ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލް ވިދާޅުވެއްޖެ އެެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފައްދުމަށް 8 މާރޗް ގައި ޣިޔާސުއްދީން ސްކޫލްގައި ބާއްވާ ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކުރިނަމަވެސް، އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ. އެހެންވެ، ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދިފައިވާކަމަށް މަލީހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މީގެކުރިން ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އެ ހުއްދަ ލިބުނުކަމެއް ނުވަތަ ނޫންކަމެއް އެއްވެސް ފަރާތަކުން ޔަޤީންކޮށްދީފައި ނުވެއެވެ.
ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.