ޒޭން ޔާމީން ސެލްފީއެއް ނަގަނީ ފޮޓޯ: ސަން.އެމްވީ

ޕީއެންއެފް އުފެއްދީ އަޅުގަނޑު: ޒޭން ޔާމީން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަކީ އެމަނިކުފާނުގެ ވަކީލު ޑރ މުހައްމަދު ޖަމީލުގެ ޕާޓީއެއްގެ ގޮތުގައި ސިފަކުރާތީވެ އެ ޕާޓީގެ މުއައްސިސް ޒޭން ޔާމީން ރައްދު ދެއްވައިފިއެވެ.

ޒޭން ޔާމީންގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ޕާޓީ އުފެއްދީ އަޅުގަނޑު. އެކަން ކުރީ މައިންބަފައިންގެ ޙައްޤުގައި. ރައީސް ޔާމީނަށް ސިޔާސީ ގޮތުން އަނިޔާދޭތީ. ސާފުވެއްޖެކަމަށް އުއްމީދުކުރަން" ކަމަށެވެ.

 

ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީންއަށް ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދިނީ 29 ނޮވެމްބަރ 2023 ގައެވެ. އެއާއެކު، ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ފޯމު ހަމަކޮށް ކޮމިޝަނަށް ހުށައެޅީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޕާޓީ ރަޖިސްޓްރީވެފައި ނުވާތީ، ޕީއެންއެފްގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރަނީ އަމިއްލަގޮތުންނެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ޕީއެންއެފް އުފައްދާ ބައްދަލުވުން ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

advertisement
ހިޔާލު ދެއްވާ!