ކްރިމިނަލް ކޯޓް

ރޯދަ ނުހިފާ އުޅުނު ދިވެއްސަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފި

ރޯދަ މަހު ރޯދަ ނުހިފައި އުޅުނު މީހަކު ހައްޔަރުކޮށް އޭނާ 10 ދުވަހަށް ބަންދުކޮށްފިއެވެ.

ރޯދަ ނުހިފާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޭނާ ވަނީ އެއީ އޭނާ ކުރި ކަމެއް ކަމަށް އިއުތިރާފުވެފައެވެ.

ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ ރޯދަ ނުހިފާ ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާގެ އިތުރުން ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓު ވެސް ފުލުހުން ހުށަހަޅައިފައިވާކަމަށެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އަދި އޭނާ ބަންދުކޮށްފައިވަނީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ރޯދަ މަހު ރޯދަ ނުހިފާ އުޅުނު މީހަކު މިދިޔަ މަހު 24 ވަނަ ދުވަހުގައި ވެސް ހައްޔަރުކޮށްފައިވެއެވެ. 40 އަހަރުގެ އެ މީހާ ބަންދު ކޮށްފައިވަނީ ދެ ދުވަހަށެވެ.

advertisement
ހިޔާލު ދެއްވާ!