އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަރުޙަލާގައި ބާޠިލް ވޯޓުގެ ގޮތުގައި ވޯޓު ގުނާނެ 6 ޙާލަތެއް އިލެކްޝަންސް ކޮމިޝަން (އީސީ) ން އާންމުކޮށްފިއެވެ. އީސީން މިކަން ހާމަކޮށްފައިވަނީ އެކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ 6 ޙާލަތުގެ ތެރޭގައި ހިމެނެނީ:
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިނުވާ ވޯޓު ކަރުދާސް
- ވޯޓުކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައ،ި އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހާފައިވާ ވޯޓު
- ވޯޓުކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު އެއް ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު
- ވޯޓުކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު
- ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު
- އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް
އީސީން އާންމުކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލާ ވޯޓަކީ ޞައްހަ ވޯޓެއްކަމުގައި ބަލާނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމަކުން ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު އެކަންޏެވެ.
އީސީން ބުނީ ބާޠިލު ވޯޓާއި ޞައްޙަ ވޯޓު ކަނޑައަޅާނީ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާކަމުގައެވެ. އަދި ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ޚިލާފެއް އުފެދިއްޖެހިނދެއްގައި އެ ވޯޓު އެއީ ބާޠިލު ވޯޓެއްކަން ނުވަތަ ބާޠިލު ވޯޓެއް ނޫންކަންވެސް ކަނޑައަޅާނީ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާކަމަށެވެ. އިސްވެރިޔާގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެ ނިންމުމަކާ ގުޅިގެން ޝަކުވާ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭނީ 284،663 މީހުންނަށެވެ. އެއީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ. މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް 369 ކެނޑިޑޭޓުން ވާދަކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީންނެވެ.