ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅުން ހަދަނީ ދޮގު: ރައީސް

އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަާ ދެކޮޅަށް އެންމެ ބޮޑަށް ދޮގު ހަދަމުން ދަނީ ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ކުރިޔަށްގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓަށް އާއްމުންގެ މީހަކު ފޮނުވި ސުވާލެއްގައި "ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް މިސަރުކާރުން ހުއްޓާލާފައި ހުރިކަމަށް އެބައަޑުއިވޭކަމަށާއި އެއީ އެއީ ކިހާވަރެއްގެ ތެދެއްތޯ؟" ސުވާލުކޮށްފައެވެ.

"މިއީ އަޅުގަނޑާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދޮގު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ކަމަށް އަޅުގަނޑު ދަންނަވާނީ" އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ ކެމްޕޭނު ތެރޭގައި ވަޑައިގެންނެވި ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ފެނުނީ މަޝްރޫއުތައް ހުއްޓިފައި އޮތް ތަން ކަމަށެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއު އާއި ބަނދަރުގެ އިތުރުން ސްކޫލުތަކުގެ މަޝްރޫއުތައް ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޕާޓީގެ ފަަރާތްތަކަށް ފައިސާ ދިނުމުގެ ނިޔަތުގައި ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ. އެެހެންވެ އެޑްވާންސް ޕޭމަންޓު ނަގާފައި ކުރިއަށް ނުގޮސް ހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރި ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ތަރައްގީ ގެނެސްދިނުމަށް ކަމަށާއި ވައުދުވީ ހުރިހާ ރަށެއްގައި ހުރިހާ މަޝްރޫއުއެއް ހިންގުމަށް ކަމަށެވެ. މީގެ ކުރިންވެސް މަޝްރޫއުތަކާއި ގުޅޭ ގޮތުން ޕޯޑިއަމްތަކުގައި ރައީސް ޑރ. މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުންނަމަ މި ސަރުކާރުން މިހާރުވެސް 500 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް އެބަގެންދެއެވެ.

advertisement
ހިޔާލު ދެއްވާ!