ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ ގެއެކެވެ.
މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނައިބު ރައީސްގެ މަގާމުގެ ހުވާކުރެއްވި ނަމަވެސް ނައިބު ރައީސް ހުސެން ހިލާލީގެއަށް ދިރިއުޅުއްވުން ބަދަލުނުކުރައްވައި މަޑުކުރެއްވީ ހިލާލީގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާތީއެވެ.
ނަމަވެސް އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގެންކަމަށް ބުނެ މީގެކުރިން ބައެއް ތަންތަނުން ދޮގު ޚަބަރު ފަތުރާފައިވެއެވެ. އެކަމާ ގުޅިގެން ނައިބު ރައީސް ވަނީ ދޮގު ޚަބަރުތައް ފަތުރައި މުޖުތަމައު ފަސާދަކުރުން ހުއްޓާލުމަށް ވެސް ގޮވާލައްވައިފައެވެ.