ބޮމުގެ ޙަމަލާއެއްގައި ވީރާނާވެފައިވާ ޣާޒާގެ ސަރަޙައްދެއް... ފޮޓޯ: މަޔާދީން ނިއުސް

ޣައްޒާގައި ޝަހީދުވީ މީހުންގެ ޢަދަދު 33,137 އަށް އަރައިފި

ފަލަސްޠީނުގެ ޣައްޒާގައި ޝަހީދުވީ މީހުންގެ އަދަދު 33،137 އަށް އަރައިފިކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލުމަށް އިސްރާއީލުގެ ޞަޙްޔޫނީ ދައުލަތުން ފަށާފައިވާ ލާއިންސާނީ ޢުދުވާނަށް ހަ މަސް ފުރިފައިވާއިރު ޝަހީދުވި މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އަދި މި ޢުދުވާނުގައި ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތި ކޮށްލާފައެވެ.

ހަމައެހެންމެ އެ ސަހަރުގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ގެދޮރު ނެތިކޮށް, މަގުމަތި ކޮށްލާފައެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޑްރޯންތަކާއި އަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކު ބޭނުން ކޮށްގެން ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ކުށެއް ނެތް ޢާންމު ރައްޔިތުންނެވެ. އަދި މައުސޫމު ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ހަމައެހެންމެ ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ވެސް ޔަހޫދީ ސިފައިން ދަނީ ޢުދުވާނީ ހަމަލާތަކެއް ދެމުންނެވެ.

މީގެ ތެރޭގައި ބައިތުލް މަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރާ މުސްލިމުންނަށް ޔަހޫދީ ސިފައިން ދަނީ ހުރަސްއަޅަމުންނެވެ.

މި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާ ދިމާކޮށް, ޔަހޫދީ ޞަޙްޔޫނީ ސިފައިން ދަނީ މަސްޖިދުލް އަޤްޞާގައި ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާ މީހުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކަރުނަ ގޭސް ޖަހައި ޙަމަލާވެސް ދެމުންނެވެ. 

advertisement
ހިޔާލު ދެއްވާ!