ކުރެވިގައިވާ ހެޔޮ އަމަލުތަކާމެދު ބޮޑާވާނަމަ، އެ އަމަލުތައް ބާތިލްވެދާނެ ކަމަށާއި، ކުރެވިފައިވާ އަމަލުތަކުން ސުވަރުގެ ޔަގީންވީ ކަމަށް ވެސް ދެކިގެން ނުވާނެކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ރަމަޟާން މަހަށްފަހު ހެޔޮ އަމަލު ކުރުންމަތީ ދެމިތިބޭށެވެ،" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ޚުތުބާގައި ބުނީ، ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ އަމަލު ކުރުމަށް އަލްވަދާއު ނުކިޔާނެ ކަމަށެވެ.
އެހެންކަމުން މުއުމިނުންނަށް އޮތީ ރަމަޟާން މަސް ނިމުމަށް ފަހުގައި ވިޔަސް، ހެޔޮ އަމަލުކުރުންމަތީ ދެމިތިބުން ކަމަށް ހުތުބާގައި ބުންޏެވެ. ސަބަބަބަކީ، އަޅުކަން ކުރުމަކީ އިންސާނުން ޚަލްޤުކުރެއްވުމުގެ މަގްސަދު ކަމުގައިވުމެވެ.
"އެހެންކަމުން އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނޭ ކަމެއް ނޫނެވެ،" ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނި ގޮތުގައި މުސްލިމަކު ހެޔޮ އަމަލެއް ކުރުމަށްފަހު އެންމެ މުހިންމު ކަމަކީ، އެ އަމަލު ގަބޫލުކުރައްވާތޯ ދެންނެވުމާއި އެ އަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީގަށް އެދި ދުއާ ދެންނެވުމެވެ.
އަޅުކަން ކުރުމުގައި ހީވާގި ވުމާއެކު، ކިތަންމެ މަދުން އަޅުކަން ކުރެވުނަސް ހުއްޓާ ނުލުމަށް ޚުތުބާގައި ނަސޭހަތްތެރިވި އެވެ. އަދި ކުރިން ކުރެވިފައިވާ ހެޔޮ އަމަލުތަކަކީ، ގިނަގުނަ އަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކައި ބޮޑާވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ އަމަލުތައް ބާތިލުވެދާނެ އެވެ،" ޚުޠުބާގައި ބުނެފައިވެ އެވެ.
އެހެންކަމުން، ހެޔޮ ކަމެއް ކުރެވުމުން އެކަމާ ބޮޑާނުވެ އެ ކަމެއް ކުރުންމަތީ ދެމިތިބެންޖެހޭ ކަމަށާއި، ކުރެވުނު އަމަލުގެ ގިނަކަމުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެންނުވާނެ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
އޭގެ އިތުރުން ނިމުމަކާ ގާތްވެފައިވާ ރަމަޟާން މަހުގެ ފަހުން އަންނަ ޝާއްވާލު މަހުގެ ހަ ރޯދައިގެ ނިއުމަތުގެ ބޭނުން ހިފައި، މުޅި އަހަރު ދުވަހު ރޯދަ ހިފިކަމުގެ ޘަވާބު ލިބިގަތުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
"ޝައްވާލުމަހުގެ ހަރޯދައަށް ރައްކާތެރިވެ، ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުމަށް ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރިވަމެވެ. އެހެނީ ހެޔޮ އަމަލުތަކަކީ ނުބައި އަމަލުތަކުގެ ކައްފާރާއެކެވެ،" ޚުތުބާގައި ބުނެފައިވެ އެވެ.