މަޖްލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ.. ފޮޓޯ: މަޖްލިސް

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަން ފަށައިފި

މިސްކިތެއްގެ ފާހަނާ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

ރޭ މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ މިސްކިތެއްގެ ފާޚާނަ ތެރޭގައި ދެ ކުއްޖަކު ވެގެން ފެންނަ ފެނުމަށް އެކުދިންނަށްވުރެ ހަނގު ކުއްޖެއް ގައިގައި ތަޅައި އޭނާއަށް ހަނގާކޮށް އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރެވެ.
އެ ވީޑިއޯ ފެންމަތިވުމާއެކު އެ ކުއްޖާއަށް އަނިޔާކުރި ކުދިން ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންދާކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ ފަހުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާތަނަށް ފުލުހުން ކުރި މަސއްކަތުން އެކަން ކުރިކަމަށް ތުހުމަތުކުރެވޭ ކުދިންވަނީ ދެނެގަނެވިފައިވާ ކަމަށާއި، އެ ވީޑިއޯގައި ކުޑަކުއްޖާއަށް އަނިޔާކުރަނިކޮށް ފެނުނީ 13 އަހަރުގެ އަދި 14 އަހަރުގެ ދެ ކުދިން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެވީޑިއޯއިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖެއްގެ ކަރާމާތަަށް އުނިކަން އަންނާނެފަދަ މަންޒަރުތަކަކަށް ވުމާއެކު އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި އަނިޔާވި ކުއްޖާއަށް ބޭނުންވާ އިޖުތިމާއީ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!