ރައީސް ޔާމީން ޕީއެންއެފް ގެ އޮފީހުގައި ފޮޓޯ: ދެން އިމޭޖްސް

ޕީއެންއެފް އުފައްދާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ރައީސް ޔާމީނަކަށް ނުލިބޭ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ ކަރެކްޝަންގެ ހުއްދަނެތިކަން އެނގިއްޖެއެވެ.

މާދަމާ ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވާ މި ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ އޮވެ އެވެ.

ޖަލްސާގައި ބައިވެރިވުމަށް އެދި ފޮނުވި ސިޓީއަށް ޖަވާބު ދީފައިވާނެ ކަމަށް ކަރެކްޝަންސްއިން ބުނީ މިއަދު އެވެ. އެހެންނަމަވެސް އެއިދާރާގެ އުސޫލުތައް ޖާގަނުދޭތީ އެހުއްދަ ޔާމީނަށް ދީފައިނުވެއެވެ.

މިކަމާ ގުޅިގެން ޕީއެންއެފްގެ މަލީހު ވިދާޅުވީ، ކަރެކްޝަނުން ޖަވާބެއް ދީފައިވީ ނަމަވެސް އެ ޖަވާބަށް އެބޭފުޅުން ނުބަލާނެ ކަމަށާއި ޕާޓީ އުފައްދާ ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

advertisement
ހިޔާލު ދެއްވާ!