ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޢީދު ސަލާމްކުރެއްވުން މާދަމާ އެންދެރިމާގޭގައި ބާއްވާގޮތަށް އެމަނިކުފާނު ނިންމަވައިފިއެވެ.
30 އަހަރު ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މައުމޫން މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢީދު ސަލާމް ކުރައްވާނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށެވެ.
މައުމޫން ބާއްވާ ސަލާމް ކުރެއްވުން ކުރިއަށްދާނީ އެމަނިކުފާނުގެ ގެކޮޅު މ. އެންދެރިމާގޭ ގައެވެ.
ރައްޔިތުންނާ ސަލާމް ކުރެއްވުމަކީ، މިހާރު އުމުރުފުޅުން 86 ފުރިވަޑައިގެންފާ ރައީސް މައުމޫނުގެ ވެރިކަމުގައި ގެންގުޅުއްވި ސަގާފަތެކެވެ. ކުރީގެ ރައީސް ޔާމީން އާއި ރައީސް ޑރ ވަހީދު އަދި ރައީސް ސޯލިހުގެ ވެރިކަމުގައިވެސް މި ސަގާފަތް އޮތެވެ.
މާދަމާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ ސަލާމް ކުރެއްވުން އޮންނާނެއެވެ. ރައީސް މުޢިއްޒުގެ އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ހެނދުނު 9:30 އިން 10:30 އަށް ރައީސްގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.