮވެއެވެ. އެގޮތުން ޝީޢީންގެ ފިރުޤާއެއްކަމަށްވާ އިމާމިއްޔާއަކީ ހަމަ ސީދާ މިމައްސަލައާ ގުޅިގެން އުފަންވެފައިވާ ފިރުޤާއެކެވެ. އަދި އެމީހުންގެ ހުރިހާކަމެއް ޤައިދުވެފައިވަނީ އިމާމަތުގެ މައްޗަށެވެ.
އިމާމަތަކީ ކޮބާ؟
ޢަރަބި ބަހުގައި އިމާމަތުގެ މާނައަކީ ޤަޞްދުކުރުމެވެ. ނުވަތަ ކުރިމަތިލުމެވެ. އެގޮތުން ޢަރަބި ބަހުގައި އިމާމަކީ ބަޔަކު އެމީހަކަށް ތަބާވާ މީހާއެވެ. އެގޮތުން ރައީސަކަސް، ބޮޑުވަޒީރަކަސް، ރަސްގެފާނަކަސް އެއީ ބައެއްގެ ވެރިއަކަށް ހުންނަ މީހާއަށްވާތީ ބަހަވީ ގޮތުން ބަލާއިރު އެއިން ކޮންމެ މީހަކީވެސް އިމާމެކެވެ.
އިސްލާމީ އެކިއެކި ފިރުޤާތަކުގައި އިމާމަތުގެ އިޞްޠިލާޙީ މާނަ ތަފާތެވެ. އެގޮތުން އަހުލުއްސުންނާއިންގެ ގާތުގައި އިމާމަތުގެ އިޞްޠިލާޙީ މާނަކަމުގައި އިމާމު عضد الدين الإيجي ވިދާޅުވަނީ "އިމާމަތަކީ އުއްމަތުގެ އެންމެން އެމީހަކަށް ތަބާވާންޖެހޭ، އަދި މުސްލިމުންގެ މިއްލަތް ރައްކާތެރިކޮށް އިސްލާމްދީން ޤާއިމްކުރުމަށްޓަކައި ކީރިތި ރަސޫލާއަށްފަހު އިސްލާމީ އުއްމަތުގެ ވެރިކަމާ ޙަވާލުވާ ޙަވާލުވުންކަމުގައެވެ." އަދި އެއީ ދީނީ އަދި ދުނިޔޭގެ ކަންކަމުގައި ކީރިތި ރަސޫލާއަށްފަހު އެންމެންގެ މައްޗަށް ޢާއްމުވެގެންދާހެން ވެރިކަމާއި ޙަވާލުވާ ޙަވާލުވުމެވެ. އިމާމް ކަމާލް ބިން ހައްމާމް އިމާމަތު މާނަކޮށްފައިވަނީ އެންމެހާ މުސްލިމުންގެ މައްޗަށް ބަސްކިޔުން ޙައްޤުވުމުގެ މާނާގައެވެ. މާވަރްދީ މާނަކުރައްވާ ގޮތުގައި އިމާމަތަކީ ދުނިޔޭގެ ސިޔާސަތާއި ދީން ރައްކާތެރިކުރުމަށްޓަކައި ލެއްވިފައިވާ ނަބަވީ ޚިލާފަތުގެ މާނާގައެވެ. މިހުރިހާ ތަޢްރީފުތުތަކަށް ބަލާއިރު އަހުލުއްސުންނާގެ އެންމެންގެ ތަޢްރީފުތައްވެސް ވަރަށް އެއްގޮތެވެ. އެގޮތުން އިމާމަތަކީ ކީރިތި ރަސޫލާއަށްފަހު، ދީން ޤާއިމްކޮށް ޝަރީޢަތް ތަޠްބީޤުކުރުމަށްޓަކައި އުއްމަތުގެ ވެރިކަމާއި ޙަވާލުވާ ޙަވާލުވުމެވެ.
ޒައިދިއްޔާއިޔާއިންގެ ގާތުގައި އިމާމަތުގެ އިޞްޠިލާޙީ މާނައަކީ އޭނާގެ މައްޗަށް ބަސްކިޔާނޭ އެހެން މީހަކު ނުހުންނާނޭހެން، އުއްމަތުގެ ކަންތައްތައް ވިލަރެސްކުރުމަށް ވެރިކަމާއި ޙަވާލުވާ ޙަވާލުވުމުގެ ގޮތުގައެވެ. މިތަޢްރީފުން އެނގޭގޮތުގައި ޒައިދިއްޔާއިން އިމާމަތު މާނަކުރަނީ ދީނީ އަދި ދުންޔަވީ ކަންކަން ހިމެނޭހެންނެވެ. ހަމައެހެންމެ، ޚަލީފާއެއްގެ ގޮތުގައި ހުންނާނީ އެންމެ މީހެއްކަމެވެ.
އިޘްނާ ޢަޝަރިއްޔާއިންގެ ގާތުގައި އިމާމަތުގެ އިޞްޠިލާޙީ މާނައަކީ މީސްތަކުންގެ ތެރެއިން ހޮވާލެވޭ މީހަކަށް ޚާއްޞަވެގެންވާ ދީނީ އަދި ދުންޔަވީ ކަންކަން ތަރުތީބުން ހިންގުމަށްޓަކައި އުއްމަތުގެ ވެރިކަމާއި ޙަވާލުވާ ޙަވާލުވުމެވެ.
އިމާމަތާއި ޚިލާފަތުގެ ތަފާތު:
އަހުލުއްސުންނާގައި ޚަލީފާއިންނާއި އިމާމުން ތަފާތެއް ނުކުރެއެވެ. އެކަމަކު ޒައިދިއްޔާއިން ދެކޭގޮތުގައި ޚިލާފަތަށްވުރެ އިމާމަތު ޚާއްޞައެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތަށްވެސް މިބައިމީހުން އިޤްރާރުވެއެވެ. އެކަމަކު އެމީހުން ޤަބޫލުކުރާގޮތުގައި އެދެބޭކަލުންނަށްވުރެ ޢަލީގެފާނަށް ޚިލާފަތު ލިބުން އައުލާވެގެންވެއެވެ. އަދި ޢަލީގެފާނަށްފަހު ވެރިކަން ލިބެންވާނީ ޙަސަންގެފާނާއި ޙުސައިންގެފާނަށެވެ. އެއަށްފަހު، އެމީހުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ އެހެންމީހުންނަށެވެ. އެހެންގޮތަކަށް ބުނާނަމަ ފާޠިމަތުގެފާނުގެ ދަރިފަސްކޮޅުން އައިސްފައިވާނަމަ އަދި އެބޭކަލަކު އަމިއްލަ ނަފްސަށް އިމާމަތުގެ ޒިންމާ ނަގައިފި ޙާލަތެއްގައި އެމީހެއްގެ ކިބާގައި އިމާމަތުގެ ޝަރުޠުތައް ފުރިހަމަވާނަމަ އެއީ އިމާމެކެވެ. އަދި ޝަރުޠު ހަމަނުވާ ޙާލަތުގައި އެމީހަކު ވެރިޔަކަށް އިސްކުރުމަކީ މަޞްލަޙަތު ހުރި ގޮތްކަމަށްވާނަމަ އެއީ ޚަލީފާއެކެވެ.
އިޘްނާ ޢަޝަރިއްޔާއިން ދެކޭގޮތުގައި ޚިލާފަތާއި އިމާމަތު މުޅިން ތަފާތެވެ. އެގޮތުން އިމާމަތަކީ މިއްލަތް ރައްކާތެރިކޮށް ދީން ޤާއިމުކޮށްދޭ ވެރިކަމެވެ. އިމާމަތަށް ތަބާވުން އެންމެންގެ މައްޗަށް ވާޖިބުވާނެވެ.
އިމާމަތު އުފެދިގެން އައިގޮތް:
ޒައިދިއްޔާގައި އިމާމަތުގެ ޢަޤީދާ އުފަންވީ ވެރިކަމަކީ ވާރުތަވެގެންދާ ކަމެއްގެ ގޮތުގައި ކަނޑައެޅުމުން ހިޝާމް ބިން ޢަބްދުލްމަލިކާއި ދެކޮޅަށް އިމާމް ޒައިދު ބިން ޢަލީ ޒައިނުލް ޢާބިދީން ބިން ޙުސައިން ބިން ޢަލީ ނިކުންނެވި ހިސާބުންނެވެ. އަދި އެހިސާބުން ޒައިދުގެފާނުވަނީ އެކަލޭގެފާނުގެ މަބްދައުތައް ސާފުކޮށް ބަޔާންކުރައްވާފައެވެ. އޭގެތެރޭގައި އިމާމަތުގެ ޝަރުޠުތައް ފުރިހަމަވުމާއެކު، އިމާމަކީ ފާޠިމަތުގެފާނުގެ ދަރިކޮޅުގެ މީހެއްކަމުގައިވުމާއި އެންމެ އިމާމަކު ހުރެގެން ދުނިޔޭގެ ހުރިހާ ހިސާބަކަށް އިސްލާމީ ދަޢުވަތު ފޯރުކޮށްނުދެވޭނަމަ ދުނިޔޭގެ ދެބިތުގައި ދެއިމާމުން ތިބުން ހުއްދަކުރެއްވުން ހިމެނެއެވެ. ޒައިދުގެފާނު ވަނީ ހިޝާމް ބިން ޢަބްދުލްމަލިކާއި ދެކޮޅަށް އުމަވީންގެ ލަޝްކަރާއި ހަނގުރާމަވެސް ކޮށްފައެވެ. އެގޮތުން ހިޝާމް ބިން ޢަބްދުލްމަލިކާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއްގައި އެކަލާގެފާނު އަވަހާރަވިއެވެ. އެއާއެކު ޒައިދިއްޔާއިންގެ ތެރެއިން 3 ފިރުޤާއެއް އުފަންވިއެވެ. އެއީ:
1- الجارودية: މިއީ އަބޫ ޖާރޫދަށް ތަބާވީ މީހުންނެވެ. މިމީހުން ދެކޭގޮތުގައި ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނަށް ފަހުގައި މުސްލިމުންގެ ވެރިކަމާ ޙަވާލުވާނޭ މީހެއްގެ ގޮތުގައި ޢަލީގެފާނުގެ ނަންފުޅު ބަޔާންނުކޮށް އެކަލޭގެފާނު ޞިފަކޮށްދީފައެވެ. އެހެންނަމަވެސް ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމުން މީސްތަކުން އެކަލޭގެފާނުގެ އެޙަދީޘްފުޅުތަކަށް އިސްކަމެއް ނުދިނެވެ. އަހައްމިއްޔަތެއް ނުދިނެވެ. މިއީ އިމާމް ޒައިދުގެ އަސާސީ ޤަބޫލުކުރުންތަކާއި އިދިކޮޅު ޤަބޫލުކުރުމެކެވެ.
2- السليمانية: މިއީ سليمان بن جرير الزيدي އަށް ތަބާވީ މީހުންނެވެ. މިމީހުން ޤަބޫލުކުރާގޮތުގައި އިމާމަތު ވަނީ ޝޫރާގެ ހަމަތަކުގެ މަތިންނެވެ. މިބައިމީހުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތަށް އިޤްރާރުވެއެވެ. އެހެންނަމަވެސް ޢުޘްމާންގެފާނުގެ ޚިލާފަތު ޤަބޫލެއްނުކުރެއެވެ. މިބައިމީހުން ބުނާގޮތުގައި ޢަލީގެފާނު ޚަލީފާއަކަށް އިސްކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށް އެނގޭޙާލުގައިވެސް ޞަހާބީން އެކަމަށް ފަރުވާލެއް ނުބަހައްޓައި ޚިލާފަތު އެކަލޭގެފާނާއި ޙަވާލުނުކުރީއެވެ.
3- البترية: މިއީ الأبتر ގެ ނަމުން މަޝްހޫރުވެފައިވާ حسن بن صالح بن حي އަށް ތަބާވާ މީހުންނެވެ. މިމީހުންގެ ވިސްނުން އެންމެ އެއްގޮތީ ސުލައިމާނިއްޔާއިންނާއެވެ.
އިޘްނާ ޢަޝަރިއްޔާއިންގެ ޢަޤީދާގައި އިމާމަތަކީ މަޒުހަބުގެ އެއް އަސާސެވެ. އަދި އެހެން ކަންކަން ބިނާވެގެންދަނީ އެއަސާސުގެ މައްޗަށެވެ. މިބައިމީހުންގެ ފެށުމަށް ވާޞިލްވާނަމަ ޝީޢީންގެ މަޒުހަބު ފެށިގެން އައި ހިސާބަށް ރުޖޫޢަވާންޖެހެއެވެ. އެގޮތުން ބައެއް ބާޙިޘުން ބުރަވާގޮތުގައި ޢަލީގެފާނު މަތިވެރިކޮށް އެކަލޭގެފާނަށް ތާއީދުކުރާ މީހުންގެ ޢަޤީދާ ފެށިފައިވަނީ ކީރިތި ރަސޫލާއާ ހިސާބުންނެވެ. އެގޮތުން އެކަލޭގެފާނު ވަނީ ޢަލީގެފާނުގެ ދެކެ ލޯބިވުމަށާއި، ޢަލީގެފާނުގެ ވިލާޔަތާ ބެހޭގޮތުން އެތައް ޙަދީޘްފުޅެއް އުއްމަތަށް ދޫކުރައްވާފައެވެ. ހަމައެހެންމެ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކާއި، ކީރިތި ޤުރުއާނުގެ އާޔަތްތަކުންވެސް ޢަލީގެފާނުގެ މާތްކަމާއި، ކީރިތި ރަސޫލާއަށްފަހު ޚިލާފަތާއި ޙަވާލުވާނީ ޢަލީގެފާނުކަން ދޭހަވާފަދަ ކަންކަން ފެންނަން އެބަހުއްޓެވެ.
އަނެއްބައި ބާޙިޘުން ދެކޭތުގައި އިމާމިއްޔާގެ ފެށުން ގުޅެނީ ކީރިތި ރަސޫލާ ސުވަރުވެވަޑައިގަތުމުގެ ފަހުން ހިނގި ކަންކަމާއެވެ.
ޒައިދިއްޔާގައި އިމާމަތުގެ މަޤާމު:
ޒައިދިއްޔާއިންގެ ގާތުގައި އިމާމަތަކީ ދީނުގެ އެއް އަޞްލެވެ. އެހެނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމާއި ޝަރީޢަތް ނެގެހެއްޓުމާއި، ޖިހާދުކުރުން ފަދަ ހުރިހާކަމެއް ތަރުތީބުވެގެންދަނީ އިމާމަތުގެ މައްޗަށެވެ. ޒައިދިއްޔާއިންގެ ގާތުގައި އިމާމަތަކީ ނުބުއްވަތާ ގުޅިގެން އަންނަ ބައެކެވެ. އިމާމުން ކުރާ ކަމަކީ ނަބިއްޔުން ދަސްކޮށްދެއްވި ކަންކަން މީސްތަކުންނަށް ފޯރުކޮށްދިނުމާއި ޝަރީޢަތް ތަބްލީޣުކުރުމާއި، ދެކޮޅުވެރިވާ މީހުންނާއި ހަނގުރާމަކުރުމެވެ. އެހެންކަމުން، ނުބުއްވަތެކޭ އެއްފަދައިން މާތްﷲ ގެ އިޒުނައާ ނުލައި އަދި އެކަލާނގެ ޚިޔާރުކުރައްވާ ބަޔަކަށް މެނުވީ އިމާމަތެއް ނުވެއެވެ. މިދަރަޖައަށް އިމާމަތު އުފުލާލި މީހަކީ القاسم بن إبراهيم الرسي އެވެ. އޭނާ ވަނީ އިމާމަތު ފަރުޟެއްގެ ދަރަޖައަށް އުފުލާފައެވެ. އިމާމަތަށް އިންކާރު ކުރުމަކީ ކުފުރުވުމެވެ. އެމީހެއްގެ ފަހަތުގައި ނަމާދުވެސް ޞައްޙައެއްނުވާނެއެވެ. މި ބުނެވުނު ޤާސިމަށްފަހު، އޭނާގެ ވިސްނުން ޕްރޮމޯޓުކުރުމުގައި ޙަރަކާކްތެރިވީ ޔަމަނުގައި ޒައިދިއްޔާގެ އޮށް އިންދި އޭނާގެ ކާފަ ދަރިއެއްކަމަށްވާ الهادي އެވެ.
އިޘްނާ ޢަޝަރިއްޔާގައި އިމާމަތުގެ މަޤާމު:
މިބައިމީހުންވެސް ދެކެނީ އިމާމަތަކީ އިސްލާމްދީނުގެ އަޞްލެއްކަމުގައެވެ. އެގޮތުން އިމާމަތަކީ އިންސާނުންގެ އިޚްތިޔާރުން ބޭރުގައިވާ ނުބުއްވަތާ އެއްގޮތް ކަމެއްގެ ގޮތުގައި މިމީހުން ދެކެއެވެ. އެގޮތުން ނަބީކަން އަންނަނީ އުޑުން ބާވައިލެއްވޭ ވަޙީއާ އެކުގައިކަމަށްވީ ފަދައިން އިމާމަތު އަންނަނީ ނަބިއްޔުންގެ ކިބައިން ކަމުގައި ޤަބޫލުކުރެއެވެ. ތަފާތަކީ ނަބީކަން އަންނަނީ ސީދާ މާތް ﷲގެ ފަރާތުންކަމަށްވެފައި އިމާމަތު އަންނަނީ މާތް ﷲގެ ކިބައިން ނަބިއްޔުން މެދުވެރިކޮށްކަމަށްވުމެވެ. އެގޮތުން އިމާމަކީ ނަބިއްޔެއްގެ މަޤާމުގައި ހުންނަ މީހެކެވެ. ހަމައެކަނި ތަފާތަކީ ވަޙީ ނާންނަކަން އެކަންޏެވެ.
އިމާމަތުގައި ދެމަޒްހަބުގެ ތަފާތުތައް
ޒައިދިއްޔާއާއި އިޘްނާ ޢަޝަރިއްޔާގެ ރައުޔަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަ އެއްކަމަކީ މިދެބައިމީހުންވެސް އިއްތިފާޤުވާ އެއްކަމެއްވާކަމެވެ. އެއީ އިމާމަތަކީ ދީނުގެ އަޞްލުތަކުގެތެރެއިން އަޞްލެއްކަމެވެ. މިއާއެކު އިޘްނާ ޢަޝަރިއްޔާއިން ދެކޭގޮތުގައި އިމާމާއާއި ނަބިއްޔުންގެ ތަފާތަކީ އިމާމުންނަށް ވަޙީ ބާވައިނުލައްވާކަން އެކަންޏެވެ. އެކަމަކު، ނަބިއްޔުންގެ އެހެން ހުރިހާސިފަތަކެއް މިބައިމީހުން އިމާމާއަށް ނިޞްބަތްކުރެއެވެ.
ޒައިދިއްޔާއިން ދެކެނީ އިމާމަކީ ނަބިއްޔުންނަށްފަހު އެބައިމީހުންގެ ދީނީ އަދި ދުނިޔަވީ ވާޖިބުތަކާއި ޙަވާލުވާ މީހުންކަމުގައެވެ. އެހެކަމުން ޒައިދިއްޔާއިންނަށްވުރެ އިމާމިއްޔާގައި އިމާމަތަށް ދެވިފައިވާ ޤަދަރު މަތިވެރިއެވެ.
ޒައިދިއްޔާއިންގެ ގާތުގައި އިމާމު ޢައްޔަންކުރުން:
ޢަލީގެފާނުގެ އިމާމަތު:
ޒައިދިއްޔާއިންގެ ތެރެއިން ގިނަމީހުން ޤަބޫލުކުރާގޮތުގައި ކީރިތި ރަސޫލާއަށްފަހު އިސްލާމީ އުންމަތުގެ ވެރިކަމާ ހަވާލުވާންޖެހޭ ފަރާތަކީ ޢަލީގެފާނެވެ. އެގޮތުން ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްފުޅުތަކުން މިކަން ސާބިތުވާކަމަށްބުނެ ދަލީލު ދައްކައެވެ. އޭގެތެރޭގައި ކީރިތި ރަސޫލާގެ ޙަދީޘެއްގައި ""أنت مني بمنزلة هارون من موسى إلا أنه لا نبي بعدي" މިފަދައިން އޮތުމުން، ހާރޫނުގެފާނަށް ލިބިފައިވާ ހުރިހާ ކަމެއް ޢަލީގެފާނަށް ވާކަމަށް ޤަބޫލުކުރެއެވެ. އަދި ހާރޫނުގެފާނަކީ މޫސާގެފާނުގެ ޚަލީފާކަމަށާއި، ކީރތި ރަސޫލާއަށްފަހު ޚިލާފަތު ލިބެންޖެހޭނީ ޢަލީގެފާނަށެވެ.
ޙަސަން އަދި ޙުސައިންގެފާނުގެ އިމާމަތު:
ޒައިދިއްޔާއިން ޤަބޫލުކުރާގޮތުގައި ޢަލީގެފާނަށްފަހު ވެރިކަމަށް އަންނަންވާނީ ޙަސަންގެފާނެވެ. އެއަށްފަހު އެކަލޭގެފާނުގެ އަޚު ޙުސައިންގެފާނެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. "الحسن والحسين إمامان قاما أو قعدا، وأبوهما خير منهما". އެހެންކަމުން އެދެބޭކަލުންގެ ބައްޕާފުޅުގެ އިމާމަތަށްފަހު އެންމެ ހައްޤުކަންބޮޑީ އެދެބޭކަލުންނަށެވެ.
ޙަސަން އަދި ޙުސައިންގެފާނަށްފަހު އިމާމަތު:
ޒައިދިއްޔާއިން ދެކޭގޮތުގައި ޙަސަންގެފާނާއި ޙުސައިންގެފާނަށްފަހު އެދެބޭކަލުންގެ ދަރިންނަށެވެ. ޢީލްމުވެރިކަމާއި، ވަރަޢަވެރިކަމާއި މަތިވެރިކަމާއި ހިތްވަރާއި ކަންކަން ތަދުވީރުކުުރުމުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަށް ބުރަވެތިބެއެވެ.
އިޘްނާ ޢަޝަރިއްޔާއިން ގާތުގައި އިމާމު ޢައްޔަންކުރުން:
ޢަލީގެފާނުގެ އިމާމަތު:
އިޘްނާ ޢަޝަރިއްޔާއިން ދެކޭގޮތުގައި އިމާމެއް ޢައްޔަންކުރެވޭނީ ދެގޮތަކަށެވެ. އެއީ މާތް ﷲ ނަބިއްޔެއް މެދުވެރިކޮށް އިމާމަތާ ގުޅޭ ނައްޞެއް ބާވައިލެއްވުމާއި، ރަސޫލެއްގެ ކިބައިން އިމާމަތާގުޅޭ ނައްޞެއް އައިސްފައިވުމާއި، ކުރީގެ އިމާމެއްގެ ކިބައިން އެމީހެއްގެ އިމާމަތާގުޅޭ ނައްޞެއް އައިސްފައިވުމެވެ. ދެވަނައަށް އެމީހެއްގެ އަތްމައްޗަށް މުޢުޖިޒާތެއް ފާޅުވެ، އޭނާއަކީ މާތް ﷲ ކަނޑައަޅުއްވާފައިވާ އިމާމެއްކަން ސާބިތުވުމެވެ.
އެގޮތުން ރަސޫލާ ވަނީ ޢަލީގެފާނުގެ އިމާމަތާގުޅޭގޮތުން ޙަދީޘްފުޅުކުރައްވާފައެވެ. އެގޮތުން މުއިމުނުންގެ އަމީރަކަށް އެކަލޭގެފާނު ޢައްޔަންކުރެއްވުމާއި، ވަޙީގެ އަމާނާތްތެރިއަކަށް ޢައްޔަންކުރެއްވުން ބެލެވެނީ ނަބިއްޔާގެ ފަރާތުން ލިބިފައިވާ ނައްޞީ ހެކިތަކެއްގެ ގޮތުގައެވެ. އިމާމިއްޔާއިން ދެކޭގޮތުގައި ވޯޓުލައިގެން ނުވަތަ ޝޫރާގެ އުޞޫލުން އިމާމު ޢައްޔަން ކުރުމަކީ ބާޠިލު ގޮތެކެވެ. އިމާމު ޢައްޔަންކުރެވެންވާނީ މާތް ﷲ ގެ އަމުރުފުޅާ އެއްގޮތަށެވެ. އެގޮތުން މިކަމަށް އެތައް ދަލީލެއް ދައްކައެވެ. އޭގެތެރެއިން އެއްދަލީލަކީ އިމާމާ އިޚްތިޔާރު ކުރެވެނީ މީސްތަކުން ބޭނުންވާގޮތަށް ކަމުގައިވާނަމަ އެއިޚްތިޔާރު ކުރުމަކީ ގޯސް އިޚްތިޔާރަކަށްވުމުގެ ފުރުޞަތުއޮތުމެވެ. އެގޮތުން ޢުޘްމާންގެފާނު ޚަލީފާއަކަށް ހޮވުމަށްފަހު، ޢަބްދުއްރަޙްމާން ބިން ޢައުފު ވަނީ އެކަލޭގެފާނަށް ހެއްދެވުނީ ގޯހެއްކަމަށް އިޢްތޮރާފުވެފައިކަމަށާއި، އެއިންވެސް ސާބިތުވަނީ އިމާމަތު އޮންނާންވާނީ މާތް ﷲ ގެ ހޮއްވެވުމެއްގެ ގޮތުގައިކަމެވެ.
ޢަލީގެފާނަށްފަހު އިމާމަތު:
އިމާމިއްޔާއިން ބުނާގޮތުގައި ޢަލީގެފާނަށްފަހު ވެރިކަމާ ޙަވާލުވާނޭ 12 އިމާމެއްގެ ވާހަކަ ކީރިތި ރަސޫލާ ވަނީބަޔާންކުރައްވާފައިކަމެވެ. އެއީ
1- أبو الحسن علي بن أبي طالب
2- أبو محمد الحسن بن علي
3- أبو عبد الله الحسين بن علي
4- أبو محمد علي بن الحسين
5- أبو جعفر محمد بن علي
6- أبو عبد الله جعفر بن محمد
7- أبو إبراهيم موسى بن جعفر
8- أبو الحسن علي بن موسى
9- أبو جعفر محمد بن علي
10- أبو الحسن علي بن محمد
11- أبو محمد الحسن بن علي
12- أبو القاسم محمد بن الحسن
ދެބައިމީހުންގެ ތަފާތުތައް:
ޒައިދިއްޔާއާއި އިޘްނާ ޢަޝަރިއްޔާއިންވެސް ދެކޭގޮތުގައި ވެރިއަކު ޢައްޔަންކުރުމުގައި ނައްޞަކުން އިމާމަތު ސާބިތުވާންޖެހޭނެއެވެ. އެގޮތުން ނައްޞީ ދަލީލުތައް ގެންނަ ގެނައުމުގައި އެއްބަޔަކު އަނެއްބަޔަކާ ވަރަށް އެއްގޮތެވެ. ޚިލާފަކީ ނައްޞުގެ ވައްތަރާއި ނައްޞު އަންނަ ގޮތުގައެވެ. އެގޮތުން ޒައިދިއްޔާއިން ދެކޭގޮތުގައި ނައްޞަކީ އެހާ ފާޅުކަން ބޮޑުނޫން ނައްޞެކެވެ. އިމާމިއްޔާއިން ބުނަނީ ކަނޑައެޅިގެން ނައްޞެއް އޮންނަންވާނެކަމަށެވެ.
އެގޮތުން ދެބައިމީހުންވެސް ދެކޭގޮތުގައި ޙަސަންގެފާނާއި ޙުސައިންގެފާނަށް ވެރިކަން ދިނުމާގުޅޭގޮތުން ސީދާ ނައްޞެއް އެބައޮތެވެ. ޒައިދިއްޔާއިންނަށް ހަމައެކަނި ނައްޞަކުން ފުދޭއިރު އިމާމިއްޔާއިންގެ ގާތުގައި އިމާމުންގެ އަތްމަތިން މުޢުޖިޒާތެއް ފާޅުވުން ހިމެނެއެވެ.
ދެވަނަ ޚިލާފަކީ، ޒައިދިއްޔާއިންގެ ގާތުގައި ޢަލީގެފާނަށްފަހު ވެރިކަމާ ޙަވާލުވާންޖެހޭނީ އެކަލޭގެފާނުގެ 2 ދަރިކަލުންކަމަށްވާ ޙަސަންގެފާނާއި ޙުސައިންގެފާނެވެ. އަދި އެއަށްފަހު އިމާމަތުގެ ޝަރުޠު ފުރިހަމަވާ އެދަރިކޮޅުގެ އެހެންމީހުންނެވެ. އެހެންނަމަވެސް އިމާމިއްޔާއިންގާތުގައި ޙުސައިންގެފާނުގެ ދަރިކޮޅުން 12 މީހަކު ވަނީ އިމާމުންގެ ގޮތުގައި ނައްޞުން ސާބިތުވެފައެވެ.
ޒައިދިއްޔާއިން ވަނީ 3 ޚަލީފާއިންގެ ޚިލާފަތާއި ވެރިކަން ހުއްދަކޮށްފައެވެ. އަދި އެކަމަށް ރުހެއެވެ. އެހެންނަމަވެސް އިމާމިއްޔާއިން އެބޭކަލުންގެ ޚިލާފަތަށް އިންކާރުކޮށް އެ ޚަލީދާއިން ކާފިރުކުރެއެވެ.
އިމާމާގެ ސިފަތަކާއި ޝަރުޠުތައް (ޒައިދިއްޔާ):
ޒައިދިއްޔާއިން ވަނީ އިމާމާގެ ސިފަތަކާއި ޝަރުޠުތައް ކަނޑައަޅާފައެވެ. މިޝަރުޠުތައް ކަނޑައެޅުއްވީ أحمد بن يحيى المرتضى އެވެ. އަދި އަދަށް ދާންދެންވެސް ޒައިދިއްޔާއިން އެއްބަސްވާ ޝަރުޠުތަކަކީ މިއެވެ.
1- ބާލިޣުވެފައިވުމާއި ބުއްދި ސަލާމަތުންހުރުން
2- ފިރިހެނަކަށްވުން
3- މިނިވަނަކަށްވުން
4- ނަސަބުގެ ގޮތުން ޢަލީގެފާނުގެ ދަރިފަސްކޮޅަށް ނިޞްބަތްވުން
5- މުޖުތަހިދެއްކަމުގައިވުން
6- ވަރަޢަވެރިއަކަށްވުން
7- ހަޑި މަސައްކަތެއް ކުރާ މީހެއްކަމުގައި ނުވުން.
8- އެޒަމާނަކަށް ބަލާއިރު މޮޅު ރަނގަޅު މީހަކަށްވުން
9- ހިތްވަރުގަދަކަން
- ކަންކަން ތަދުބީރުކުރުމުގެ ކުޅަދާނަކަން ހުރުން
11- އިމާމެއްގެ މަސްއޫލިއްޔަތު އުފުލޭފަދަ މީހަކަށްވުން
12- ޙައްޤުތަކަށް ރައްކާތެރިވާ މީހަކަށްވުން
13- ނުރައްކާތެރި ބަލިތަކުން ސަލާމަތްވެފައިވާ މީހަކަށްވުން
14- ޞިއްޙަތު ސަލާމަތުން ހުރި މީހަކަށްވުން
އިމާމާގެ ސިފަތަކާއި ޝަރުޠުތައް (އިޘްނާ ޢަޝަރިއްޔާ):
1- މަޢުޞޫމަކަށްވުން:
2- އެންމެ ޤާބިލު މީހާކަމަށްވުން
3- އުންމަތުގެ ކަންކަން އެންމެބޮޑަށް އިނގޭ މީހާއަށްވުން
މަހުދީގެފާނުގެ އިމާމަތު:
ޒައިދިއްޔާއިން ޤަބޫލުކުރާގޮތުގައި މުޅިބިމުގައި ފަސާދަ ޢާއްމުވެފައިވަނިކޮށް ފަހުޒަމާނުގައި ޙަސަންގެފާނާއި ޙުސައިންގެފާނުގެ ދަރިކޮޅުގެ ބޭކަލެއް ފާޅުވާނެއެވެ. އެކަލޭގެފާނު މުޅި ބިންމަތީގައި ޢަދުލް އިންސާފު ޤާއިމްކުރައްވާނެއެވެ. ޒައިދިއްޔާއިންގެ ގާތުގައި އިމާމް މަހުދީއަކީ ވަކި މީހެއްނޫނެވެ. އެހެނެއްކަމަކު، އެއީ ފަހުޒަމާނުގައި ފާޅުވާނޭ ފާޠިމަތުގެފާނުގެ ދަރިފަސްކޮޅުންގެ މީހެކެވެ.
އެބައިމީހުން މިކަމަށް ހެކިދައްކަނީ ކީރިތިރަސޫލާގެ ޙަދީޘްފުޅުތަކުންނެވެ. އޭގެތެރެއިން އެއް ޙަދީޘެއްގައިވެއެވެ. ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ނަންފުޅު ފަދައިން އެބޭކަލެއްގެ ނަންފުޅުވާ އަދި ތިމަންކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅު ފަދައިން އެބޭކަލެއްގެ ބައްޕާފުޅުގެ ނަންފުޅުވާ ބޭކަލަކު ޢަރަބިކަރައިން ފާޅުނުވަނީސް ޤިޔާމަތްނުވާހުއްޓެވެ. އެބޭކަލަކު ވާހުށީ ބިމުގައި ޢަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުކުރާނޭ މީހެއްކަމުގައެވެ."
މިއާ ޚިލާފަށް އިޘްނާ ޢަޝަރިއްޔާއިން ދެކޭގޮތުގައި އެބޭކަލަކަށްޓަކައި އިންތިޒާކުރެވޭ މަހުދީގެފާނަކީ މުޙައްމަދު ބިން ޙަސަން އަލްޢަސްކަރީއެވެ. އެކަލޭގެފާނު ވަނީ މާތް ﷲ ޢަމުރުފުޅަށް ޣައިބުވެވަޑައިގެންފައެވެ. އަދި އެކަލޭގެފާނު އެހުންނެވި ތަނެއްގައި ހުންނަވައިގެން ޝީޢީންގެ ގާތަށް ވަޑައިގެން އެމީހުންގެ ޙާލު އަޙްވާލު ބައްލަވާ ހައްދަވައެވެ. އަދި ކޮންމެވެސް ދުވަހަކުން މީސްތަކުންގެ ތެރެއަށް ފާޅުވެވަޑައިގަންނަވާނެއެވެ.
މަހުދީގެފާނު ޣައިބުގައި ހުރުމާއި އެނބުރި އައުމުގެ މައްސަލާގައި ޝީޢީންގެ އެހެން މަޒްހަބުތަކާ ޒައިދިއްޔާއިންގެ ޚިޔާލުތަފާތެވެ. ޒައިދިއްޔާއިން ދެކޭގޮތުގައި އިމާމަތު ކަނޑައެޅިފައިވަނީ ވަކި މީހަކަށްނޫނެވެ. އެހެންވީމާ، ވަކި މީހަކު އަވަހާރަނުވެ ޣައިބުގައި ހުރުމާއި، އޭނާ އެނބުރި އައުމަކީ އެމީހުންގެ ގާތުގައި ބުރަދަނެއް ވާހަކައެއްނޫނެވެ. އެނބުރި އައުމުގެ މައްސަލާގައި ޒައިދިއްޔާއިންގެ ރައުޔަކީ އަހުލުއްސުންނާގެވެސް ރައުޔެވެ.
އިޘްނާ ޢަޝަރިއްޔާއިންގެ ރައުޔުގައި އެނބުރިއައުމަކީ މަރުވުމަށްފަހު އަލުން ދުނިޔެއަށް ފޮނުއްވުމެވެ. އެގޮތުން މާތް ﷲ މުޚުލިޞުންގެ ފުރާނަ އެބޭކަލުންގެ ހަށިކޮޅުތަކަށް ރައްދުކުރައްވާނެއެވެ. އަދި އެއީ ކީރިތި ޤުރުއާނުންނާއި ސުންނަތުން ސާބިތުވާ ކަމެކެވެ. ހަމައެހެންމެ، އިޘްނާ ޢަޝަރިއްޔާއިންގެ ގާތުގައި މިކަމަށް އިންކާރުކުރުމަކީ އީމާންކަމުން ބޭރުވާނޭކަމެކެވެ.
މަހުދީގެފާނު އެނބުރިއައުމުގެ ޢަޤީދާގައި ޒައިދިއްޔާގެ ތެރެއިން ޖާރޫދިއްޔާއިންގެ 3 ރައުޔެއްވެއެވެ. އެއްބަޔަކު ބުނާގޮތުގައި މަހުދީގެފާނަކީ މުޙައްމަދު ބިން ޢަބްދުﷲ ބިން ޙަސަން އެވެ. އެކަލޭގެފާނު އަވަހާރައެއްނުވެއެވެ. ހަމައެހެންމެ، އެކަލާގެފާނު ޣައިބުގައި ހުންނެވި ތަނުން ނިކުމެވަޑައިގަންނަވާނެއެވެ. ދެވަނަ ރައުޔުގެ މީހުން ދެކޭގޮތުގައި މަހުދީގެފާނަކީ މުޙައްމަދު ބިން ޤާސިމްއެވެ. އެކަލޭގެފާނު ދިރިދުނިޔޭގައި އެބަހުއްޓެވެ. އަދި އެކަލާގެފާނު ޣައިބުގައި ހުންނެވި ތަނުން ނިކުމެވަޑައިގަންނަވާނެއެވެ. ތިންވަނަ ރައުޔުގެ މީހުން ދެކޭގޮތުގައި ޔަޙްޔާ ބިން ޔަޢުމަރުއަކީ އިންތިޒާކުރެވޭ މަހުދީގެފާނެވެ.
އިމާމަތުގެ މައްސަލާގައި ޝީޢީންގެ މި 2 ފިރުޤާއަށްވުރެ ކުރިން ޚަވާރިޖުން މިކަމުގައި ވާހަކަދައްކާފައިވާކަމެވެ. އިމާމަތުގެ ފިކުރު ޒައިދިއްޔާއިންގެ ފިރުޤާގައި އުފަންވެފައިވަނީ އިމާމު ޒައިދުއާ ހިސާބުންނެވެ.
އިމާމަތާއި ޚިލާފަތަށް ބަލާއިރު ޒައިދިއްޔާއިންގެ ގާތުގައި އިމާމަތު މާ ޚާއްޞައެވެ. އެގޮތުން އިމާމަކަށްވުމުގެ ޝަރުޠުތައް ފުރިހަމަނުވާ މީހާއަށްވެސް ޚަލީފާއަކަށް ވެވެއެވެ. އިޘްނާ ޢަޝަރިއްޔާއިންގެ ގާތުގައި އިމާމަކީ ނަބީއަކާ އެއްދަރަޖައިގެ މީހެކެވެ. ތަފާތަކީ ވަޙީ ބާވައިނުލައްވާކަމެވެ. ދެފިރުޤާގައިވެސް އިމާމަތަކީ ދީނުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ.
ޙަސަންގެފާނާއި ޙުސައިންގެފާނުގެ އިމާމަތު ސީދާ ނައްޞުން ސާބިތުވާކަމަށް ދެ ފިރުޤާއިންވެސް ދެކެއެވެ. އެހެންނަމަވެސް އެދެބޭކަލުންނަށްފަހު އިމާމަކަށް ޢައްޔަންކުރެވޭނީ ޒައިދިއްޔާއިން ދެކޭގޮތުގައި ފާޠިމަތުގެފާނުގެ ދަރިކޮޅުންނެވެ. އިޘްނާ ޢަޝަރިއްޔާއިންގެ ގާތުގައި އިމާމުންނަކީ އެދަރިކޮޅުގެ 9 ބޭކަލެކެވެ. އަދި އެއީ މާތް ﷲ ޢައްޔަންކުރައްވާފައިވާ އިމާމުންނެވެ.
ޢަލީގެފާނަށް އިމާމަތު ޙަވާލުނުކުރި މައްސަލާގައި ޒައިދިއްޔާއިން ފުރަތަމަ 3 ޚަލީފާއިންގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވައެވެ. އެހެންނަމަވެސް އެބޭކަލުންގެ ޚިލާފަތަށް ރުހެއެވެ. އަދި އެޚަލީފާއިންގެ ޚިލާފަތު ހުއްދަކުރެއެވެ. އެހެންނަމަވެސް އިޘްނާ ޢަޝަރިއްޔާއިން އެ ބޭކަލުންގެ ޚިލާފަތަށް އިންކާރުކޮށް ކާފިރުކުރެއެވެ.
އިމާމަތުގެ ޝަރުޠުތަކާއިމެދުވެސް މި 2 ފިރުޤާ އިޚްތިލާފުވެއެވެ. އެގޮތުން އިޘްނާ ޢަޝަރިއްޔާއިންގެ ގާތުގައި ހުރިހާ ކަމަކަުން މަޢުޞޫމް މީހަކަށްވުމަކީ ޝަރުޠެކެވެ. ޒައިދިއްޔާއިންގެ ގާތުގައި އެއީ ޝަރުޠެއްނޫނެވެ. މަހުދީގެފާނުގެ އިމާމަތާމެދު ޒައިދިއްޔާއިން ދެކޭގޮތުގައި މަހުދީގެފާނަކީ ފާޠީމަތުގެފާނުގެ ދަރިފަސްކޮޅުން ފަހުޒަމާނުގައި ފާޅުވާނޭ ބޭކަލެކެވެ. އަދި އެއީ ވަކި ބޭކަލެއްކަމަކަށް ނުބުނެއެވެ. އަދި އެބޭކަލަކީ ކުރިން ދުނިޔޭގައި އުޅުއްވާފައި ޣައިބުވެވަޑައިގެން ފަހުން ފާޅުވާނޭ ބޭކަލެއްކަމަކަށްވެސް ޤަބޫލެއްނުކުރެއެވެ. މިއާ ޚިލާފަށް އިޘްނާ ޢަޝަރިއްޔާއިން ޤަބޫލުކުރާ ގޮތުގައި އިމާމު މަހުދީ އަކީ محمد بن الحسن العسكري އެވެ. އަދި މީސްތަކުންގެ އަނިޔާވެރިކަން ބޮޑުވެ ފިއްލަވާ ވަޑައިގަތީއެވެ. އަދި ފަހުގެ ޒަމާނެއްގައި އެކަލޭގެފާނު ފާޅުވެވަޑައިގަންނަވާނެއެވެ.