އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 1-4 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ލޫޓަން އަތުން މޮޅުވީ 0-2 އިންނެވެ.
ރޭ ސިޓީ އިން ޖެހި 4 ގޯލުގެ ތެރެއިން ފިލް ފޯޑެން ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދާފައެވެ. އަނެއް ގޯލު ޖެހީ ރޮޑްރީ އެވެ.
މި ސީޒަންގައި ފޯޑެން ވަނީ 21 ގޯލު ޖަހައި 2 ހެޓްރިިކް ހަދައިފަ އެވެ. ސީޒަނުގައި ސިޓީ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ވެސް ފޯޑެން އެވެ.
ރޭގެ މެޗަށް ސިޓީ ނުކުތީ ކެވިން ޑި ބްރޭނާ އާއި އާލިން ބްރައުޓް ހާލަންޑް ނުލަ އެވެ. އެ ދެކުޅުންތެރިން ބެންޗު ކުރުމަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނީ ހޫލިއަން އަލްވަރޭޒް އާއި ޖެކް ގްރީލިޝް އެވެ.
އާސެނަލް ވެސް ރޭގެ މެޗަށް ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އެޓީމުގެ މުހިއްމު މިޑްފީލްޑަރު ޑެކްލަން ރައިސް ބެންޗުން ކުޅެން އެރިއިރު ބުކަޔޯ ސަކާ ކުޑަ އަނިޔާއެއްގައި އުޅޭތީ ޓީމުގައި ހިމަނާފައެއްނުވެއެވެ.
މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލު ޖެހީ މާޓިން އޮޑިގާޑް އެވެ. އަނެއް ގޯލު ވަނީ ލޫޓަން ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ.
ރޭގެ މެޗުތަކަށް ފަހު އާސެނަލް ވަނީ 1 ވަނަ އަށް އަރައިފަ އެވެ. 68 ޕޮއިންޓާ އެކު އެޓީމު އެއް ވަނައިގައި އޮތްއިރު 67 ޕޮއިންޓާ އެކު ސިޓީ އޮތީ 3 ވަނައިގައެވެ. 2 ވަނައިގައި އޮތީ ލިވަޕޫލް އެވެ. އެޓީމަށް ވެސް 67 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ލިވަޕޫލް މިރޭ ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.