ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ނައިޖީރިޔާގެ ރައްޔިތެއްކަމަަށްވާ އުމުރުން 34 އަހަރުގެ އެމުނުއެލް ޖޯންޕޯލް އޮކޯންނާޗީ ކިޔާ މީހެކެވެ.
އޭނާ މިވަގުތު އޮތީ ދޫނިދޫ ކަސްޓޯޑިއަލްގެ ކްލިނިކްގައި އެޑްމިޓްކޮށްފައި ކަމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމާފައިވަނީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 5 ވަނަ މާއްދާއަށް ރިއާޔަތްކޮށްގެންނެވެ.
އެގޮތުން އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތްވުމުން ވީއެންމެ އަވަހަށް ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އަލުން ހުށަހެޅުމަަށް އަންގައި ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ 15 ދުވަހަށް އޭނާ ބަންދުކުރުމަށެވެ. އަދި ކްލިނިކުން އޭނާ ދޫކޮށްލުމުން ގިނަވެގެން 24 ގަޑިއިރުތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަންގާފައެވެ.