veterans league

ވެޓެރަންސް ލީގު: ދަ ގްރާންޑޭ ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ހުޅުމާލެ ވެޓެރަންސަށް

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލް 2 ވަނަ މެޗުގައި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، ހުޅުމާލެ ވެޓެރަންސް އިން ޖެހިޖެހިގެން 3 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެންމެ ފަހު 2 އަހަރުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް އިން ތަށި މިލްކުކުރުމުގެ ފުރުޞަތު ހޯދާފައިމިވަނީ، މިިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމުން ބަލިކުރި ދަ ގްރާންޑޭގެ މައްޗަށް މި ފަހަރު ވެސް ކުރިހޯދައިގެންނެވެ. މިދިޔަ އަހަރުގެ ވެޓަރަންސް މުބާރާތުގެ ފައިނަލުގައި، ހުޅުމާލެ ވެޓަރަންސް އިން ތަށި ދިފާއުކުރީ ފައިނަލުގައި، ދަ ގްރާންޑޭ އަތުން 5-2 އިން މޮޅުވެގެންނެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި، ދަ ގްރާންޑޭ ކޮޅަށް ހުޅުމާލެ ވެޓެރަންސް އިން ލީޑުނެގީ 23 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އިބްރާހިމް މާޖިދު އެވެ. އޭރިއާ ބޭރުން، ހުޅުމާލެ ވެޓެރަންސްގެ އާފިއު މުހައްމަދު ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު، އަތުގައި ޖެހިފައި ނުކުތް ވަގުތު، މާޖިދު ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަކުރެވޭތޯ އެޓޭކްތަކެއް ކުރިއެވެ. އެކަމަކު، ހުޅުމާލެ ވެޓެރަންސް ގޯލުގައި ހުރި ހަސަން ރަމީޒު (ޓިމޯ) ކައިރިން ލަނޑެއް ޖެހޭގޮތެއްނުވި އެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި، ހުޅުމާލެ ވެޓެރަންސް އިން ލީޑުފުޅާކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 35 ވަނަ މިނިޓްގައެެވެ. މި ލަނޑު ޖެހީ ޕެނަލްޓީ އަކުން ހުސެއިން ޝިމާޒް (ކޮކީ) އެވެ. މި ޕެނަލްޓީ ދިނީ، ހުޅުމާލެ ވެޓެރަންސް ޓީމުގެ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އަށް ދަ ގްރާންޑޭ އޭރިއާތެރެއިން ކުރި ފައުލަކަށެވެ.

ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންނަށް މި ފަަހަރުގެ ވެޓެރަންސް މުބާރާތް ޚާއްސަކޮށްފައިވާއިރު، ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ. ހުޅުމާލެ ވެޓެރަންސް އިން ނުކުންނާނީ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 16:10 ގަ އެވެ.

advertisement
ހިޔާލު ދެއްވާ!