އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު. ފޮޓޯ: އާޚަރޫން ނިއުސް އެޖެންސީ

އެމްބަސީއަށް ޙަމަލާދިނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން: އީރާން

ދިމިޝްޤުގައި ހުރި ސީރިޔާގެ އެމްބަސީއަށް ޙަމަލާދިނުމަށް ބޭނުންކުރި ހަތިޔާރަކީ އެމެރިކާގައި އުފައްދާފައިވާ ހަތިޔާރުކަމަށް އީރާނުން ބުނެފިއެވެ.

އެމްބަސީއަށް ދެވުނު ބޮމުގެ ޙަމަލާއަށްފަހު އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުލްލިހްޔާން ނޫސްތަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، އެމްބަސީއަށް ދިން ޙަމަލާގައި ބޭނުންކޮށްފައިވަނީ އެމެރިކާގައި އުފައްދާފައިވާ ހަތިޔާރުކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފްރާންސުން އެމްބަސީއަށް ދިން ޙަމަލާއާ ދެކޮޅަށް އެއްވެސް ބަހެއް ނުބުނުމުން ދޭހަވަނީ ޞަޙްޔޫނީ އިސްރާއީލްގެ ޢަމަލުތަކަށް އެޤައުމުތަކުން ފާޅުގައި އެއްބާރުލުންދިނުންކަމުގައެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަން ފުޅާކުރުމަށް ދޭ ހިތްވަރެއްގެ ގޮތުގައެވެ.

އެންބަސީއަށް ދެވުނު ޙަމަލާއަށްފަހު އިސްރާއީލުގެ އެމްބަސީތަކަކީ ރައްކާތެރިކަން ލިބިފައިވާ ތަންތަންކަމުގައި ބަލައިގެން ނުތިބުމަށް ބުނެ އީރާންގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރު ޔަހްޔާ ރަހީމް ސަފާވީ ވަނީ އިސްރާއީލަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.

އީރާނުގެ ލީޑަރ ޢަލީ ޚާމަނާއީވެސް ވަނީ ދިމިޝްޤުގައި ހުރި އީރާނުގެ އެމްބަސީއަށް ދިން ޙަމަލާގެ ސަބަބުން އިސްރާއީލުން ކަރުނައަޅަންޖެހޭނެކަމަށްބުނެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

މިއިންޒާރުތަކާ އެކުއެކީ އީރާނުގެ އިސްނާ ނޫސް އެޖެންސީން ވަނީ އިސްރާއީލަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ 9 މިސައިލެއްގެ ފޮޓޯ ޝާއިޢުކޮށްފައެވެ.

މިއިންޒާރުތަކާ ގުޅިގެން ޓެލް އަވީވް ގައި ހުރި 27 ޤައުމެއްގެ އެމްބަސީ ވަނީ ބަންދުކޮށްފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ރިޕޯރޓްކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!