ހުއްޓުވަން އުނދަގޫ ލެވަކޫސަން ޖަރުމަނު ކަޕް ފައިނަލަށް

މި ސީޒަނުގެ މެޗަކުން މިހާތަނަށް ބަލިވެފައިނުވާ ބަޔާން ލެވަކޫސަން ޖަރުމަނު ކަޕް ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލެވަކޫސަން ޖަރުމަނު ކަޕް ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގައި ޖަރުމަނު ދެ ވަނަ ޑިވިޝަނުގެ ފޯޗޫނާ ޑުސެލްޑޯފް 0-4 އިން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ލެވަކޫސަން އިން ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު ޖެރެމީ ފްރިންޕޯން ޖެހިއިރު ދެވަނަ ގޯލު ޖެހީ އަމީން އާދިލް އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ފްލޯރިއަން ވިޓްޒް ތިން ވަނަ ގޯލު ޖެހިއިރު ދެ ވަނަ ހާފުގައި ވިޓްޒް ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު ބޮޑުކޮށްފަ އެވެ. އެ ގޯލު ވިޓްސް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ލެވަކޫސަން އަށް މިހާތަނަށް ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ލިބުނީ އެންމެ ފަހަރަކު އެވެ. 1993 ވަނަ އަހަރު އަހަރު ލިބުނު އެ ކާމިޔާބީއަށް ފަހު އެޓީމަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަމެއް ނުލިބެ އެވެ.

ޒަބީ އަލޮންސޯ ކޯޗުކޮށްދެމުން އަންނަ ލެވަކޫސަން މި ސީޒަނުގެ އެއްވެސް މެޗަކުން ބަލިވެފައެއްނުވެ އެވެ. ޖަރުމަނު ކަޕްގެ ފައިނަލުގެ އިތުރުން ލެވަކޫސަން ލީގު އެއްވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އަނެއްކޮޅުން އެޓީމު ވަނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ލެވަކޫސަން ވަނީ 2020 ވަނަ އަހަރު ޖަރުމަނު ކަޕް ފައިނަލުގައި 0-4 އިން ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ.

ފައިނަލުގައި ލެވަކޫސަންއާ ދެކޮޅަށް ނުކުންނާނީ ޖަރުމަނު ދެވަނަ ޑިވިޝަނުގައި ކުޅޭ ކައިސާސްލައުޓާން އެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީގައި ތިން ވަނަ ޑިވިޝަނުގެ ސާބްރުކެން ބަލިކޮށްގެންނެވެ.

ކައިސާސްލައުޓާން ވަނީ 2003 ވަނަ އަހަރުގެ ޖަރުމަނު ކަޕް ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ.

ލެވަކޫސަން ކުޅޭ ޖަރުމަނު ކަޕް ފައިނަލް ޖަރުމަނުގެ ބާލިންގައި އޮންނާނީ މޭ 25 ވަނަ ދުވަހު އެވެ.

advertisement
ހިޔާލު ދެއްވާ!