ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މި ނިޒާމަކީ އެ އިދާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާ ނިޒާމެކެވެ.
މިއީ މިހާރު ޢަމަލުކުރަމުންދާ ޕެޓިޝަންގެ ނިޒާމު ޒަމާނީކޮށް އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ތައާރަފުކުރަން ރާވާ ގޮތާއި ބެހޭ ސިޔާސަތު ކަރުދާސްކަމަށްވެސް އެއިދާރާއިން ބުނެއެވެ.
އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް އެއްވެސް މީހެއްގެ ޚިޔާލެއް އޮތްނަމަ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. މީގެ އިތުރުން އޮންލައިންކޮށްވެސް ޚިޔާލު ހުށަހެޅޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހުގައި ހިމެނޭ މުހިންމު މަފްހޫމްތަކާއި މި ނިޒާމު ތަރުތީބު ކުރެވިފައިވާ ގޮތް ތަފްޞީލްކޮށް ދިނުމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވުމަށް މަޖްލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.
އެ ގޮތުން ސަަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި ސިޔާސީ ޕާޓީތަކާއި ޔުނިވާސިޓީތަކާއި މަދަނީ ޖަމިއްޔާތަކަށް މައުލޫމާތު ދިނުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އާންމުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.