ފުޓްބޯޅަ ސީޒަން އަންނަ މަަހު ފަށަން މަސައްކަތް ކުރަނީ

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، (ޑިސެމްބަރު މަހު) ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ސީޒަން ނިންމާލީ، ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ކުޅުމަށް ފަހު، ދިވެހި ފުޓްބޯޅަ އޮތް ހާލަތުގެ ގޮތުން ތިން ވަނަ ބުރު ނުކުޅޭ ގޮތަށެވެ.

އެ ގޮތަށް ނިންމީ ކުރިން ކަަލަންޑަރު ކުރި އެފްއޭ ކަޕް ވެސް ކެންސަލްކޮށްފަ އެވެ.

އޭގެ ފަހުން، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުޅެ ނިންމައި، އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު އަންނަ ސީޒަން ފަށާނެ ދުވަހެއްގެ ގޮތުގައި ޓީމުތަކަށް ދީފައިވާ ޑްރާފްޓް ކަލަންޑަރުގައި ޖަހާފައިވާ ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. އެއީ އެ ދުވަހު ސީޒަން ހުޅުވާ މެޗު ކުޅޭ ގޮތަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަަވަސް އަރުވާލައިގެން ސީޒަން ފަށަން ގިނަ ޓީމުތަކުން ބޭނުމެއް ނުވެ އެވެ. އެއީ، މިހާ ގިނަ ދުވަހު ނުކުޅެ ތިބުމަށް ފަހު، ރަނގަޅު ޕްރީ ސީޒަނެއް ނެތި، ފަށަން ގިނަ ޓީމުތަކުން ބޭނުންނުވާތީ އެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފަ އެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ.

މިދިޔަ ސީޒަނުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން، ލީގުން ވަކިވި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާގެ ތެރެއިން، ވެެލެންސިއާ މި ވަގުތު އޮތީ އެފްއޭއެމްގެ ސަސްޕެންޝަންގަ އެވެ. އެއީ، އިދާރީ މައްސަލައެއް ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އެ ކްލަބަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

advertisement
ހިޔާލު ދެއްވާ!