މިޞްރުގައި ބިނާކުރަމުންދާ ނިއު ޢަލަމައިން ސިޓީގައި 1000 ސްމާރޓް ހައުސް އެޅުމަށް މިޞްރު ސަރުކާރުން ނިންމައިފިއެވެ.
މިޞްރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޔުޓިލިޓީޒް އެންޑް އާރބަން ކޮމިޔުނިޓީސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ނިއު ޢަލަމައިން ސިޓީގައި ސްމާރޓް ހައުސްތަކެއް ބިނާކުރުމަށް ޝްނެއިޑަރ އިލެކްޓްރިކް ކޮމްޕެނީއާއެކު ވާހަކަތައް ކުރިޔަށްދާ ކަމަށެވެ.
މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް ސީސީ 2018 ވަނަ އަހަރު ބިންގާ އަޅުއްވައިދެއްވި ނިއު ޢަލަމައިން ސިޓީއަކީ 20500 ހެކްޓަރގެ ބޮޑު ސަރަޙައްދެއްގައި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި މިޞްރުގެ އިސްކަންދަރިއްޔާއާ 85 ކިލޯމީޓަރ ދުރުގައި ބިނާކުރާ ސިޓީއެކެވެ.

3 މިލިއަން މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ބިނާކުރަމުންދާ ނިއު ޢަލަމައިން ސިޓީގައި ރިޔާސީ ގަނޑުވަރަކާއި ސަރުކާރުގެ ވުޒާރާތަކާއި މިޞްރުގައި ޢިމާރާތްކުރެވޭ އެންމެ އުސް 15 ޢިމާރާތްވެސް ހުންނާނެއެވެ. އޭގެ އިތުރުން މެގަ މޯލްތަކާއި ހައުސިންގ ޔުނިޓުތަކާއި ސިނަމާއާއި ބޮޑެތި މިސްކިތްތައްވެސް ހިމެނެއެވެ. މި ސިޓީގެ ފުރަތަމަ ފޭސްގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

މިޞްރުގެ މި މެގަ ޕްރޮޖެކްޓުގެ އަގަކީ 10 ބިލިއަން ޑޮލަރެވެ. މިޞްރު ސަރުކާރުގެ އަމާޒަކީ މިޞްރުގެ ވެރިރަށުގެ ގޮތުގައި ޤާހިރާ އޮތް އޮތުން ނިމުމަކަށް ގެނެސް ޢަލަމައިން ސިޓީއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމެވެ.