ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވަކިހާލަތެއްގައި ވެލިނެގޭ ގޮތަށް ހަމަޖައްސައިފި

ހިމާޔާތްކޮށްފައިހުންނަ ސަރަހައްދުތަކުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ބިން ހިއްކުމާއި ވެލި ނެގޭގޮތަށް ގަވައިދު އިސްލާޙުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ މި އިސްލާހުގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ބޭނުމަށް، ވަކި ޝަރުތުތަކެއް ފުރިހަމަކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ސެންސިޓިވް" ސަރަހައްދުތަކުން ބިން ހިއްކުމާއި ވެލި ނެގުމާއި ފަޅު ފުންކުރުމުގެ ހުއްދަ ދެވިދާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ހުއްދަ ދޭއިރު އެ ތަނުގައި ހުރި ދިރުންތަކާ ބެހޭ ތަފްސީލީ ދިރާސާއެއް ހަދަންޖެހެއެވެ. އެގޮތުން އެތަނުގައި ހުރި ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ގެންގުޅޭނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭއިރު ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަނެ، ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ސަރަހައްދުގެ ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަލުތައް ދިރާސާކޮށް، ބަދަލެއް އަތުވެދާނެ ކަމަށް ފެންނާނެ ނަމަ އެކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމާއި، މިކަންކަން ތަންފީޒީ އިދާރާއަކުން މޮނިޓަރ ކުރަންޖެހޭނެ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާ 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ.

advertisement
ހިޔާލު ދެއްވާ!