ޝައްވާލު މަހުގެ ހަނދު ބެލުމުގެ ހަރަކާތުގެ ތެރެއިން ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހަނދު ނުފެނުނު. ޢީދު ދުވަހަކީ އޭޕްރީލް މަހުގެ 10ވާ ބުދަ ދުވަސް

މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 10 ވާ ބުދަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

 

މިއަހަރުގެ ހަނދު ސާބިތުކުރުމަށް އިސްލާމިކް  މިނިސްޓްރީ އިން ބޭއްވި ޖަލްސާގެ ބަޔާނުގައި ވަނީ "ހިޖްރީ ސަނަތުން 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 29، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ އޭޕްރީލް 8 ވީ ހޯމަދުވަހުގެ އިރުއޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށް 1445 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުނުވާތީއާއި އިސްލާމީ އެއްވެސް ޤައުމަކަށް މިރޭގެ ހަނދު ފެންމަތި ނުވާނޭކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީއާއި ރަމަޟާންމަހާއި ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައިވާ ގޮތުގެ މަތިން މާދަމާ މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ އޭޕްރީލް 9 ވާ އަންގާރަ ދުވަހަކީ 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމުގައްޔާއި މިހިނގާ އޭޕްރީލްމަހުގެ 10 ވާ ބުދަ ދުވަހަކީ 1445 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.

އެހެންކަމުން މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދުވަހަކީ 9 އޭޕްރީލް ވާ އަންގާރަ ދުވަހެވެ. ޢީދު ދުވަސް ވާނީ ބުދަ ދުވަހަށެވެ.

ހަނދު ސާބިތުކުރުމުގެ ޖަލްސާގެ ކުރިންވެސް މާދަމާއަކީ ޢީދަށް ނުވާނެކަން ފަލަކީ ހިސާބުތަކުން އޮތީ ޔަޤީންވެފައެވެ. ފަލަކީ ޢިލްމުވެރިޔާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ވަނީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެކަމަށާއި މާދަމާވާނީ ރަމަޟާން 30 އަށް ކަމުގައި އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އިތުރުން ޢަރަބި ގިނަ ޤައުމުތަކަށްވެސް މިރޭ ހަނދު ނުފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ ފިތުރު އީދު ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ތައްޔާރީތަކެއް އަންނަނީ ވަމުންނެވެ. އެގޮތުން, މާލެއާއި, ސިޓީތައް އަދި އަތޮޅު ވެރިރަށްތައް ދިއްލުންތަކުން ޒީނަތްތެރި ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ.

advertisement
ހިޔާލު ދެއްވާ!