ރައީސް ޔާމީން ޕީއެންއެފް ގެ އޮފީހުގައި ފޮޓޯ: ދެން އިމޭޖްސް

ޕާޓީ އުފައްދަން ބާއްވާ ޖަލްސާ އަށް ވަޑައިގަތުމަށް ރައީސް ޔާމީނަކަށް ހުއްދައެއް ނުދިން!

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގެ ހުއްދައަށް މޯލްޑިވްސް ކަރެކްޝަނަލްސްގައި އެދިވަޑައިގަތުމުން އެކަމަށް ހުއްދަ ނުދޭން ނިންމާފައިވާކަން "ރިވާޔާ ނިއުސް"އަށް އެނގިއްޖެއެވެ.

ޕީއެންއެފްއަކީ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާ ޖެހުނު މައްސަލައެއްގައި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރުގައި އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. އެކަމަކު، ހުކުމް ތަންފީޒު ކުރައްވަމުން މިހާރު ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ޕީއެންއެފްގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ މިނިސްޓަރު މަލީހް ޖަމާލް "އެކްސް" ގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް މާދަމާރޭ ބާއްވާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިކަމާ ގުޅިގެން މަލީހް އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގެ ހުއްދައަށް ރައީސް ޔާމީންގެ ފަރާތުން ސިޓީއެއް ކަރެކްޝަނަށް ހުށަހެޅީ އިއްޔެއެވެ.

މި ސިޓީ އާއ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު "ވަގުތު" އަށް މިއަދު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ކަރެކްޝަނަށް ފޮނުވާ މިފަދަ ސިޓީތައް ހާމަ ނުކުރާ ކަމަށެވެ. އަދި އެއީ ގާނޫނުވެސް ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި މި ސިޓީގެ ޖަވާބު ރައީސް ޔާމީނަށް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އޮފިސަރު ވިދާޅުވީ މި ސިޓީ އާއި ގުޅޭ ގޮތުން ކަރެކްޝަނުން އެއްވެސް އެއްޗެއް ވިދާޅު ނުވެވޭނެ ކަމަށާއި ނަމަވެސް ރައީސް ޔާމީން ބޭނުންފުޅުވާނަމަ އެމަނިކުފާނަށް އެކަން ކުރެވިދާނެ ކަމަށެވެ.

ހުއްދަ ދިންތޯ ނުވަތަ ނޫންތޯވެސް ތަކުރާރުކޮށް އެހުމުންވެސް އޮފިސަރު ޖަވާބެއް ނުދެއްވިއެވެ.

އެހެން ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި މިޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކަރެކްޝަނުން ރައީސް ޔާމީނަށް ހުއްދައެއް ނުދެއެވެ.

ޔާމީން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ އެފަދަ ހަރަކާތެއްގައި ބައިވެރިވުން މަނާކޮށްފައި ވަނިކޮށެވެ.

ޑިސެމްބަރު 25، 2022 ވަނަ ދުވަހު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައި މާލެ ބަންދުގައެވެ. އަދި އެމަނިކުފާނަށް ވަނީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން އަދިވެސް މަނައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަން މަނާކޮށްފައި ވިޔަސް، ޔާމީނަށް ބޮޑެތި ލުއިތަކެއް މިހާރު ވެސް ލިބިވަޑައިގަންނަވައެވެ. އެގޮތުން ކަސްރަތު ކުރައްވަން ބޭރަށް ނުކުންނެވުމާއި ބޭސްފަރުވާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވެއެވެ.

ޔާމީން ގެއަށް ބަދަލު ކުރީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.

 

advertisement
ހިޔާލު ދެއްވާ!