ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ މާދަމާރޭ ބާއްވަން ނިންމައިފިއެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ މާދަމާ ރޭ (9 އެޕްރީލް 2024 ވާ އަންގާރަ ވަނަ ދުވަހުގެ ރޭ) 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ. މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ. ޕާޓީގެ އެންމެހާ މެމްބަރުންނަށް ދަޢުވަތު އަރުވަން." މިހެންނެވެ.
ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުންކަމަށްބުނެ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސްކުރީ ރައީސް ޔާމީނަށް ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނުން ނުދިނުމުންނެވެ. މާދަމާ ރޭ ބާއްވަން ނިންމިޔަސް އެ ހުއްދަ ކަރެކްޝަނުން އަދި ނުދެއެވެ.
ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކުރިނަމަވެސް، އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ.
ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.