ކުރީ ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަންކަން ގިނަ ކަމަށާއި، ނަމަވެސް އެކަންކަން ހާމަކޮށް އިދިކޮޅު ފަލީހަތް ކުރުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނުގެންގުޅުއްވާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަނެއްކާވެސް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ސަލީމް މިފަދައިން ވިދާޅުވީ އޭނާގެ ކެމްޕެއިނަށް ވެބްސައިޓު ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަންކަން ކޮށްފައި ހުރީ ރާވައިގެންނެވެ. އަދި އެގޮތަށް ކޮށްފައިވާ ކަންކަން ހާމަކުރުމަށް ޕީއެންސީ ވެރިކަމާ ހަވާލުވި ހިސާބުން ރައީސްގެ ކިބައިން އޭނާ އެދުނު ކަމަށާއި، ނަމަވެސް ރައީސް އެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ކޮށްފައިވާ ނޭއްގާނީ ކަންކަން އެހާ އަވަހަށް ހާމަނުކުރެވެނީ އެހެންވެ ކަަމަށާއި، ނަމަވެސް އެފަދަ ކަންކަން އެމްޑީޕީން މި ސަރުކާރުގެ ބޮލުގައި އަޅުވަން ފެށުމުން ހަގީގަތް ހާމަކުރަން ރައީސް ފެއްޓެވީ ކަމަށް ސަލީމް ވިދާޅުވި އެވެ.
"މީހުން ފަލީހަތް ނުކުރުމަށް އެމަނިކުފާނު [ރައީސް މުއިއްޒު]ގެ ވިސްނުން ހުރީ. އެމަނިކުފާނަކީ އިލްމުވެރިއެއްގެ ދަރިއެއް، އަނބިކަނބަލުންނަކީ އަޅުގަނޑުމެންގެ މެޑަމްއަކީ އިލްމުވެރިއެއްގެ ދަރިކަނބަލެއް. އެބޭފުޅުން މަސައްކަތްޕުޅު ކުރެއްވީ ވީހާ ވެސް ބޮޑަށް މީހުން ފަލީހަތް ނުކޮށް މިކަން ކުރިއަށް ގެންދެވޭތޯ،" ސަލީމް ވިދާޅުވި އެވެ.
މިހާރު ރައީސް ހާމަކުރައްވާފައިވާ ބައެއް ކަންކަމަށްވުރެ ވެސް ކުރީ ސަރުކާރުގެ "ޖަރިމާތައް" ގިނަ ކަމަށް ސަލީމް ވިދާޅުވި އެވެ.
ނަމަވެސް މީހުން ފަލީހަތް ކުރުމަކީ މާތް ﷲ ނުރުއްސަވާ ސިފައެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ވަކި ހާލަތްތަކަށް ދިއުމުން އަނިޔާވެރިންގެ އެ އަނިޔާވެރިކަން މާތް ﷲ ބޭޒާރު ކުރައްވާނެ ކަމަށެވެ.