އިދިކޮޅުން ދަނީ ދޮގު ފަތުރަމުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުން ކުރާ ކަންކަމަށް ދޭން ޖަވާބެއް ނެތުމުން އިިދިކޮޅުން ދަނީ އިތުރުފުޅުހައްދަވަމުން ކަމަށާއި ވާހަކަތައް އުފައްދަވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ކުރިޔަށްގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓަށް އާއްމުންގެ މީހަކު ފޮނުވި އިލްތިމާސެއްގައި ވާދަވެރި ފަރާތްތަކުން ތަފާތު އެކި ތުހުމަތުތައްކޮށް ފަތުރާ ބައެއް ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވުމަށް ރައީސް އަރިހުން ވަނީ އެދިވަޑައިގެންފައެވެ. ރައީސް އެކަމަށް ޖަވާބުދެއްވާ ވިދާޅުވީ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވެވަޑައިގަތް ހުރިހާ ވައުދެއް ފޮތެއްގެ ސިފައިގައި ލިޔެފައި ވާނެ ކަމަށާއި، ފޮތެއްގެ ގޮތުގައި ލިޔެ ނެރެފައިވާ އެއްޗެއްގައި ހުރިކަންކަން އޮޅުވާލެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ކޮންމެ ރަށަކަށް ވަޑައިގެން ވެ ވަޑަގަތް ވައުދުތަކާއި އަދި މުޅި ރާއްޖެއަށް ނިސްބަތްކޮށް ވިދާޅުވި ކޮންމެ ވާހަކައެއްވެސް ފެންނަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިހާރުވެސް ސުވާލުތަކަށް ދޭ ޖަވާބުތަކާއި، އަހާ ފޯރަމް ދެއްކި ވާހަކައާއި، މީޑިއާ ތަކަަށްދޭ ޖަވާބުތަކާއި އެކި ޖަލްސާތަކުގައި ދޭ ޖަވާބުތައްވެސް ވިޔަސް ލިޔުމުން ފޮތެއްގެ ސިފައިގައި ތައްޔާރު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދައްކަވާ ވާހަކައަކީ އިހުލާސްތެރިކަމާއެކު ހިތުގެ އަޑިން ދައްކަވާ ވާހަކަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ވާހަކަފުޅު ދައްކަވާނީ ތެދުބަހުންކަމަށާއި، ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެއްވެސް ވާހަކަފުޅެއް ނުދައްކަވާނެކަމުގައެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ޖަވާބު ނިންމަވާލައްވަމުން ރައީސް ވަނީ ކިތަންމެ މަތީ މާގާމެއްގައި ހުންނެވި ބޭފުޅެއް ނަމަވެސް ހަމަ ވާހކައެއް ދެއްކެވުމުން އެކަން ގަބޫލު ނުކުރެއްވުމަށާއި، އެ ދައްކަވާ ވާހަކައެއްގެ ތެދު ދޮގު ބެލުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެންމެންނަކީ ވެސް ތެދުބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ވުމަކީ ދީނުގައި ވެސް އަންގަވާފައިވާ ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!