ރާބިޠާގެ ބައްދަލުވުމެއް. ފޮޓޯ: ރާބިޠާ

ރާބިޠާގެ އެންމެ މަތީ މަޖްލީޙުގެ މެމްބަރުކަން ޑރ. ޝަހީމަށް

މުސްލިމު ވޯލްޑް ލީގު (ރާބިޠަތުލް އާލަމީިލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޢައްޔަންކޮށްފި އެވެ.

އެ މަޖިލީހަށް ޑރ. ޝަހީމް، ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމުލް ޢީސާ އެވެ.

ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚްސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލް އާލަމީިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ. އެމަޖްލީހަކީ އެޖަމްޢިއްޔާގެ އެންމެ މަތީ ބާރެވެ.

ރާބިޠާގެ ކައުންސިލް އެކުލެވިގެންވަނީ (60) މެންބަރުންގެ މައްޗަށެވެ. އެއީ މުސްލިމް ރައްޔިތުންނާއި މައިނޯރިޓީތައް ތަމްސީލުކުރާ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތައް ކުރަމުންދާ މީހުންގެ ތެރެއިން ހޮވާލެވިގެން ޢައްޔަންކުރެވޭ 60 މެމްބަރުންނެވެ.

މި ޖަމްޢިއްޔާގެ އެންމެ މަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ސައުދީ އަރަބިއްޔާގެ އިސް މުފްތީއާއި، އިސް ޢިލްމުވެރިންގެ މަޖިލީހުގެ މުޤައްރިރު ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުالله އައް ޝައިޚެވެ.

ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމްޢިއްޔާ އެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މައްކާގަ އެވެ.

advertisement
ހިޔާލު ދެއްވާ!