ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ އަމިއްލައަށް ކަރަންޓުދީގެންވިޔަސް މިރޭ ބާއްވާނެކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވަން ސަރުކާރުން ދަނީ މަރުފަލި ޖަހަމުންކަމަށާއި، ސަރުކާރުން އަންގައިގެން ސްޓެލްކޯ އެމްޑީ ޣިޔާސުއްދީން ސްކޯލް ހޯލަށް ކަރަންޓުނުދީ ހިފަހައްޓާފައިވާ ކަމަށާއި ކަނު އަނދިރީގަވެސް މިރޭ ޕީއެންއެފް ޖަލްސާ ބާއްވާނެ ކަމުގައެވެ.
ޕީއެންއެފް ޖަލްސާ ހުއްޓުވުމުގެ ގޮތުން ސްޓެލްކޯއިން ކަރަންޓު ނުދިންކަމަށާއި، ސްޓެލްކޯ އެމްޑީ ފަހުމީ ކަރަންޓު ނުދިނަސް ޖަލްސާ ކުރިޔަށް ދާނެކަމަށް މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަދި ޖަލްސާ ކުރިޔަށް ދާނީ ޕީއެންއެފްގެ އަމިއްލަ ކަރަންޓުގައިކަމަށްވެސް މަލީޙުގެ ޕޯސްޓްގައިވެއެވެ.
ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ އޮންނާނީ މިރޭ 09:15 ގައި ގިޔާސުއްދީން ސްކޫލް ހޯލުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެކުރިން ބާއްވަން އުޅުނު ޖަލްސާ ފަސްކުރީ ރައީސް ޔާމީނަށް ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނުން ނުދިނުމުންނެވެ. ޖަލްސާ މިރޭ ބާއްވަން ނިންމިޔަސް އެ ހުއްދަ ކަރެކްޝަނުން އަދި ނުދެއެވެ. ޕީއެންއެފުން ބުނީ ހުއްދަ ނުލިބުނަސް ޖަލްސާގައި ރައީސް ޔާމީން ބައިވެރިވަޑައި ގަންނަވާނެކަމަށެވެ.
ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކުރިނަމަވެސް، އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެއްނޯވެއެވެ.
ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.