ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ:ދިޔަރެސް

އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނަން: ރައީސް

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު ދައުރަކަށް ވާދަކުރައްވާ އޭދަފުށީގެ މެންބަރު އަދި ޕީޕީއެމްގެ (ރެޑް ވޭވް ސަލީމް)ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ސަލީމްގެ އިސްނެންގެވުމުގެ މަތީން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެ މަޝްރޫއު ސަރުކާރަށް ގެނައުމުގައްޔާއި، އެ މަޝްރޫއަށް ސަރުކާރުގެ ފަރާތުން ބޭނުންވާ ހުއްދަތައް ހޯދުމުގައި ވެސް ސަލީމް އިސްނެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއާއެކު އޭދަފުށީގައި ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ބޮޑު މަޝްރޫއެއްގެ ވާހަކަ އިއުލާންކުރެއްވިއިރު، އެކަމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ރައީސް ހާމައެއް ނުކުރައްވައެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނަށް މުހިންމީ ކަންކަންކޮށްދީ، ނަތީޖާ ނެރެދިނުން ކަމަށެވެ.

"އެ އެއްބާރުލުން ނުދޭ، ސަރުކާރުގެ މަސައްކަތްތަކަށް ބުރެކިޖައްސާ، މަޑުޖައްސާ، ހުރަސްތައް ކުރިމަތިކުރާ މަޖިލީހެއް ކުރިމަތިކުރީމަ، ދެން މި ދެންނެވި ނަތީޖާ ނެރުނުމުގައި އަންނާނެ މަޑުޖެހުމެއް. މިއީ ވަރަށް ފަސޭހައިން ފަހުމުވެ ވަޑައިގަންނަވާނެ ވާހަކައެއް،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވަރަށް ގިނަ ވައުދުތަކެއްވެ ވަޑައިގެންނެވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވާގޮތުގައި އެ ވައުދުތައްވީ، އެ ހުރިހާ ވައުދެއް ވެެސް ފަސް އަހަރު ތެރޭގައި ފުއްދޭނެކަން ގަބޫލުފުޅު ކުރެއްވޭތީއެވެ.

އެހެން ނަމަވެސް ކޮންމެ ވައުދެއް ފުއްދުމުގައި ވެސް ޝަރުތުތަކެއް ހުންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ޝަރުތުތަކަކީ މަޝްރޫއެއް ކުރިޔަށް ގެންދާއިރު، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ހުއްދަތައް ފަދަ ކަންކަމެވެ. އަދި އެ ބޭނުންވާ ހުއްދަތައް ނުދީ ހިފަހައްޓައި، އިތުރު ހުރަސްތައް ވެސް ރައްޔިތުންގެ މަޖިލީހުން ކުރިމަތިކުރެވޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ހުންނެވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އެހެން ކަމުން އެކަންކަން ހާސިލްކުރުމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!