ރާއްޖޭގެ ހުރިހާ ސިޓީތަކާއި މަރުކަޒީ އިދާރާތައް، އީދުގެ އަލިން ދިއްލުމަކީ ރައީސް ވެވަޑައިގެންނެވި ވައުދެއް: ވަޒީރު

ރާއްޖޭގެ ހުރިހާ ސިޓީތަކާއި މަރުކަޒީ އިދާރާތައް، ޢީދުގެ އަލިން ދިއްލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދުއަލި ދިއްލުމާއި ޖުމްހޫރީ މައިދާނުގެ ފައްވާރާ އަލުން އިފްތިތާޙް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އީދު އަލި ދިއްލުމުން ރައީސް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކަންކަން ފުރިހަމަ ކުރައްވާނެކަން ރައްޔިތުންނަށް ސާބިތުވެގެންދާ ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާޢީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ މިފަދަ އިޖުތިމާޢީ ކަންކަމަށާއި ކައުންސިލްތައް ހިންގުމާއި ރައްޔިތުން ބާރުވެރިކުރުވުމުގައި ރައީސް ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ހަރުދަނާ އަދި ރައްޔިތުން ވަރަށްބޮޑަށް ބާރުވެރިކުރުވާ ސިޔާސަތެއް ކަމަށެވެ.

ރަމަޟާން މަހަށް ހާއްސަކޮށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ބެހުމާއި އަދި އީދު އަލި ރައްޔިތުންނަށް ފޯރުކޮށްދެވުން ފަދަކަންކަމުގައި ވަރަށް މުހިންމު ބޭނުންތަކެއް ހިމެނޭ ކަމަށާއި މިކަންކަމަކީ ރައްޔިތުން ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަންކަން ކަމަށް ވަޒީރު ވިދާޅުވީއެވެ.

ޚާއްސަގޮތެއްގައި ރަމަޟާން މަހު ފަހު ދިހައެއް ސަރުކާރުން ބަންދުކުރުން ވެގެން ދިޔައީ ރައްޔިތުން އެކަމަށްޓަކާ ވަރަށް ބޮޑަށް އުފާކުރި އަދި އެކަމުގެ ސަބަބުން ރައްޔިތުން ދީނީ އަޅުކަމާއި ވަރަށް ބޮޑަށް ގާތްވުމުގެ ފުރުސަތު ލިބިގެންދިޔަ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

 

advertisement
ހިޔާލު ދެއްވާ!