ފްރެންޗް ކަޕް ފައިނަލުގެ ފަހު ޖާގަ ޕީއެސްޖީ ހޯދައިފި އެވެ.
ޕީއެސްޖީ ކަޕް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ރެންސްއާ ވާދަކޮށް 0-1 އިން މޮޅުވެގެންނެވެ. މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލު ޖެހީ 40 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ އެވެ.
އެމްބާޕޭ ގޯލު ޖެހުމުގެ ކުރިން އެޓީމަށް ލިބުނު ޕެނަލްޓީއެއް އޭނާ އަތުން ބޭކާރުވި އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ޕެނަލްޓީ ރެންސްގެ ގޯލްކީޕަރު ސްޓީވް މަންޑާޑާ މަތަކުރީ އެވެ. އޭގެކުރިން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި އިތުރު ހަމަލާއެއް މަންޑާޑާ ހުއްޓުވި އެވެ.
މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށް އެމްބާޕޭ ބަދަލުވާނީ ރެއާލް މެޑްރިޑަށެވެ.
ޕީއެސްޖީ އަށް އެންމެ ފަހުން ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދުނީ 2021 ވަނަ އަހަރު އެވެ. އެޓީމުން ވަނީ މިހާތަނަށް އެ މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފަ އެވެ.
މި ސީޒަނުގައި ޕީއެސްޖީ އަންނަނީ ތިން މުބާރާތުގެ ޗެމްޕިއަންކަމަށް ވާދަކުރަމުންނެވެ. ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެޓީމަށް ފަހިވެފައިވާއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެޓީމު ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނާނީ ލިޔޯން އެވެ. ލިޔޯން ވަނީ ފުރަތަމަ ސެމީގައި ވެލެންސިއެންސް 0-3 އިން ބަލިކޮށްފަ އެވެ.
ޕީއެސްޖީ އާއި ލިޔޯން ވާދަކުރާ ފްރެންޗް ކަޕް ފައިނަލް ކުޅޭނީ މެއި 25 ވަނަ ދުވަހު އެވެ.