އެކްއެޑޯގެ ވެރިރަށް ކީޓޯގައި ހުންނަ މެކްސިކޯ އެމްބަސީއަށް އެކުއަޑޯގެ ފުލުހުން ވަދެގަނެއްޖެއެވެ.
އެކްއަޑޯގެ ހާރިޖީ ވަޒީރު ގަބްރިއެލާ ސޮމާފެލްޑް ވިދާޅުވިގޮތުގައި އެމްބަސީއަށް ވަދެގަންނަން ފުލުހުންނަށް މަޖުބޫރުވީ އެ ގައުމުގެ ކުރީގެ ނައިބް ރައީސް ޖޯޖް ގުލާސް ސިޔާސީ ހިމާޔަތް ހޯއްދަވައި ގައުމުން ފިއްލެއްވުމުގެ ބިރު އޮތުމުންނެވެ.
ގްލާސްގެ މައްޗަށް އުފުލާފައި ހުރި ދަޢުވާތައް ސާބިތުވެ އަތުވެދާނެ ޖަލު ޙުކުމަކުން ސަލާމަތްވުމަށްޓަކައި މިދިޔަ ޑިސެމްބަރުން ފެށިގެން ގްލާސް ދިރިއުޅުއްވަމުން ގެންދަވަނީ މެކްސިކޯ އެމްބަސީގައެވެ. ރިޕޯޓްތައް ބުނާ ގޮތުން މެކްސިކޯއިން އޮތީ އޭނާއަށް ސިޔާސީ ހިމަޔާތް ދީފަ އެވެ. އަދި ރައްކާތެރިކަމާ އެކު އެކުއަޑޯ އިން މެކްސިކޯއަށް ގްލާސް ގެންދާނެ ގޮތްތަކެއް އޮތީ ރާވާފަ އެވެ.
މެކްސިކޯ އެމްބަސީއަށް އެކްއެޑޯ ފުލުހުން ގަދަބާރުން ވަދެގަތުމުގައި އެމްބަސީގެ ބައެއް އޮފިޝަލުންނަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް މެކްސިކޯގެ ރައީސް އަންދުރޭސް މެނުއެލް ލޮޕޭޒް އޮބްރާޑޯ ވިދާޅުވި އެވެ.
މެކްސިކޯ އަކީ މިނިވަން ދައުލަތަކަށް ވެފައި، މުސްތަގިއްލު ދައުލަތެއް ތަމްސީލްކުރާ އެމްބަސީއަކަށް ހަތިޔާރާ އެކު ފުލުހުން ވަނުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަތިޔާރާއެކު ފުލުހުން އެމްބަސީއަށް ވަދެ ޖޯޖް ގުލާސް އެމްބަސީ އިން ނެރެގެން ގެންގޮސް ބަހައްޓާފައި ހުންނެވީ ޖަލުގައި ފުލުހުންގެ ހިމާޔަތުގައި ކަމަށް ހަބަރުތައް ބުނެ އެވެ. އެކްއެޑޯގެ ވިސްނުމަކީ އޭނާ ހައްޔަރުގައި ބަހައްޓައި ޝަރީއަތް ހިންގުމެވެ.
އެކްއެޑޯގައި ހުންނަ މެކްސިކޯ އެމްބަސީއަށް ހަތިޔާރާ އެކު ފުލުހުން ވަދެގަތް މައްސަލާގައި މެކްސިކޯއިން ވަނީ އެކްއެޑޯއާ އެކު އޮތް ސިޔާސީ ގުޅުން އެއްކޮށް ކަނޑާލާފަ އެވެ.