ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް އިޚްލާސްތެރި ބައެއް ނޫން ކަމަށް ސިފަކުރައްވައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީނުގެ އިޚްލާސްތެރިކަމާ މެދުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް ޢަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.
ޕީއެންސީ/ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަނެެއްގައި އަބްދުއްރަޙީމް އެންމެ ފުރަތަމަ ވާހަކަދެއްކެވީ ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ މާޒީއާ ބެހޭ ގޮތުންނެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަދި ޔާމީނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލާ ހިސާބުން ފައްޓަވައިގެން ކުރިޔަށް ގެންދިޔަ ވާހަކަ ނިންމަވައިލެއްވީ ޔާމީނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި ދަރިކަލުން ޒެއިންއާ ހިސާބުންނެވެ.
"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީނު އެއޮތް ހުރިހާ ދުވަހު ޖަލުގައި އޮތްއިރު މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒެއިން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫންތޯ؟" އަބްދުއްރަޙީމް ވިދާޅުވި އެވެ.
"ރައީސް މައުމޫނު ހައްޔަރުކުރީމާ ނަސްރީނާ ނުކުމެވަޑައިގެންނެވި. ގާސިމް އިބްރާހީމް ހައްޔަރުކުރީމާ ނަހުލާ ނުކުމެވަޑައިގެންނެވި،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
ޔާމީނު ޖަލުގައި ހުންނެވި އިރު އެމަނިކުފާނުގެ ހައްގުގައި މުޒާހަރާކުރައްވަން އަނބިކަނބަލުންނާއި ދަރިކަލުން ވަޑައިނުގެން ތިއްބެވި އިރު, އަބްދުއްރަޙީމާއި މިހާރު ސަރުކާރުގައި ތިއްބެވި އެހެން ބޭފުޅުންނަށް ކިޔޭނީ ކޮން ފާޑެއްތޯ އޭނާ ސުވާލު ކުރެެއްވިއެވެ.
"މިތިބީ އިޚްލާސްތެރިން. ރައީސް ޔާމީނަށް އިޚްލާސްތެރިން މި ސަފުގައި މިތިބީ،" މިއަދުގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް އިޝާރާތްކުރައްވައި އަބްދުއްރަޙީމް ވިދާޅުވި އެވެ.