ރަމަޟާންމަހުގެ ހަނދުބެލުމުގެ ޖަލްސާ ކުރިޔަށްދަނީ ފޮޓޯ: މިނިސްޓްރީ

ޝައްވާލު މަހުގެ ހަނދު ބެލުން މިރޭ އޮންނާނެ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ހަނދާ ބެހޭ ގޮތުން ނިންމާ ނިންމުން ޓީވީ އާއި ރޭޑިއޯ އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ފަލަކީ އިލްމުވެރިންނާއި ދީނީ ކޮމިޓީތަކުން ލަފާކުރާ ގޮތުން ޝައްވާލް މަހުގެ ހަނދު މިރޭ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ސަބަބަކަށް ވަނީ، ޝައްވާލް މަހުގެ ހަނދު އުފަންވެ އިރު އޮއްސުމުގެ މާ ކުރިން ހަނދު އޮއްސޭނެ ކަމަށް ދައްކާތީއެވެ. ހަނދު ނުފެނިއްޖެނަމަ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް އަދި ފިޠުރު ޢީދު ދުވަހަށް ވާނީ މި މަހުގެ 10 ވާ ބުދަ ދުވަހެވެ.

ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. ހަނދު ފެނިގެން އެ މައޫލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންޖެހޭނެއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ.

advertisement
ހިޔާލު ދެއްވާ!