އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ، އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ.
"އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ. މާދަމާވާނީ ރަމަޟާން 30 އަށް." ރައީސް މައުމޫން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިތުރުން ޢަރަބި ގިނަ ޤައުމުތަކަށްވެސް މިރޭ ހަނދު ނުފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
މިޞްރުގެ ދާރުލް އިފްތާއުން ވެސް ވަނީ މާދަމާއަކީ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމަށާއި، ޢީދު ވާނީ އޭޕްރީލް 10 ގައި ކަން ހާމަކޮށްފައެވެ. ފަލަކީ ހިސާބުތައް ދައްކާގޮތުން މިއަދު މައްކާއަށް އިރުއޮއްސުމުގެ 12 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. މިޞްރަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 10 މިނެޓް ކުރިންނެވެ. އަދި އެހެން އިސްލާމީ ޤައުމުތަކަށްވެސް އިރު އޮއްސުމުގެ 2 މިނެޓާއި 20 މިނެޓާއި ދޭތެރޭގެ ވަގުތެއްގައި ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން އިރު އޮއްސޭފަހުން ހަނދު ފެނުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް އޮތްކަމަށް ފަލަކީ ހިސާބުތަކުން ނުދައްކައެވެ.
ކަލަންޑަރުގައިވާ ގޮތުންވެސް މިއަހަރުގެ ފިޠުރު ޢީދު ދުވަސް ދިމާވާނީ އެޕްރީލް 10 ވާ ބުދަ ދުވަހާ އެވެ.