އިސްރާއީލުން އީރާނާ ދެކޮޅަށް އިލެކްޓްރޯމެގްނެޓިކް ބޮމެއް ބޭނުންކޮށްފާނެކަމަށް އިނގިރޭސި މީޑިއާއިން ރިޕޯރޓްކޮށްފިއެވެ.
ދިމިޝްގުގައި ހުންނަ އީރާން އެމްބަސީއަށް ދިން ހަމަލާއާ ގުޅިގެން އީރާނުން އިސްރާއީލަށް ދެމުންގެންދާ އިންޒާރުތަކާއެކު އިސްރާއީލަށް ހަމަލާދޭން ތެހެރާނުން ނިންމައިފިނަމަ އިލެކްޓްރޯމެގްނެޓިކް ބޮމެއް އީރާނާ ދެކޮޅަށް ބޭނުންކޮށްފާނެކަމަށް ހަނގުރާމައިގެ ކަންކަން ދިރާސާކުރާ ދިފާޢީ މާހިރަކާ ޙަވާލާދީ ޑެއިލީ ސްޓާއިން ރިޕޯރޓްކޮށްފިއެވެ.
ޑެއިލީ ސްޓާ ނޫހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިއީ ދުނިޔޭގައި އަދި ބޭނުންކޮށްފައިނުވާ ބާވަތުގެ ބޮމެއްކަމަށާއި، އިސްރާއީލުން މަސައްކަތްކުރާނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތައް ހިމެނޭ ތެހެރާނާއި އީރާނުގެ މެދުތެރޭގެ އެހެން ސަރަހައްދުތަކަށް މިބޮމުން ޙަމަލާދިނުމަށްކަމަށެވެ.
މިވައްތަރުގެ ބޮމުން ހަމަލާދިނުމުން އުފެދިގެންދާ އިލެކްޓްރޯމެގްނެޓިކް ވޭވް ތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރ ފެސިލިޓީތަކުގެ މަސައްކަތް ހުއްޓި، އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުންކުރުމަށް ބުރޫއަރާނެއެވެ.
ސީރިއާގެ ވެރިރަށް ދިމިޝްގު ގައި ހުންނަ އިރާނުގެ އެމްބަސީއަށް މިދިޔަ ހޯމަ ދުވަހު ދިން ވައިގެ ޙަމަލާއަށްފަހު އިސްރާއީލުގެ އެމްބަސީތަކަކީ ރައްކާތެރިކަން ލިބިފައިވާ ތަންތަންކަމުގައި ބަލައިގެން ނުތިބުމަށް ބުނެ އީރާނުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރު ޔަހްޔާ ރަހީމް ސަފާވީ އިސްރާއީލަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައިވާ މިދަނޑިވަޅުގައި އީރާނުން އިސްވެ ބަދަލުހިފުމުގެ ޙަމަލާއެއްދީފާނެކަމަށް ޤަބޫލުކުރެވޭތީ އިސްރާއީލުގެ އަސްކަރިއްޔާ މިހާރު ވަނީ ފުލް އެލާރޓަށް ގެނެސްފައެވެ.
އެގޮތުން އެޤައުމުގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމު ކޮންޓްރޯލް ކުރާ މަރުކަޒުތަކަށް އަސްކަރީ ރިޒާވްގައި ތިބި ސިފައިން ވެސް އަނބުރާ ގެނެސްފައެވެ. އަދި ޔަހޫދީންގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމުގެ ސިފައިންނަށް ދޭން ކުރިން ރާވާފައި ހުރި ޗުއްޓީތައް ވެސް ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ.