ކުރީ ސަރުކާރުން ގިރާވަރުން ދޫކުރި 1347 ގޯތި ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުން ދޫކޮށްފައިވާ 1347 ގޯއްޗެއް, ގުޅިފަޅަށް ބަދަލުކުރަން އެދުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފިއެވެ.

ގެދޮރުވެރިކަމާ ގުޅޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ ކަމަށެވެ. އެކަމާ ގުޅިގެން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4  ގޯއްޗެވެ. 

މި އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. މިފުރުސަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 23:00 އާ ހަމައަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ކުރިޔަށްގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓަށް އާއްމުންގެ މީހަކު ފޮނުވި ސުވާލެއްގައި ގިރާވަޅު ފަޅުން ގޯތި ލިބުނު ރައްޔިތަކު އެ ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގިރާވަޅު ފަޅުން ގޯތި ލިބުނު ގިނަ ބައެއްގެ ފަރާތުން އެ ސުވާލު ލިބެމުން އަންނަ ކަމަށެވެ.

ރައީސް އޭރު ވިދާޅުވީ، އަދި އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމުގެ ފުރުސަތު އޮތްނަމަވެސް ވަކި ސިޔާސަތެއް ކަނޑަނާޅާ ކަމަށެވެ. ލޭންޑް ޔޫސް ޕްލޭން ފައިނަލްވުމުން އެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެއެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިންވެސް ހަވާލުކުރިއެވެ.

advertisement
ހިޔާލު ދެއްވާ!