މިސްކިތެއްގެ ފާހަނާ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އަދި ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގެ އޮފިޝަލުން ހިމެނޭ ޓީމެއް އއ ރަސްދޫއަށް ގޮސްފިއެވެ.
ރޭ މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ މިސްކިތެއްގެ ފާޚާނަ ތެރޭގައި ދެ ކުއްޖަކު ވެގެން ފެންނަ ފެނުމަށް އެކުދިންނަށްވުރެ ހަނގު ކުއްޖެއް ގައިގައި ތަޅައި އޭނާއަށް ހަނގާކޮށް އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރެވެ.
އެ ވީޑިއޯ ފެންމަތިވުމާއެކު އެ ކުއްޖާއަށް އަނިޔާކުރި ކުދިން ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންދާކަމަށް ވެސް ބުނެފައިވެއެވެ.
އަދި އަނިޔާވި ކުއްޖާއަށް ބޭނުންވާ އިޖުތިމާއީ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.