ހަމާސް ޖަމާޢަތުން އިސްރާއީލާއި މުޅި ހުޅަނގު ކުޑަކަކޫ ޖައްސުވާފިިކަމަށް އިސްރާއީލުގެ ލިޔުންތެރިޔާ އެލޮން މިޒްރާހީ ބުނެފިއެވެ.
އެލޮން މިޒްރާހީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަލަޞްޠީނުގެ ކުޑަކުޑަ ޙަމާސް ޖަމާޢަތުން އިސްރާއީލް ބަލިކޮށްލައިފިކަމަށެވެ. އަދި މުޅި ހުޅަނގު ދުނިޔެވެސް ބަލިކޮށްފިކަމަށެވެ. ހަމައެހެންމެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ތާރީޚު ބަދަލުކޮށްލައި ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފިކަމަށެވެ.
ހަމާސްއިން ހޯދާފައިވާ ކާމިޔާބީތައް ކިޔައިދެމުން އޭނާ އިތުރަށް ލިޔެފައިވާ ގޮތުގައި ހަމާސްއިން ވަނީ ޣައްޒާގެ ހަނގުރާމައިގެ މައިދާނުގައި ކާމިޔާބު ހޯދާފައެވެ. އާންމުންގެ ލޯބިވެސް ހޯދާފައެވެ. އަދި ލިބެން ހުރި ވަޞީލަތްތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރަމުންދާ ދިޔުމުގެ ސަބަބުން ހަމާސްއަކީ އާދައިގެ ކުޑަކުޑަ ޖަމާޢަތެއްގެ ގޮތުގައި އިސްރާއީލުން ދެކޭދެކުންވެސް ބަދަލުކޮށްލައިފިކަމަށެވެ.

އޭނާގެ އެކްސް ޕޯސްޓްގައި ލިޔެފައިވާ ގޮތުގައި އިސްރާއީލަށް ހަމާސްގެ ދުވަސް ދުއްވައެއް ނުލެވުނެވެ. ނުވަތަ ޙަމާސް ރޫޅާވެސް ނުލެވުނެވެ. އަދި މީގެ 6 މަސްދުވަސް ކުރިން ރަހީނުކުރި އިސްރާއީލުގެ ސިފައިން އަދިވެސް ތިބީ ހަމާސްގެ ބާރުގެ ދަށުގައިކަމަށާއި އެމީހުންް ތިބިތަނެއް ނުވެސް ހޯދުނު ކަމަށެވެ. އަދި އިސްރާއީލުގެ އެއްވެސް ޕްރެޝަރަކަށް ހަމާސްއިން ބޯނުލަނބާކަމަށާއި އެއްކޮށް ވީރާނާކޮށް ވަށާލެވިފައިވާ ކުޑަކުޑަ ސިޓީއެއްގައި ތިބެ ހަމާސްއިން ވަރުގަދަ ޙަމަލާތަކެއް އަދިވެސް ދެމުން ގެންދާކަމަށެވެ.
ހަމާސްއިން މި ފާއިތުވި 6 މަސްދުވަހު ހޯދާފައިވާ އަސްކަރީ ކާމިޔާބީއަކީ ކުރިން ތަޞައްވުރުވެސް ކޮށްލެވިފައިނުވާފަދަ ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި މުޅި އިސްރާއީލުގެ ހުރިހާ ބާރެއް ބޭނުންކޮށްގެންވެސް ހަމާސް ޖަމާޢަތް ބަލިކޮށްނުލެވުމުގެ ސަބަބުން ޙަމާސް ޖަމާޢަތް މިހާރު ވެފައިވަނީ ޒަމާންތަކެއް ވަންދެން އެޖަމާޢަތެއްގެ ވާހަކަ ދެކެވޭނެ ވަރުގަދަ ބާރެއްކަމުގައި ކަމަށް އެލޮން ވަނީ ބުނެފައެވެ.
އެލޮން އަކީ އިސްރާއީލުން ފަލަޞްޠީނާ ދެކޮޅަށް ކުރިޔަށް ގެންދާ ޞަޙްޔޫނީ ހަނގުރާމައާއި ދެކޮޅު ހަދަމުންދާ އިސްރާއީލްގެ ރައްޔިތެކެވެ. އެލޮން ދެކޭގޮތުގައި އިސްރާއީލްގެ ޢަމަލުތަކަކީ ލާއިންސާނީ ޢަމަލުތަކެކެވެ. އެލޮންގެ އިތުރުން އިސްރާއީލްގެ ވަރަށް ގިނަ ޢާއްމުންނާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ޣައިރު މުސްލިމުންވެސް ދަނީ މި ޢުދުވާނު ކުށްވެރިކުރަމުންނެވެ. ޙަމާސް ޖަމާޢަތާއި ފަލަޞްޠީނާ ދެކޮޅަށް ކުރިޔަށްގެންދާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލަމުންނެވެ.

ޙަމާސް ޖަމާޢަތަކީ ފަލަސްޠީނުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމަށްވާ ޝޭޙް އަޙްމަދު ޔާސީންގެ ބެއްލެވުމުގެ ދަށުން 1987ވަނަ އަހަރު އުފެދުނު ޖަމާޢަތެކެވެ.
މިޖަމާޢަތް އެންމެ ފުރަތަމަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ދެކޮޅަށް 1993 ވަނަ އަހަރު ދިން ވަރުގަދަ ޙަމަލާތަކަށްފަހުގައެވެ. އެއީ އިސްރާއީލަކީ ދަޢުލަތެއްކަމަށް ޤަބޫލުކުރައްވައި ޔަހޫދީންނާއެކު އެއްބަސްވުމެއްގައި ޔާސިރު ޢަރަފާތު ސޮއިކުރެއްވުމުގެ ފަސް މަސްދުވަސް ކުރިންނެވެ.
ޙަމާސް އުފެދުނުފަހުން ފާއިތުވި 36 އަހަރުގެ ތެރޭގައި އެ ޖަމާޢަތުން ވަނީ ކުރިމަތި ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެފައެވެ. އެ ގޮތުން 2000 ގެ އަހަރުތަކުގެ ކުރީކޮޅު އިސްރާއީލުން ޙަމާސްގެ ވާނީ ޝޭޚް ޢަހްމަދު ޔާސީން އާއި އެޖަމާޢަތުގެ އިސް ލީޑަރުން ކަމަށްވާ ޢަބްދުލް ޢަޒީޒް ރަންތީސީއާއި ޞަލާޙް ޝަޙީދުކޮށްލާ ޙަމާސް ބަލިކަށިކޮށްލަން މަސައްކަތްކުރިނަމަވެސް ފަލަޞްޠީން މިނިވަންކުރުމުގެ ޖިހާދު ކުރިޔަށް ގެންދިޔުމަށް އާ ޢަޒުމަކާއެކު އަބަދުވެސް ތެދުވެއެވެ.
ޙަމާސް އަދިވެސް އޮތީ އެ ޢަޒުމުގައެވެ.