އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީސް ތެރޭގައި ބަސް ކިޔަން އަބަދާއި އަބަދު އެއްބަޔަކަށް ދީފައި އޮތުމުގެ ސަބަބުން ވީ ކަމެއް ނެތް ކަމަށާއި، އެކަން ބަދަލުކޮށްލަން މިފަހަރު އެ ދާއިރާއަށް ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މަރަދޫ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރަައީސް ވިދާޅުވީ، އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީސް ތެރޭގައި ބަސް ކިޔަން އަބަދާއި އަބަދު އެއްބަޔަކަށް ދީފައި އޮތުމުގެ ސަބަބުން ވީ ކަމެއް ނުވަތަ މާނަ ހުރި ދެމެހެއްޓެނިވި ތަރައްގީއެެއް ހާސިލް ނުވާ ކަން އެއީ އެ ސިޓީގެ ރައްޔިތުން ހެކިވެ ވަޑައިގަންނަވާ ކަންކަން ކަމަަަށެވެ.
"ކަންތައްތައް ނުވެ އެބަހުރި އެކިވަރުގެ މަޝްރޫއުތައް، އެހެން ނަމަވެސް މުޅި ސިޓީގެ ތަރައްގީއަށް ޒުވާނުންނާއި އެކި އުމުރު ފުރައިގެ ރައްޔިތުން އަބަދު ތި އުއްމީދު ކުރައްވާ ވިޝަންއެއް ހާސިލް ނުވޭ. އެހެންވީމަ އެ ގޮޑިތައް، މަޖިލީހުގައި ތިބޭފުޅުންގެ ފަރާތްޕުޅުން ތިއްބަވާ މެންބަރުން ތިއްބަވާ ގޮޑިތަކުގައި މި ވިސްނުމުގައި މާނަ ހުރި ތަރައްގީގެ ވިސްނުމަށް އެއްބާރުލުން ދޭނެ ބޭފުޅަކު މިފަހަރު ހޮއްވަވާ ދެއްވުމަކީ ތިޔަބޭފުޅުންނަަށް ތިޔަބޭފުޅުންގެ ތަރައްގިއަށްޓަކައި ޖެހޭނެ ފާހަގަ،". ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، ތަޖުރިބާކޮށްލުމުގެ ގޮތުންވެސް މިފަހަރު ޕީއެންސީންގެ ކެންޑިޑޭޓުން މަޖިލީހަށް ހޮއްްވަވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ދެއްވާ ޔަގީން ކަމަކީ ނަތީޖާ ނެރެދޭނެކަން ކަމަށްވެސް ރައީސް ވިދާާޅުވިއެވެ. ނަތީޖާ ނެރެދީ އައްޑޫ ރައްޔިތުން އުއްމީދު ކުރަމުން އައި ތަރައްގީ ހޯދައިދެއްވާނެ ކަަމަށްވެސް ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ މަޖިލީސްގައި އައްޑޫ ސިޓީގެ ހަތް ގޮނޑިއަށް އިންތިހާބުވެފައި ވަނީ އެމްޑީޕީ ހަތް މެންބަރުންނެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އައްޑޫ ސިޓީއަކީ ވަރަށް މުހިންމު ހިއްސާއެއް އޮތް ސިޓީއެއް ކަމަށެވެ. އެގޮތުން ދެމެހެެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން ދެކުނު ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޑެވެލޮޕްމެންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެ އެންމެ މުހިންމު ތަރައްގީގެ ނާރެސްގެ ގޮތުގައި ކަނޑައެޅި، އިއުލާންކޮށްފައި ވާނީ އައްޑޫ ސިޓީގެ ގޮތުގައި ކަަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ތަރައްގީ ގެނައުމުގައި ރައްޔިތުން އަޅުގަނޑަށް މި މަސައްކަތް ކުރުމުގެ އެއްބާރުލުން ދެއްވުމަށް އަޅުގަނޑުމެން އެދެނީ، މިއީ ކުޑަކުޑަ ވާހަކައެއް ނޫން، ވަރަށް ގިނަ މަސަައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގުޅިލާމެހިގެން ކުރެވިގެން ހާސިލް ކުރެވޭނެ ކަމެއް،".
ރައީސް ވިދާޅުވީ، ތަރައްގީގެ ޕްލޭންވެސް ފާސްވާން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަަމަށެވެ. އެއީ އެމަނިކުފާނު ބޭނުންފުޅުވަނީ 20 އަހަރުގެ ދުރު ރާސްތާ ތަރައްގީގެ މާސްޓަރ ޕޭލެނެއް އެކަމަށް ހާއްސަ ގާނޫނެއް ހަދައިގެން ގާނޫނަކުން ހިމާޔަތްތެރިކަމާއި ރައްކާތެރިކަން ލިބޭ ތަރައްގީގެ މާސްޓަރ ޕްލޭނެއް ގެނެސްދެއްވުމަށް ކަމުގައިވާތީ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެކީގައި ރައްޔިތުންގެ ފުރިހަމަ ހިޔާލާއި މަޝްވަރާ އާއި އެކީގައި ތައްޔާރު ކުރެވިފައި އޮންނަ 20 އަހަރުގެ މަސްޓަރ ޕްލޭނެއް އެ ޕްލޭނަކީ އެކަމަށް ހާއްސަ ގާނޫނެއް މަޖިލީހުން ފާސްވެފައި އޮންނަން ޖެހޭ އެއްޗަކަށް ވާން ޖެހޭނެ، އެ ޕްލޭންގައި މި އޮތީ އައްޑޫ ސިޓީގެ ތަރައްގީގެ ވާހަކަ،". ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ ކިބައިން އެދެނީ ތާރީހު ބަދަލުކޮށްދެއްވުމަށް ކަމަށާއި އެމަނިކުފާނަށް މިކަމުގައި އިތުބާރު ކޮށްދެއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ކޮށްދޭ އިތުބާރަކަށް ވާނީ އަޅުަގަނޑުގެ ފަރާތުން، އަޅުގަނޑު އިތުބާރު ކުރާ ތާއިދު ކުރާ، ޕީއެންސީގެ ކެންޑިޑޭޓުން ހޮވައި ދެއްވުން، އެއީ ތިޔަބޭފުޅުންނަށް ދެއްވޭނެ މިކަމަށް އޮތް އެއްބާރުލުމަކީ މިހާރު، 21 ވަނަ ދުވަހު މި ލާ ވޯޓުގައި އެ އެއްބާރުލުން ދެވެން އޮތީ،". ރައީސް ވިދާޅުވިއެވެ.