ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ އެކި ކަންކޮޅުގައި ފެނަކައިގެ ބްރާޗްތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ކުރިޔަށްގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓަށް ވ. ރަކީދޫ ގުލްޒާރުހިޔާ މޫނިސާ ދާއޫދު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން އެތައް ފަރާތްތަކަކަށް ދަރާފައިވާ ކަމަށެވެ. އަދި ޖެންސެޓްތަކާއި އެކި ކަހަލަ އާލާތްތައް ހުރީ އެއްްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އޭގެ ސަބަބުން އެތަށް ރަށެއްގައި ވަނީ އެތަކެތި ބަދަލު ކުރަން ޖެހިފައި ކަމަށާއި މި ސަރުކާރުން އެކި ރަށްރަށުގައި ބަދަލުކުރަން ޖެހިފައި ހުރި އެކިއެކި ޖެނެރޭޓަރުތަކާއި އައު ޖެންސެޓް ގެނައުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އަދި ކުންފުނި މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމާއި އެކުއެކީގައި މިމަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ ހަމައެކަނި ވިސްނުމުގައެއްނޫން އެކަން އޮތީ، އަޅުގަނޑުމެން ޓްރާންސެޝަލް މަރުހަލާގައި އެއްކުރި މައުލޫމާތުން އެކަން އިނގިފައިވާތީ އެ ހިސާބުން ފެށިގެން ފަށާފައި ވަނީ. މިހާރު ވެސް ބައެއް ރަށްތަކަށް ވަނީ ހައްލު ގެނެސްފައި." ރައީސް ވިދާޅުވިއެވެ.