-- އެމްޕީއެލްގެ ސީއީއޯ ވަޖީހް

ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނެގިޔަސް މުދަލުގެ އަގު ބޮޑުވާންޖެހޭ ސަބަބެއް ނެތް: އެމްޕީއެލް

ޕޯޓުތަކަށް ގާތްކުރާ އޮޑިފަހަރުން ނަގާ ސްޓީވެޑޯރިންގް ފީ ޑޮލަރުން ނަގަން ފެށިނަމަވެސް ބާޒާރުގައި މުދަލުގެ އަގު ބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ސްޓީވެޑޯރިންގް ފީ އަކީ ރާއްޖޭގެ ޕޯޓުތަކަށް ގާތްކުރާ އޮޑިފަހަރަށް މުދާ އަރުވާއިރާއި ބާލާއިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަގަމުން އަންނަ ފީއެކެވެ. މީގެ ކުރިން ދިވެހި ފައިސާއިން ސްޓީވެޑޯރިންގް ފީ ދެއްކުނު ނަމަވެސް، އެމްޕީއެލްއިން މި މަހުގެ ފުަރަތަމަ ދުވަހުން ފެށިގެން ސްޓީވެޑޯރިންގް ފީ ޑޮލަރުން ނަގަން ވަނީ ފަށާފައެވެ.

ސްޓީވެޑޯރިންގް ފީ އަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުން ނަގާ އެއްޗެއް ނޫންކަމަށާއި، ސްޓީވެޑޯރިންގް ފީ ނަގާ އުޅެނީ، ބޭރު ގައުމުތަކުން އަންނަ އުޅަނދުފަހަރުތަކުން މުދާ ބާލައި އަރުވާ ހަދާއިރު އެ އުޅަނދެއްގެ އޭޖެންޓުންގެ އަތުންކަމަށް އެމްޕީއެލްއިން ވަނީ މައުލޫމާތުދީފައެވެ.

ސްޓީވެޑޯރިންގް ފީގެ ކޮންޓެއިނާ ރޭޓުތައް:

  • 20 ފޫޓުގެ ކޮންޓެއިނާ – 195 ޑޮލަރު
  • 40 ފޫޓުގެ ކޮންޓެއިނާ – 211 ޑޮލަރު
އެމްޕީއެލްއިން ބުނީ ދިވެހިރާއްޖެއަށް ކަނޑުމަގުން މުދާ ގެންނަ ބޯޓު ފަހަރުން މީގެ އަހަރުތަކެއް ކުރިން އެމްޕީއެލްއިން ފީ ނަގަމުންދިޔައީ ޑޮލަރުންކަމަށާއި އޭރު ކުންފުންޏަށް ލިބޭ ޑޮލަރުގެ އާމްދަނީ ނިސްބަތުން ރަނގަޅުކަމަށެވެ.
ނަމަވެސް، 2011 ވަނަ އަހަރު އޭރު އޮތް ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަކާއެކު، ކާގޯ އުފުލާ ބޯޓު ފަހަރުން ނަގާ ފީ ރުފިޔާ އިން ނަގާ ގޮތަށް ބަދަލުކުރީކަމަށާއި އެކަމާއި ގުޅިގެން އެމްޕީއެލްއަށް ޑޮލަރުން ލިބެމުންދިޔަ އާމްދަނީއެއް ފާއިތުވި 12 އަހަރު ހުއްޓިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

"އިޤްތިސާދީ ނަޒަރަކުން ބަލާއިރު ދިވެހިރާއްޖޭގައި ހިފެހެއްޓެން އޮތް ޑޮލަރުގެ އާމްދަނީއެއް އޮތީ ބޭނުންނުހިފި." އެ ކުންފުނިން ބުނެފައިވެއެވެ.

އެހެންވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޕީއެލްއާ ހަވާލުވި މެނޭޖްމަންޓުން މި މަހުން ފެށިގެން ކާގޯ އުފުލާ ބޯޓު ފަހަރުން ނަގާ ފީތައް ޑޮލަރުން ނަގާ ގޮތަށް ހަމަޖެއްސުމަކީ އެ ކުންފުންޏާއި، އިޤްތިސާދީ މަސްލަހަތަށް ބަލާއިރު ރަނގަޅު ނިންމުމެކެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން އެމްޕީއެލްއަށް ޑޮލަރުން ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.

ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނަގާގޮތަށ ްބަދަލުކުރުމާއި ގުޅިހެން ދިވެހި ވިޔަފާރިވެރިން މުދާ އެތެރެކުރަން ކުރާ ހޭދަ ބޮޑުވެ، ބާރާޒުގައި މުދަލުގެ އަގު ބޮޑުވެދާނެކަމުގެ ކަންބޮޑުވުންތައް ބައެއް ވިޔަފާރިވެރިންނާއި އާންމުންވެސް ވަނީ ފާޅުކޮށްފައެވެ.

ނަމަވެސް ކަނޑުމަގުން މުދާ އެތެރެކުރުމުގެ މަރުހަލާތަކަށް ބަލާއިރު އެ ބަދަލާއެކު ބާޒާރުގައި މުދަލުގެ އަގު ބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްޕީއެލްއިން ބުނީ ރުފިޔާއިން ފީ ނެގިއިރު މުދާ އެތެރެކުދާ ދިވެހި ވިޔަފާރިވެރިން އަތުން ޑޮލަރު ހޯދައިގެން ނުވަތަ ދިވެހި ރުފިޔާ ބޮޑު ރޭޓުގައި ނަގައިގެން ފައިދާ ނަގަނީ ޝިޕިން އޭޖެންޓުން ކަމަށެވެ.

"ދިވެހިރާއްޖެއަށް ކަނޑުމަގުން މުދާ ގެންނަ ދިވެހި ވިޔަފާރިވެރިން ރާއްޖޭން ބޭރުގައި ހުންނަ މުދާ ފޮނުވާ ފަރާތަށް ސީ.އައި.އެފް ޓާރމްގައި މުދަލުގެ އަގާއި ފްރައިޓް އަށް ވާ ފައިސާ ފޮނުވާއިރު، މީގެ ތެރޭގައި ޝިޕް އެޖެންޓުން އެމްޕީއެލްއަށް ދައްކަންޖެހޭ ފީތައްވެސް ހިމެނޭ. މި ފައިސާ ދިވެހި ވިޔަފާރިވެރިޔާ ރާއްޖޭން ބޭރުގައި ހުންނަ މުދާ ފޮނުވާ ފަރާތަށް ދައްކަނީ ޑޮލަރުން. އެހެންކަމުން، އެ މުދާ ރާއްޖެ ގެންނަން ބޯޓަށް އަރުވާއިރުވެސް، ދިވެހި ވިޔަފާރިވެރިޔާ ވަނީ އެމްޕީއެލް އަށް ދައްކަންޖެހޭ ފައިސާވެސް ޑޮލަރުން ދައްކައިފަ. ބޯޓް އޮޕަރޭޓް ކުރާ ޝިޕް އޯނަރުން ރާއްޖޭގައި ހުންނަ އޭޖެންޓަށް އެ ފައިސާ ޑޮލަރުން ފޮނުވިޔަސް އެ ފައިސާ އެމްޕީއެލް އަށް ދައްކަނީ ދިވެހި ރުފިޔާއިން. ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު މާރުކުުރުމަށް ފަހު އެމް.ޕީ.އެލްއަށް ބޭންކް ރޭޓްގައި ފައިސާ ދައްކައިގެން ގިނަ ފަހަރު އޭގެ ފައިދާ ނަގަނީ އެޖެންޓުން." ކަން ހިނަގމުން ދިޔަ ގޮތް ބަޔާންކޮށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އެކުންފުނިން ބުނީ ޝިޕް އެޖެންޓުން ފައިސާ ދެއްކުމުގައި އެ ބަދަލު އައި ނަމަވެސް، ދިވެހި ވިޔަފާރިވެރިން މީގެ ކުރިޔާ އެއްގޮތަށް އެމްޕީއެލް އިން ހޯދާ ޚިދުމަތްތަކަށާއި ބަނދަރުން މުދާ ނެރުމަށް ދައްކަމުން ދިޔަ ހުރިހާ ފައިސާއެއް ދައްކަމުންދާނީ ހަމަ އެއްވެސް ބަދަލަކާ ނުލައި ދިވެހި ރުފިޔާއިންކަމަށެވެ.

advertisement
ހިޔާލު ދެއްވާ!