ފޮޓޯ: ދިޔަރެސް

ފާއިތުވި 24 ގަޑިއިރުތެރޭ ގާފަރަށް 52 މިލިލީޓަރުގެ ވާރޭ ވެހުނު: މެޓް އޮފީސް

ފާއިތުވި 24 ގަޑިއިރުތެރޭ ކ. ގާފަރަށް 52 މިލިލީޓަރުގެ ވާރޭ ވެހުނުކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް އޮފީސް)އިން މައުލޫމާތުދީފިއެވެ.

މެޓް އޮފީހުން މައުލޫމާތުދީފައިވާގޮތުން، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ފާއިތުވި 24 ގަޑިއިރުތެރޭ މާލެ އަތޮޅު ގާފަރަށް 52.9 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އެގޮތުން، އިއްޔެ ހެނދުނު 08:00 ކުން ފެށިގެން މިއަދު ހެނދުނު 08:00 އަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހިފައިވާ މިންވަރު ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާއިރު، މެޓް އޮފީހުން ވަނީ، ގާފަރު ހިމެނޭ ސަރަހައްދަށް މިއަދު ހަވީރު 16:00 ޖަހަންދެން ހުދު ސަމާލުވެސް ނެރިފައެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބަށް ބަލާއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީވެސް ގާފަރަށެވެ. ގާފަރާއި ޖެހިގެން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ، 49.9 މިލިލީތަރުގެ ބޯމިނެއްގައި ވާރޭވެހުނު ގދ. ކާޑެއްދޫއަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބު

  • ކ. ގާފަރު – 52.9 މިލިލީޓަރު
  • ގދ. ކާޑެއްދޫ – 49.4 މިލިލީޓަރު
  • މ. މުލި – 35.4 މިލިލީޓަރު
  • ލ. ކަށްދޫ – 32.2 މިލިލީޓަރު
  • ބ. ގޮއިދޫ – 24.8 މިލިލީޓަރު
  • ގދ. ތިނަދޫ – 19.4 މިލިލީޓަރު
  • ފ. ނިލަންދޫ – 16.1 މިލިލީޓަރު

މީގެ އިތުރުން، ގާފަރު ހިމެނޭ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ހާލަތާއި ބެހޭގޮތުން މެޓް އޮފީހުން އެކްސްއަށް ކުރި ޕޯސްޓުގައި ވާގޮތުން، އެ ސަރަހައްދަށް މިއަދު ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވެއެވެ. އަދި، މެޓް އޮފީހުން ވަނީ ފާއިތުވި 24 ގަޑިއިރުތެރޭ 3 ފަހަރު ގާފަރު ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.

advertisement
ހިޔާލު ދެއްވާ!