ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް. ފޮޓޯ: ޕީއެސްއެމް

ޖިނާއީ ކުށުގެ ޒިންމާ އުފުލާ އުމުރު 12 އަހަރަށް ދަށްކުރުމަކީ ހައްލެއް ނޫން: ޕީޖީ ޝަމީމް

ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރުފުރާ 12 އަހަރަށް ދަށް ކުރުމަކީ، ކުޑަކުދިން ޖިނާއީ ކުށްތަކަށް އަރައިގަތުން ހުއްޓުވަން އޮތް ހައްލެއް ނޫން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ދެކުއްޖަކު ބައިވެރިވެގެން އެހެން ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބޭއްވި ޕްރެސް ބްރީފިންއެއްގައި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަށް ދަށްކުރަން ސަރުކާރުން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ. ގާނޫނުގައި މިހާރު އޮންނަގޮތުން ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރެވެ.

ޤާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަކީ 15 އަހަރުކަމަށްވިޔަސް، އޭގެ މާނައަކީ އެޢުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ނޫންކަމަށާއި، ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަހުރިކަމަށާއި، ބޭނުންވާ ގަވާއިދުވެސް އެބަ ހުރިކަމަށާއި، ބާކީ އޮތީ ހަމައެކަނި ފިޔަވަޅު އެޅުން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ޝަމީމް އޭނާގެ އަމިއްލަ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

"އެކުދިންނަށް ދޭންވީކީ އަދަބެއް ނޫނެވެ. އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީއެވެ. އަޅުގަނޑުމެން އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެހުރިހާ ކުށަކަށް އަދަބުދީ، ޖަލަށްލީ ހެދިނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމަޢުގައި ނުއެއް ތިބޭނެއެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.

ޙައްލަކީ ރިހެބިލިޓޭޝަން ކަމަށާއި، އެކުދިންނަށް ފަރުވާދީ ރަނގަޅު މަގު ދައްކައިދެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިބިކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި ކުށްކުރާ ޢުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެނަމަ ކާމިޔާބު އިންވެސްޓްމަންޓަކަށް ވެގެންދާނެކަމަށްވެސް ޝަމީމް ވަނީ ވިދާާޅުވެފައެވެ.

ސްކޫލްތަކުގައި ގަނާ ކުރުމުގެ 26 މައްސަލައެއް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ. ރަސްދޫގެ މައްސަލައަަށް ފަހު، ސްކޫލްތަކުގައި ގަނާ ކުރުމުގެ މައްސަލަތައް ގިނަވެގެން ދިއުމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފަ އެވެ.

ރަސްދޫގެ މައްސަލަ ބެލުމަށްޓަކައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން އެ ޓީމުގައި ހިމެނެ އެވެ.

advertisement
ހިޔާލު ދެއްވާ!